މާލޭއަށް ދިމާވެފައިވާ ޕާކު ކުރުމުގެ ދަތިކަމަށް ހައްލު ހޯދުމުގެ ގޮތުން މާޅޭ ސިޓީ ކައުންސިލުން، މާލޭ ބައެއް ސަރަހައްދުތަކުގައި ޕާކިން ޒޯން ހެދުމުގެ މަސައްކަތް ކުރަން ފަށައިފި އެވެ.
މާލޭގައި ހުރި ހުސް ބިންތަކުގައި ޕާކިން ޒޯން ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މީގެ ކުރިން ސިޓީ ކައުންސިލުން ވަނީ ބުނެފަ އެވެ. އެގޮތުން މަޖީދިއްޔާ ކުރިމަތީގައި އޮންނަށް ހުސް ބިމާއި، މިރާ ކައިރީގައި އޮންނަށް ހުސް ބިމުގައި ޕާކިން ޒޯނާކާ އެކީ ޕާކް އެއް ހެދުމަށް ކައުންސިލުން ވަނީ ނިންމާފަ އެވެ.
އެގޮތުން ސޯސަން މަގުންގޮސް މަޖީދިއްޔާ ސްކޫލަށް ދާ މެދިޒިޔާރަތް މަގުގެ ކަންމަތީގައި އޮންނަށް ހުސް ބިން މާލޭ ސިޓީ ކައުންސިލުން ވަނީ ސާފުކޮށްފަ އެވެ. އަދި މީރާ ކައިރީގައި އޮންނަށް ހުސް ބިން ވެސް މިއަދު ސިޓީ ކައުންސިލުން ވަނީ ސާފުކޮށްފަ އެވެ.
މިކަމާ ގުޅިގެން މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފް އަވަސް އަށް ވިދާޅުވީ، މަޖީދިއްޔާ ކުރިމަތީގައި ޕާކިސް ޒޯނަކާއެކު ޕާކެއްވެސް ހެދުމަށް ސިޓީ ކައުންސިލުން ޕްލޭން ކުރަމުންދާ ކަމަށެވެ. އޭނާ ވިދާޅުވީ، މިހާރު ސިޓީ ކައުންސިލުން ދަނީ އެތަނުގައި ޕާކު ކުރެވޭނެ އުޅަނދުތަކުގެ އަދަދާއި، ޑިޒައިން ފައިނަލް ކުރުމުގެ މަސައްކަތް ކުރަމުން ކަމަށެވެ. މިއަދު އެހުރިހާ ކަމެއްވެސް ފައިނަލް ކުރާނެ އެެވެ.
މާލޭ ސިޓީ ކައުންސިލްގެ ފަރާތުން މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެއި، މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވެފަވަނީ ސިޓީ ކައުންސިލުން ޕާކިން ޒޯން ހަދާއިރު އެތަން ޑިޒައިން ކުރަނީ ޕާކެއްވެސް ހިމެނޭ ގޮތަށް ކަމަށެވެ.
އެހެންކަމުން މިއީ މާލޭގައި ފުރަތަމަ ތަރައްގީކުރާ ޕާކިން ޕްލަސް ޕާކް ޒޯން އަށް ވެގެންދާނެ އެވެ. ސިޓީ ކައުންސިލުން ވަނީ މީގެ ކުރިން ވެލާނާގެ ކައިރީގައިވެސް ޕާކު ކުރުމަށް ހާއްސަ ޒޯނެއް ހުޅުވާފަ އެވެ. އެ ޕާކިން ޒޯނުގައި 120 ސައިކަލަށް އެއްފަހަރާ ޕާކް ކުރެވެން ހުރެއެވެ.