ރައްޔިތުންގެ މަޖިލިސް

ރިޔާސީ ކޮމިޝަނަށް ބާރު ދޭ ބިލަށް މިއަދުވެސް ވޯޓަށް ނޭހުނު

Feb 25, 2019
1

ކޮރަޕްޝަންގެ މައްސަލަތައް ބެލުމާއި ގޮތް ނޭނގޭ މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފައްދަވާފައިވާ ރިޔާސީ ކޮމިޝަންތަކަށް ބާރުދިނުމުގެ ބިލަށް، ވޯޓަށް އެހޭ އަދަދަށް މެންބަރުން ހާޒިރުނުވެގެންވޯޓަށް ނާހާ މިއަދުގެ ޖަލްސާ ވެސް ނިންމާލައިފި އެވެ.

މީގެ ކުރިން ވެސް އެ ބިލަށް ވޯޓަށް އަހަން މަސައްކަތް ކުރި ނަމަވެސް އެ ފަހަރުވެސް ކޯރަމް ހަމަނުވެގެން އެ ބިލަށް ވޯޓަކަށް ނޭހުނެވެ. މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް މިއަދު އިއުލާން ކުރެއްވި ގޮތުގައި ބިލެއް ފާސްކުރުމަށް ވޯޓަށް އެހޭނީ 43 މެންބަރުން ފްލޯގައި ތިބެގެން އެވެ. އެހެން ނަމަވެސް، ފްލޯގައި ތިއްބެވީ، 42 މެންބަރުން ކަމަށް ގާސިމް އިއުލާން ކުރެއްވި އެވެ.

އެ ބިލްގެ އިތުރުން މިއަދު ދެން ވޯޓަށް އަހަން އޮތީ، ސަރުކާރުން ފޮނުވާފައިވާ ޕެންޝަން ފަންޑުން ހައްޖުގެ އަޅުކަން އަދާކުރެވޭ ގޮތަށް ޕެންޝަން ގާނޫނަށް ގެންނަ އިސްލާހު ފާސްކުރުމެވެ. އެހެން ނަމަވެސް، އެ ބިލް ވެސް ފާސްކުރެވޭ ގޮތެއް ނުވި އެވެ. އެއީ ވެސް ރައީސް ސޯލިހުގެ ރިޔާސީ ވައުދުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

"މެންބަރުން ހަމަ ނުވާތީ މި ދެ ކަންތަކަށް ވޯޓަށް ނާހައި އަޅުގަނޑު މިއަދުގެ ޖަލްސާ ނިމުމަކަށް މި ގެންނަނީ،" ޖަމްސާ ނިންމާލައްވަމުން ރިޔާސަތުން އިއުލާން ކުރެއްވި އެވެ.

"ދައުލަތުގެ ފައިސާއާއި މުދަލަށް ހިޔާނާތްތެރިވުމުގެ މައްސަލަތަކާއި ގޮތް ނޭނގޭ މަރުގެ މައްސަލަތައް ބެލުމުގެ ބިލް" ކޮމިޓީއިން ދިރާސާ ކުރުމަށް ފަހު އެ ބިލްގައި ރިޔާސީ ކޮމިޝަނަށް އޮތް ބާރުތައް ވަނީ ހަނިކުރަން، ތަޅުމަށް ހުށަހަޅައިފަ އެވެ.

އެ ބިލު ކުރިން އޮތް ގޮތުން ޕީޖީ އޮފީހުގައި ވަކި އޮފީހެއް ހެދުމާއި ކޮމިޝަނުން ތަހުގީގުކޮށް ފޮނުވާ މައްސަލަތަކުގެ ޝަރީއަތް ކޯޓްތަކުން ހިންގަން ޖެހޭ ތާރީހުތައް ބަޔާންކޮށްފައި އޮންނަ މާއްދާ މިހާރު ވަނީ އުނިކޮށްފަ އެވެ. އެ ބިލާ މެދު އިދިކޮޅު ޕީޕީއެމް އިން މީގެ ކުރިން ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ. އެބޭފުޅުން ވިދާޅުވަނީ ރިޔާސީ ކޮމިޝަނަށް ބޮޑެތި ބާރުތަކެއް ދެނީ ވަކި ފިކުރެއްގެ ބަޔަކު ހައްޔަރުކޮށް ތަހުގީގު ހިންގާ ޖަލަށް ލުމަށް ކަމަށެވެ.

އެ ބިލް ފާސްނުވެ، ދިގުލައިގެން ދާތީ އެކަމާ ހިތާމަ ކުރައްވާ ކަމަށް ރައީސް ސޯލިހު ވަނީ ވިދާޅުވެފަ އެވެ. ކޮރަޕްޝަންގެ އަމަލުތައް ބެލުމާއި ގޮތްނޭނގޭ މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަަތައް ތަހުގީގު ކުރުމަކީ ރައީސް ސޯލިހުގެ ރިޔާސީ ވައުދެކެވެ.