މިމަހުގެ 17 ވީދުވަހު ގއ. ވިލިނގިލީގައި މީހަކު ރަހުމްކުޑަ ގޮތަކަށް މަރާލާފައި އޮއްވާ ފެނުނެވެ. އެއީ މަރާލުމަށްފަހު އެއްލާލާފައިވާ މީހެއްކަމަށް ބެލެވިގެން މީޑިއާގައި އެގޮތަށް ރިޕޯޓް ކުރިއެވެ. ނަމަވެސް ފަހުން ލިބުނު މައުލޫމާތަކީ އެއީ ވަގުން ހިފަން ޖަހާފައި ހުރި "ކަރަންޓް ދަންތުރަ"އެއްގައި ޖެހި ހިނގި މަރުގެ ހާދިސާއެއް ކަމެވެ. މިކަން ސާފުވުމުން އެ މަރުގެ ޒިންމާ، އެ ދަންތުރަ ޖަހާފައި ހުރި ހަރުގެ ބަލަހައްޓަމުން އައި މީހާ ނަގަންޖެހޭނެ ކަމަށް އަދި އެ ޒިންމާ އޭނާ ނަގަން ނުޖެހޭނެ ކަމަށް ބުނާ ބަހުސެއް މިހާރު ވަނީ އުފެދި އެވެ.
އެނގިފައިވާ ގޮތުގައި ހަރުގެ ބެލެހެއްޓި މީހާ އެފަދަ ދަންތުރައެއް ހަދަން ޖެހުނީ ކެނޑިނޭޅި އެ ހަރުގެއިން ވައްކަން ކުރަމުންދާތީ ފުލުހުންނަށް އެ މައްސަލަ އެތައް ފަހަރަކު ހުށަހަޅައި އަޅައި ނުލައިގެނެވެ. އަދި މުދާ ރައްކާތެރިކުރުމުގެ ނިޔަތުގަ އެވެ. މުދަލަކީ ރައްކާތެރި ކުރެވެންވެސް ޖެހޭ އެއްޗެކެވެ.
މި މައްސަލައިގައި ގާނޫނީ ވަކީލުންގެ ބަހުސްއެއް ފެށިފައިވާ އިރު، މުދާ ހިމާޔަތް ކުރުމާއި ފުރާނަ ސަލާމަތް ކުރުމަކީ ވެސް މަތީ މަސްލަަހަތެވެ.
ވަގުން ހިފުމަށް ދަންތުރަ ޖެހުމާއި ގުޅޭގޮތުން ގަނޫނީ ވަކީލު މަހުފޫޒު ސައީދު ވިދާޅުވި ގޮތުގައި ސަލާމަތީ ސަބަބުތަކަށްޓަކައި ކަމުގައިވީ ނަމަވެސް، މީހެއްގެ ފުރާނައަށް ގެއްލުންވެދާނެ ފަދަ ވަސީލަތްތަކާއި، އެފަދަ ނިޒާމުތައް ގާއިމު ކުރުމަކީ ރާއްޖޭގެ ގާނޫނުތަކުން ހުއްދަކުރާ ކަމެއް ނޫނެވެ. ގާނޫނު ލާޒިމު ކުރަނީ ހުރިހާ ވަގުތެއްގައި ވެސް މީހާގެ އަމަލުތައް އަނެކާއަށް ގެއްލުމެއް ނުލިބޭގޮތަށް ބެހެއްޓުމަށެވެ.
ސެކިއުރިޓީގެ ނަމުގައި ކަރަންޓު ދަންތުރަޖެހުމާއި، ދޮރު ހުޅުވުމުން ނުވަތަ އަތްލުމުން ޝޮކްޖެހޭ ގޮތަށް ހެދުމާއި، ގޯތި ތެރޭގައި އަނދަވަޅުކޮނެފައި ބެހެއްޓުން ފަދަ ކަންކަމަކީ އަނެކާއާމެދު ބަހައްޓަންޖެހޭ އަޅައިލުމުގެ ޒިންމާއާ ހިލާފު، އަދި ފަރުވާކުޑަ އަމަލެކެވެ.
މަހުފޫޒު ވިދާޅުވާ ގޮތުންނަމަ އެފަދަ ދަންތުރައެއްގައިޖެހި މީހަކު މަރުވެއްޖެނަމަ އެ އަމަލަކީ ގާނޫނުލްއުގޫބާތުގެ 110 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ، މީހެއްގެ ފުރާނައިގެ އަގަށް އެއްވެސް ފަރުވާލެއް ނެތްކަމަށް ދައްކުވައިދޭ ހާލަތެއްގައި ކުރާ ފަރުވާކުޑަ ޢަމަލެއްގެ ސަބަބުން މީހަކު މެރުވުމެވެ. އެއީ ޖިނާޔާތުގެ 1 ވަނަ ދަރަޖައިގެ ކުށެކެވެ. އެ ޢަމަލު ކުރި މީހާގެ ޤަސްތަކީ މީހަކަށް ބޮޑު އަނިޔާއެއް ލިބޭނޭ ފަދަ ޙާލަތެއް ކުރިމަތިކުރުވުން އެކަނި ކަމަށްވިޔަސް، އެ ޢަމަލުގެ ސަބަބުން މީހަކު މަރުވެއްޖެނަމަ، ގާނޫނުލްއުގޫބާތުގެ 24 ވަނަ މާއްދާގެ (ރ) ގައި ބަޔާންކުރާ މަގުސަދުގެ ރުކުން ފުރިހަމަވެ އެވެ. އެއީ އެފަދަ ދަންތުރައެއްގައިޖެހޭ މީހާ މަރުވުމަކީ ކުރިމަތިވެދާނޭ ހާލަތެއްކަން އެކަން ކުރާ މީހަކަށް އެނގޭނޭތީ އެވެ.
މި ވާހަކަތަކާއި ދެކޮޅު ގާނޫނީ ވަކީލުން ވެސް އުޅުއްވަ އެވެ. އޭގެ ތެރެއިން ބޭފުޅެއް ކަމަށްވާ އަލީ ޝާހު ވިދާޅުވި ގޮތުގައި މުދާ ހިމާޔަތް ކުރުމަކީ އިސްލާމީ ޝަރީއަތުގެ އެއް ސަބަބެވެ.
"މުދާ ހިމާޔަތް ކުރުމުގައި އެކި ގައުމުތަކުގައި އެކި ކަހަލަ ވަސީލަތްތައް ބޭނުން ކުރޭ، މިސާލަަކަށް، ކުއްތާ، ލޭޒާބީމް، ކަރަންޓު، ވޮޗްމޭން، ބޮޑު ތަޅު ފަދަ ވަސީލަތްތައް. އެއިން ވަސީލަތެއް ފުނޑާލާ މުދަލަށް ގެއްލުންދޭ ވަގުތު އެކަން ކުރާ މީހަކަށް ލިބޭ ގެއްލުމަކީ މުދަލުގެ ވެރިފަރާތުން އޭގެ ޒިންމާ ނަގަންޖެހޭނެ ކަމެއް ނޫން. އަދި އެއީ ފަރުވާ ކުޑަ އަމަލެއްވެސް ނޫން. އަދި އެއީ ރާއްޖޭގެ އެއްވެސް ގާނޫނެއްގައި މަނާ ކަމެއް ވެސް ނޫން" ޝާހު ވދާޅުވި އެވެ.
މަހުފޫޒު ހަވާލާ ދެއްވާ ގާނޫނޫލްއުގޫބާތުގެ މާއްދާއާމެދު ޝާހު ދެކެ ވަޑައިގަންނަވާ ގޮތަކީ މިއެވެ. ވިލިނގިލީގެ މަރުފަދަ ކަންކަމުގައި އެޕްލައި ކުރެވޭނެ އަދި އެގޮތަށް މާނަ ކުރެވޭނެ މާއްދާއަކަށް އެ މާއްދާއެއް ނުވެއެވެ.
މުދަލުގެ ވެރިޔާ އެތައް މަސައްކަތަކުން މުދާ ހޯދާފައި، މުދާ ބަހަލައްޓަން 24 ގަޑި އިރު ނުނިދާ ހުރުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. އެހެން ކަމަށްވާނަމަ ދައުލަތުގެ އިދާރާތަކުގައި ކަށިނަރު ޖެހުމާއި، ބަޑި ދީފައި މީހުން ބޭތިއްބުމަކީ ވެސް ކުށެކެވެ.
"ނިޔަތަކީ މުދާ ހިމާޔަތްކުރުން. ވައްކަން ކުރުމުގެ ތެރޭގައި ފުރާޅުން ވެއްޓި މަރުވުން، ނުވަތަ ގުނަވަނެއް ބުރިވެ މަރުވުން އެއީ ފުރާޅު ނުވަތަ ތިޖޫރީގެ ވެރިފަރާތް ކުށްވެރިވާނެ ކަމެއްނޫން" ޝާހު ވިދާޅުވި އެވެ.
އެހެން ވަކީލަކު ވިދާޅުވި ގޮތުގައި މުދާ ރައްކާތެރިކުރުމަކީ ވެސް ދީނުގައި އޮންނަ ކަމެކެވެ. ކަރަންޓު ދަންތުރައިގައި ޖެހުނު މައްސަލައިގައި މަރުގެ ޒިންމާ ނަގަންޖެހޭ ގޮތަށް ހަރުގެ ބަލަހައްޓާ މީހާގެ މައްޗަށް ދައުވާއެއް ނުކުރެވޭނެ އެވެ. މަވެސް އެ މައްސަލަ އިތުރަށް ތަހުގީގު ކުރުމަށްފަހު އެމީހާވެސް ޒިންމާވާންޖެހޭ ކަމެއް އޮވެއްޖެ ނަމަ ގާނޫނޫން އުގޫބާތުގެ ކޮންމެވެސް އެހެން ހިސާބަކުން ކުޑަ ދައުވާއެއް ކުރުމުގެ ފުރުސަތު އެބަ އޮތެވެ.
ގާނޫނީ އެކި ބޭބޭފުޅުންގެ ރައުޔު މިކަމުގައި ތަފާތުވެފައިވާ އިރު، ވަކީލު މަހުފޫޒު ވިދާޅުވަނީ ލޮޖިކަލް ވިސްނުމަކުން ބަލާއިރު، އެފަދަ ދަންތުރައެއް ހެދުމަކީ ވެސް މައްސަލައެކެވެ. އެގޮތުން އެ ދަންތުރައިގައި އެ ހެދިމީހާއަށް ވެސް އޮޅިގެން ޖެހުމުގެ ފުރުސަތު އޮންނާނެ އެވެ. އަދި އެހެން މީހަކަށްވެސް އެކަމުން ގެއްލުމެއް ލިބިދާނެ އެވެ.
މިހާރު އަމަލު ކުރަމުންދާ ގާނޫނޫލް އުގޫބާތަށް އަމަލު ކުރަށް ފެށުމުގެ މާކުރިން ރާއްޖެގެ އުތުރުގެ ރަށެއްގައި މިފަދަ ހާދިސާއެއް ހިނގި އެވެ. އެރަށުގައި ދިރިއުޅުނު ބިދޭސީންތަކެއްގެ ބަދިގެއިން ތަކުރާރުކޮށް، ވައްކަންކޮށް، ގެއްލުން ދެމުން ގެންދާތީ އެ ބިދޭސީންތައް ހެދި ކަރަންޓް ދަންތުރައެއްގައި ޖެހި އެރަށު ޒުވާނަކު މަރުވި އެވެ. އެ މައްސަލައާއި ގުޅިގެން އޭރު ރާއްޖޭގައި އަމަލު ކުރަމުން އައި ގާނޫނުތަކުގެ ތެރެއިން އެމީހުންގެ މައްޗަށް ދައުވާ އުފުލައި ޝަރީއަތް ވެސް ހިންގި އެވެ. އަދި އެދައުވާ ސާބިތުވެސް ވިއެވެ.
ނަމަވެސް މިހާރު އަމަލު ކުރަމުން އަންނަ ގާނޫނުލްއުގޫބާތުގެ ތެރެއިން އެ މައްސަލައިގައި ދައުވާ އުފުލިދާނެ ކަމަކަށް ގިނަ ގާނޫނީ ވަކީލުން ގަބޫލެއް ނުކުރެ އެވެ. މި މައްސަލައިގައި ކަން ހިނގާނެ ގޮތެއް އެނގިގެންދާނީ ފުލުހުންގެ ތަހުގީގު ނިމި، އެކަމުގައި ޕީޖީ އަަމަލު ކުރައްވާ ގޮތަކުންނެވެ. ނަމަވެސް ގާނޫނީ ވަކީލުންގެ މެދުގައި ހިޔާލު ތަފާތުވެފައިވާ މި މައްސަލައަކީ ހައްލު ހޯދަން ޖެހޭނެ މައްސަލަ އެކެވެ.