ސާފް ސުޒުކީ ކަޕް

ސާފް ޗެމްޕިއަންޝިޕް ޑިސެމްބަރު 23ގައި

Jul 5, 2015

ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް އިންޑިޔާގެ ޓްރިވެންޑްރަމުގައި ފަށާނީ އަންނަ ޑިސެމްބަރު މަހުގެ 23ގައި ކަމަށް ހަމަޖައްސައިފި އެވެ.

އޯލްއިންޑިޔާ ފެޑަރޭޝަނުން މުބާރާތް ނިންމަން ހަމަޖައްސާފައިވަނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ދެ ވަނަ ދުވަހު އެވެ.

ގިނަ އަދަދަކަށް ދިވެހިން ދިރިއުޅޭ ޓްރިވެންޑްރަމުގައި ދެކުނު އޭޝިޔާގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ބާއްވަން ނިންމީ ވެސް ސީދާ ދިވެހިންނަށް އަމާޒުކޮށްގެންނެވެ. އެއީ އިންޑިޔާގެ އެހެން ހިސާބެއްގައި ބާއްވައިފިނަމަ މުބާރާތަށް ލިބޭ ތަރުހީބު ކުޑަވެދާނެ ކަމަށް ބަލައިފަ އެވެ.

ސާފް ޗެމްޕިއަންޝިޕުގައި ވާދަ ކުރަނީ ސާކްގެ އަށް ގައުމެވެ. ނަމަވެސް އޭޝިޔާގެ ފުޓްބޯޅައިގެ އޮނިގަނޑަށް ގެނައި ބަދަލުތަކާއެކު އަފްގާނިސްތާން މިހާރު ވަނީ ސާކް ސަރަހައްދުން ބަދަލުކޮށްފަ އެވެ. މިހެންވެ އެންމެ ފަހުގެ ޗެމްޕިއަނުން އަދި 2003އިން ފެށިގެން މުބާރާތުގައި ވާދަކުރަން ފެށި ގައުމު މި ފަހަރުގެ މުބާރާތުގައި ކުޅޭނެކަން އަދި ޔަގީނެއްނޫނެވެ.

އެ ގައުމު ނުކުޅޭނަމަ މުބާރާތުގައި ވާދަކުރާނީ ސާކްގެ އަނެއް ހަތް ގައުމުންނެވެ. އެއީ ދިވެހިރާއްޖެ އާއި ސްރީލަންކާ އަދި ޕާކިސްތާނާއި ނޭޕާލްގެ އިތުރުން ބޫޓާގައި ބަނގްލަދޭޝް އަދި އިންޑިޔާ އެވެ. މީގެ ތެރެއިން މުބާރާތުގެ އެންމެ ކާމިޔާބު ޓީމަކީ އިންޑިޔާ އެވެ. ރާއްޖެ އާއި ބަންގަލްދޭޝް އަދި އަފްގާނިސްތާން ކުރެ ކޮންމެ ބަޔަކު މުބާރާތެއް ކާމިޔާބުކުރިއިރު އެހެން ހުރިހާ ފަހަރެއްގައި ތަށި ގެންދިޔައީ ވެސް އިންޑިޔާ އެވެ.