ރާއްޖޭގެ ވިޔަފާރިތަކަށް ކުރިމަތިވާ މައްސަލަތައް ސަރުކާރާ ހިއްސާ ކުރުމަށް ހާއްސަ ފޯރަމެއް މިއަދު ފަށައިފި އެވެ.
ދަރުބާރުގޭގައި މިއަދާއި މާދަމާ ކުރިއަށްދާ މި ފޯރަމްގައި ރާއްޖޭގެ ވިޔަފާރީގެ ދާއިރާގައި ހަރަކާތްތެރިވާ 150 ފަރާތެއް ވަނީ ބައިވެރިވެފަ އެވެ. މި ފޯރަމްގެ ތެރޭގައި ވިޔަފާރީގެ ދާއިރާތަކަށް ހާއްސަކޮށް ރާއްޖޭގައި ލިބެން ހުރި ހިދުމަތްތައް ދައްކުވައިގެން ހާއްސަ އެގްޒިބިޝަނެއް ވެސް ކުރިއަށްދެ އެވެ. "ނޮލެޖް ހަބް" ގެ ނަމުގައި ކުރިއަށްދާ މި ފޯރަމްގައި ދިރާގާއި ބީއެމްއެލް އަދި ޕެންޝަން އޮފީހާއި މޯލްޑިވިއަން އަދި އިސްލާމިކް ބޭންކް އާއި މީރާގެ އިތުރުން އެމްޕީއެލް އިން ބައިވެރިވެ އެވެ.
"ބިޒްނަސް ކޮންވެންޝަން" ގެ ނަމުގައި ކުރިއަށް ގެންދާ ފޯރަމް ހުޅުއްވައި ދެއްވަމުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވީ ރާއްޖޭގެ ވިޔަފާރިތަކަށް ކުރިމަތިވާ މައްސަލަތައް ވަރަށް ރަނގަޅަށް އެނގޭ ކަމަށާ، މި ފޯރަމްގެ މަގުސަދަކީ ވިޔަފާރިވެރިން މެދުވެރިކޮށް އެ މައްސަލަތައް ކަރުދާހަށް ތިރި ކުރުން ކަމަށެވެ.
"އަޅުގަނޑުމެންނަށް، ސަރުރާކަށް އެނގޭ ބޮޑެތި ގޮންޖެހުންތަކެއް ވިޔަފާރިތަކަށް އެބަހުރިކަން. އެއީ ސަރުކާރުގެ ތެރެއިން ކަމަށް ވިއަސް ނޫނީ ޖުޑީޝަަރީގެ ތެރެއިން ކަމަށް ވިއަސް،" ފައްޔާޒު ވިދާޅުވި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ 100 ދުވަހުގެ ވައުދުގެ ތެރޭގައި ހިމެނޭ "ބިޒްނަސް ކޮންވެންޝަނެއް" ބޭއްވުމުގެ ގޮތުން ފެށި މި ފޯރަމްގައި އެކި ދާއިރާތަކުން ކަރުދާސް ހުށަހަޅާނެ އެވެ. ކަރުދާސް ހުށަހަޅާ ދާއިރާތަކުގެ ތެރޭގައި ރާއްޖޭގެ ޓެކްސް ނިޒާމާއި އަންހެން ވިޔަފާރިވެރިން ދަނޑުވެރިކަމުގެ ދާއިރާ އަދި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި މަސްވެރިންނާއި އިގްތިސާދުގެ އިތުރުން އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ (އައިސިޓީ) ދާއިރާ އަދި ގެސްޓްހައުސް ވިޔަފާރި ފުޅާ ކުރުމަށް ގައުމީ ފެންވަރުގައި ކުރެވިދާނެ ކަންތައްތައް ހިމެނެ އެވެ.