މިނިސްޓްރީ އޮފް ޖެންޑާ އެންޑް ފެމިލީ

އެންސްޕާ، އާސަންދައިގެ ޑިސްޕެޗް ކައުންޓަރެއް އައިޖީއެމްއެޗްގައި ގާއިމްކޮށްފި

އާސަންދަ އާއި އެންސްޕާގެ ޑިސްޕެޗް ކައުންޓަރެއް މިއަދު އައިޖީއެމްގައި ބަހައްޓައި، ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފު ހިދުމަތް ފައްޓަވައި ދެއްވައިފި އެވެ.

ހިދުމަތް ފައްޓަވައި ދިނުމަށްފަހު ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޝިދާތާ ޝަރީފު ވިދާޅުވީ، އާސަންދައިގެ ހިދުމަތް ބޭނުންވަނީ ކުއްލި ފަރުވާއަށް ވުމުން، އާސަންދައިގެ ހިދުމަތް ހޯދުމުގައި އެއްވެސް ދަތިތަކަކާ ކުރިމަތިވެގެން ނުވާނެ ކަމަށެވެ.

އާސަންދާ އާއި ގުޅޭ ކަންތަށް ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށައް ގެންދިޔައީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެވެ. އޭގެ ކުރިން އާސަންދަ ހިންގަމުން އައީ ހެލްތް މިނިސްޓްރީގެ ބެލުމުގެ ދަށުންނެވެ. މީގެ ކުރިން އާސަންދައިން މެދުވެރިކޮށް ރާއްޖެއިން ބޭރަށް ބޭސްކުރަންދާނަމަ ޖެހެނީ، ލިޔެކިޔުންތަށް ހިފައިގެގެން އާސަންދަ އޮފީހަށް ދާށެވެ. ނަމަވެސް މިއަދު ހިދުމަތް ފައްޓަވައިދެއްވި ޑިސްޕެޗް ކައުންޓަރުން މިހާރު ދަނީ އާސަންދައަ ގުޅޭ ކަންތައްތައް ކޮށްދެމުންނެވެ.

ޑިސްޕެޗް ކައުންޓަރުން ފޯރުކޮށްދޭ ހިދުމަތްތަކުގެ ތެރޭގައި، އާސަންދަ އާއި އެންސްޕާ ގޫޅޭ ކަންތަށް ބަލަހައްޓައިދީ، ހިދުމަތް ލިބިގަތުމަށް ބޭނުންވާ ލިޔެކިޔުންތަށް ހެޑް އޮފީހަށް ފޮނުވައިދިނުމުގެ މަސައްކަތް ކުރާނެ އެވެ. އަދި އެދިފައިވާ އެހީގެ އެންމެ ފަހުގެ މައުލޫމާތު ވެސް ޑިސްޕެޗް ކައުންޓަރުން ލިބެން ހުންނާއެވެ.

މިކައުންޓަރުން ހިދުމަތް ފޯރުކޮށްދޭން ހަމަޖެހިފައިވަނީ، ކޮންމެ ދުވަހަކު ހެނދުނު 8:00 ފެށިގެން ރޭގަނޑު 9:00 އަށެވެ.

ޖެންޑާ މިނިސްޓަރު ޝިދާތާގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، އާސަންދަ އާއި އެންސްޕާގެ ހިދުމަތްތައް ވީހާ ވެސް ފަސޭހައިން ލިބޭނެ އިންތިޒާމުތައް ހަމަޖައްސަައިދޭން ޖެހޭ ކަމަށެވެ.