ހަބަރު

ބިރު ދެއްކިޔަސް ގާނޫނާ ހިލާފެއް ނުވާނަން: ރޮޒައިނާ

ރައްޔިތުން މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީގެ މުގައްރިރު ކަމުން ދުރުކުރަން ހުށަހެޅި ނަމަވެސް ގާނޫނު އަސާސީއާ މަޖިލީހުގެ ގަވާއިދާއި މަޖިލީހުގެ އުސޫލުތަކާއި ކިލާފަށް އެއްވެސް ކަމެއް ނުކުރާނެ ކަމަށް އައްޑޫ، މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެ އެވެ.

ރައްޔިތުން މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީގެ މުގައްރިރު ކަމުން ވަކިކުރަން ހުށަހެޅީ ޕީޕީއެމް އަދި ކޮންގްރެސް ޕާޓީއަށް ނިސްބަތްވާ މެންބަރުންނެވެ.

އެކަމާ ގުޅިގެން ރޮޒައިނާ ވިދާޅުވީ، ބިރުދައްކައިގެން އިތުބާރު ނެތް ކަމަށް ނެގި ނަމަވެސް ގާނޫނު އަސާސީއާ މަޖިލިސް ގަވާއިދާއި މަޖިލީހުގެ އުސޫލުތަކާއި ކިލާފްވާ އެއްވެސް ކަމެއް ނުކުރުވޭނެ ކަމަށެވެ. ޝަރީއަތުގައި އޮތް މައްސަލައަކާއި ގުޅިގެން މަޖިލީހުގައި އެ މައްސަލައެއް ކުރިއަށް ނުގެންދެވޭނެ ކަމަށާއި އެކަން އެގޮތަށް މީގެ ކުރިންވެސް ކޮށްފައިނުވާ ކަމަށެވެ. އަދި އެކަން އެގޮތަށް ކުރެވޭނީ ރައްޔިތުން މަޖިލީހުގެ ކައުންސިލް ޖެނެރަލްގެ ލަފާގެ މަތިން ކަމަށްވެސް ރޮޒައިނާ ވިދާޅުވި އެވެ.

ރޮޒައިނާ މުގައްރިރުކަމުގެ މަގާމުން ވަކިކުރަން ހުށަހަޅާފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނާމެދު އިންސާފުން އެއްކިބާވެ، ފުލުހުންގެ އިދާރާއިން ތަހްގީގްކޮށް ޕީޖީ އޮފީހުން ކްރިމިނަލް ކޯޓްގައި ދައުވާ ކުރަން ފޮނުވާފައިވާ ކަމަށް ބުނެ ހުށަހެޅި މައްސަލައާ ގުޅިގެން މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީއަށް ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމް ހާޒިރުކޮށް ނުދިނުމުންނެވެ.

ޕީޕީއެމް އަދި ކޮންގްރެސް ޕާޓީ އިން ބޭއްވި ޕްރެސްގައި ކޮންގްރެސް ޕާޓީގެ ރައީސް އަބުދުއްރަހީމް އަބުދުﷲ ވިދާޅުވީ، ބިޝާމް ހާޒިރު ކުރަން އެދުނު މައްސަލައަކީ ކުރިއަށް ގެންދެވޭނެ މައްސަލަ އެއް ނޫން ކަމަށާއި އެ މައްސަލަ ކުރިއަށް ގެންދިއުމަށް ގާނޫނީ ލަފާ ބޭނުންވާނެ ކަމަށް ރޮޒައިނާ ވިދާޅުވެ މިއަދުގެ ކޮމިޓީ ނިންމާލާފައިވާ ކަމަށެވެ.

"އަޅުގަނޑުމެން މިއަދު ވަނީ އަޅުގަނޑުމެންގެ ތެރޭގައި ހިމެނޭ މެންބަރުންގެ ތެރެއިން މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި އިންނަވާ ތިން މެންބަރުން ސޮއި ކުރައްވާ ރޮޒައިނާ މުގައްރިރު ކަމުން ދުރުކުރަން ހުށަހަޅާފައި،" އަބްދުލްރީމް ވިދާޅުވި އެވެ.

އަބްދުލްރަހީމް ވިދާޅުވީ، މިއަދު ފެންނަނީ އިދިކޮޅުގައި އެބޭފުޅުން ތިބެގެން ދެއްކެވި ވާހަކަތަކާއި އިދިކޮޅަށް މަސައްކަތް ކުރަމުންދާ މަންޒަރު ކަމަށާއި ބާރުތައް ލިބުމުން ދިމާ އިދިކޮޅަށް މަސަައްކަތް ކުރަމުންދާ މަންޒަރު ކަމަށެވެ. ރައްޔިތުން ބޭނުންވާ ގޮތަށް ކަންކަން ނުކުރެވޭނަމަ އެއީ ވަރަށް ބޮޑު މައްސަލައެއް ކަމަށް ވެސް ވިދާޅުވި އެވެ.

ކޮންގްރެސް ޕާޓީ އަދި ޕީޕީއެމް ކޯލިޝަނުން އެ މައްސަލައިގެ އިތުރުން އެކްޓިން ސީޕީ މުހައްމަދު ހަމީދުވެސް މަޖިލީހުގެ ގަވާއިދުގެ 123 ވަނަ މާއްދާގެ ދަށުން ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީއަށް ހާޒިރު ކުރުމަށްވެސް ހުށަހަޅާފައިވެއެވެ.