ސަރުކާރުން ހިލޭ ބަހާ ހެލްމެޓް ލިބުނު ފަރާތްތައް ހޭލުންތެރި ކުރުވުމަށް ބާއްވާ ކޯސް މާދަމާ ފަށާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު އާދިލް ވިދާޅުވީ ޕޯޓަލްއެއް މެދުވެރިކޮށް ކުރިމަތިލައިގެން ހެލްމެޓް ލިބުނު ފަރާތްތަކަށް ބާއްވާ ޕްރޮގްރާމް މާދަމާ ފަށާނެ ކަމަށާއި އެ ޕްރޮގްރާމްގައި މަގުމަތީ ގަވައިދުތަކާބެހޭ ގޮތުން ހޭލުންތެރި ކުރުވާނެ ކަމަށެވެ.
"ހެލްމެޓް ލިބިފައިވަނީ ޕޯޓަލް އިން ފުރަތަމަ ކުރިމަތިލި މީހުންނަށް. މާލެ ސަރަހައްދަށް ބަހަން ނިންމާފައިވާ އަދަދު މިހާރު ވަނީ ނިމިފައި. ޕޯޓަލްއިން ނެގުމުން އަޅުގަނޑުމެންގެ އެއްވެސް މީހަކަށް އެއަކާ ނުކުޅެވޭނެ. ހެލްމެޓް ލިބުނީ ފުރަތަމަ ކުރިމަތިލި މީހުންނަށް،" އާދިލް ވިދާޅުވި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސަރުކާރުގެ 100 ދުވަހުގެ ވައުދުގެ ތެރޭގައި ހިމެނޭ 5،000 ހެލްމެޓް ބެހުމުގެ ޕްރޮގްރާމުގެ ދަށުން މާލެ ސަރަހައްދަށް 2،500 ހެލްމެޓް ބަހާނެ އެވެ. އަދި ބާކީހުރި 2،500 ހެލްމެޓް ބަހާނީ 30 ކިލޯ މީޓަރަށް ވުރެ ބާރަށް ދުއްވުމުގެ ހުއްދަ ދީފައިވާ ރަށްރަށެވެ. އަދި ކުޑަކުދިންނަށް ހާއްސަ 500 ހެލްމެޓް ބަހާނެ އެވެ.
މި ހެލްމެޓްތައް ބަހާފައިވަނީ އެކަމަށް ހާއްސަކޮށް ޓްރާންސްޕޯޓް މިނިސްޓްރީން ހަދާފައިވާ ޕޯޓަލްއެއް މެދުވެރިކޮށެވެ. ހެލްމެޓް އަށް އެދި ހުށަހެޅޭނީ ލައިސަންސް އޮތް ފަރާތްތަކަށެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ވާހަކަ ދެއްކެވި އާދިލް ވިދާޅުވީ 5،000 ހެލްމެޓުގެ ތެރެއިން 3،000 އަށްވުރެ ގިނަ ހެލްމެޓްއަކީ ޔުނިސެފުން ހިލޭ ދީފައިވާ އެއްޗެއް ކަމަށެވެ. އަދި ބާކީހުރި ހެލްމެޓް ގަތީ ސަރުކާރުން ކަމަށް އޭނާ ވިދާޅުވި އެވެ.
މާލެ- ހުޅުމާލެ ބޮޑު މަގުގައި އެކްސިޑެންޓްތައް ގިނަވަމުންދާތީ ސަރުކާރުން ވަނީ އަންނަ މަހުގެ 10 ވަނަ ދުވަހުގެ ފަހުން ހެލްމެޓް އަޅައިގެން ނޫނީ ބްރިޖަށް އެރުން މަނާކޮށްފަ އެވެ.