ހަބަރު

"ކަންބޮޑުވުންތަކަށް އެޓެންޑްކުރައްވާނެ ކަމަށް ރައީސް ވިދާޅުވި"

ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމް ބަންދާއި ގުޅޭގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއަށް ކަންބޮޑުވުންތައް ހުށަހެޅުމުން އެކަމަށް އެޓެންޑް ކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވި ކަމަށް ޕީޕަލްސް ނޭޝަލަން ކޮންގްރެސް ޕާޓީގެ ވަގުތީ ރައީސް އަބުދުއްރަހީމް އަބުދުﷲ ވިދާޅުވެއްޖެ އެވެ.

އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީޕީއެމް އާއި ޕީއެންސީގެ އިސް ބޭފުޅުން ރައީސް ސޯލިހާއި ބައްދަލު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި އެވެ. އެ ބޭފުޅުން މިއަދު ރައީސް ސޯލިހާ ބައްދަލު ކުރެއްވީ ރައީސް އޮފީހުގަ އެވެ.

ޕީޕީއެމް އަދ ޕީއެންސީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަބްދުލްރަހީމް ވިދާޅުވީ، ރައީސް ސޯލިހާ ބައްދަލުކުރައްވައި ޝަކުވާ ހުށަހަޅާފައިވާނީ މަނީ ލޯންޑްރިން މައްސަލާ ރައީސް ޔާމީން ހައްޔަރުކޮށްފައި ހުރި ހުރުން ގަބޫލު ނުކުރެވޭނެ ކަމަށާއި ހެކި ނައްތާލަފާނެ ކަމަށް ވާނުވާ ޖަހައިގެން އެގޮތަށް ޖަލުގައި ބެހެއްޓޭނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ. އެއީ ވަރަށް ކަންބޮޑުވާ މައްސަލައެއް ކަމަށާއި އެއީ ޑިމޮކްރަސީ މަރާލުމަށް ކުރާ ކަމެއްގެ ގޮތުގައި ގަބޫލު ކުރެވޭ ކަމުގެ ޝަކުވާ ރައީސަށް ހުށަހަޅާފައިވާ ކަމަށް ވެސް އަބްދުލްރަހީމް ވިދާޅުވި އެވެ.

އަބްދުލްރަހީމް ވިދާޅުވީ، ރައީސް ސޯލިހް ވެރިކަމަށް ވަޑައިގަންނަވަން ވެގެން އެންމެ ގިނައިން ވިދާޅުވި ވާހަކައަކީ އަނިޔާވެރިކަމާއި ދެކޮޅަށް މަސައްކަތް ކުރާނެ ކަމަށާއި ހަމަހަމަކަމާއި އިންސާފުވެރިކަމާއެކު މަސައްކަތް ކުރާނެ ކަމަށެވެ. ރައީސް އެގޮތަށް ވިދާޅުވެފައިވާތީ މިއަދު ފެނިގެންދާ މަންޒަރުތަކުން ކަންބޮޑުވުން ހުރުމުން އެކަންކަން ވަރަށް ސާފުކޮށް ރައީސަށް ހިއްސާކޮށްފައިވާ ކަމަށް އަބްދުލްރަހީމް ވިދާޅުވި އެވެ.

"ދެން އެމަނިކުފާނު [ރައީސް ސޯލިހް] ވިދާޅުވި އެމަނިކުފާނަށް ކަންބޮޑުވުންތައް އިނގިލައްވައިފިއޭ، ރައީސްގެ މަގާމުގައި ހުންނަ ބޭފުޅަކަށް ކުރެވޭނެ ކަންތައްތަކެއް އުސޫލުތަކެއް ހުންނާނޭ، އެހެންވީމަ ތިމަންނަ ތިކަމަށް އެޓެންޑް ކޮށްދެއްވާނެ ކަމަށް،" އަބްދުލްރަހީމް ވިދާޅުވި އެވެ.

އަބްދުލްރަހީމް ވިދާޅުވީ، ނަމަވެސް މިއަދާ ހަމައަށް ވެސް އެކަމާ ގުޅިގެން އެއްވެސް އިޝާރާތެއް ލިބިފައިނުވާ ކަމަށެވެ. އަދި ރައީސް ޔާމީން ގެއަށް ބަދަލުކުރާނެ ކަމުގެ އެއްވެސް އުންމީދެއް ލިބިގެން ގޮސްފައިނުވާ ކަމަށެވެ.

އަބްދުލްރަހީމް ވިދާޅުވީ، އެކަމުގެ ކަންބޮޑުވުން ހުށަހެޅީ ކުރިން ހިނގާފައިވާ ކަންކަމާ ހިލާފަށް މި މައްސަލާގައި އަމަލުކުރަމުންދާތީ ކަމަށެވެ.