ހަބަރު

އައްޑޫގައި މަގުމަތިން ދިޔަ ބިދޭސީއެއް ގަޔަށް ވަޅި ޖަހައިފި

އައްޑޫ ސިޓީ ހިތަދޫގައި ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލި ބިދޭސީއަކަށް އައިސީޔޫގައި ފަރުވާދޭން ފަށައިފި އެވެ.

ފުލުހުން ބުނީ، ރޭ ފަތިހު 4:00 ހާއިރު، އައްޑޫ ސިޓީ ހިތަދޫ ބޮޑު މަގުން ބައިސިކަލްގައި ދުއްވާފައިދިޔަ އިންޑިއާގެ މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވާ ކަމަށެވެ. އަދި ތޫނު އެއްޗަކުން ހަމަލާދީފައިވަނީ އޭނާގެ މޫނު މައްޗަށް ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ.

އޭނާ އަށް ފަރުވާ ދެމުން އަންނަނީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި އެވެ. އެ ހޮސްޕިޓަލުން ބުނީ، އޭނާގެ ހާލު ވަރަށް ސީރިއަސް ކަމަށާއި އޭނާ އަށް ފަރުވާ ދެމުން އަންނަނީ އައިސީޔޫގައި ކަމަށެވެ. އަދި އިތުރު ފަރުވާއަށް މާލެ ފޮނުވާލުމަށްޓަކައި އޭނާގެ ސްޕޮންސާއާ ވާހަކަ ދައްކަމުންދާ ކަމަށްވެސް ހޮސްޕިޓަލުން ބުންޏެވެ.