ހަބަރު

އިންތިހާބުގައި ރިޝްވަތުގެ އަމަލު ނުހިންގަން އިލްތިމާސްކޮށްފި

އަންނަ އެޕްރީލް މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންނާއި، އިންތިހާބަށް ކެމްޕެއިން ކުރަމުންދާ ފަރާތްތަކުން ކޮރަޕްޝަނާއި، ރިޝްވަތުގެ އެއްވެސް އަމަލެއް ނުހިންގުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން އިލްތިމާސްކޮށްފި އެވެ.

މަޖިލީހުގެ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންނާއި، ކެންޑިޑޭޓުންގެ އެޖެންޓުންނާއި މަންދޫބުން އަދި ކެންޑިޑޭޓުނަށް ތާއީދުކޮށް ކެމްޕޭންކުރަމުންދާ ފަރާތްތަކުން ސަމާލުކަންދޭނެ ޖެހޭ ކަންތައްތައް އާންމުކުރަމުން އޭސީސީން ބުނީ، ކޮންމެ ކެންޑިޑޭޓަކަށް ވެސް އިންތިހާބާ ގުޅިގެން ހަރަދުކުރެވޭނެ އެންމެ މަތީ މިންވަރަކީ އިންތިހާބީ ދާއިރާއެއްގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ ކޮންމެ މީހަކަށް 2,000 ރުފިޔާގެ މަގުން ހިސާބުކުރުމުން ނުކުންނަ އަދަދު ކަމަށް ކަނޑައެޅި ބަޔާންކޮށްފައިވާ ކަމަށެވެ.

އެހެން ނަމަވެސް، އެ ފައިސާއަކީ ގާނޫނު ހުއްދަކުރާގޮތުގެ މަތިން ހަރަދުކުރުމަށް ހުއްދަދީފައިވާ ފައިސާކަމާއި، އަދި އެ ފައިސާ ބޭނުންކުރަންވާނީ އިންތިހާބުތަކާބެހޭ ޢާންމު ގާނޫނުގެ 28 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާފަދައިން، ކުރިމަތިލާފައިވާ އިންތިހާބީ ދާއިރާގެ މީހުންގެ ތާއީދު ހޯދުމަށް ކުރާ މަސައްކަތްތަކަށް ކަމަށެވެ. އަދި ޤާނޫނު ހުއްދަނުކުރާ އެނޫން ބޭނުންތަކަށާއި، ވޯޓު ގަތުމަށާއި ރިޝްވަތު ދިނުން ފަދަ ކަންކަމަށް އެފައިސާ ބޭނުންކުރުމަކީ ކަނޑައެޅިގެން ގާނޫނާ ހިލާފް ކަމެއްކަމަށް އޭސީސީން ވަނީ ބުނެފަ އެވެ.

މީގެ އިތުރުން އިންތިހާބުތަކާބެހޭ ޢާންމު ގާނޫނައަށް 1 ވަނަ އިސްލާހު ގެނައުމުގެ ގާނޫނުގެ 74 ވަނަ މާއްދާގެ (މ)ގެ ދަށުން އިންތިހާބުތަކާ ގުޅިގެން ހުށަހެޅޭ ރިޝްވަތާ ގުޅޭ މައްސަލަތައް ބަލައި ތަހުގީގުކުރުން އެ ކޮމިޝަނުގެ މައްޗަށް ލާޒިމްކޮށްފައިވާ ކަމަށާއި، އެ ގާނޫނުގައި ރިޝްވަތާ ގުޅޭ 2 ކުށެއް ބަޔާންކޮށްފައިވާކަމަށެވެ.

އެގޮތުން 74 ވަނަ މާއްދާގެ (ހ) ގެ (11) ގައި، އެއްވެސް އިންތިހާބީ ހައްގެއްގެ ފައިދާ ވަކިފަރާތަކަށް ލެންބުމަށްޓަކައި ނުވަތަ ވަކިގޮތަކަށް އެފަދަ ހައްގެއްގެ ބޭނުމެއް ކުރީތީވެ އެއްވެސް އެއްޗެއްގެ ޝުކުރެއްގެ ގޮތުން ނުވަތަ ހަދިޔާއެއްގެ ގޮތުން ވިޔަސް ނުވަތަ އެނޫން ގޮތަކަށްވިޔަސް ދިނުން ހިމެނޭ ކަމަށާއި، އަދި އެފަދައިން އެއްވެސް އެއްޗެއް ދިނުމަކީ ރިޝްވަތު ދިނުން ކަމުގައި ބެލެވޭނެ ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން، 74 ވަނަ މާއްދާގެ (ހ) ގެ (12) ގައި، އިންތިހާބަށް އިއުލާނުކުރާ ތާރީހުން ފެށިގެން އިންތިހާބުގެ ދާއިމީ ނަތީޖާ އިޢުލާންކުރާތާ 30 ދުވަހުގެ ނިޔަލަށް، އިންތިހާބާ ގުޅިގެން ކެންޑިޑޭޓަކު ތާއީދު ހޯދުމަށްޓަކައި ނުވަތަ އެހެން ކެންޑިޑޭޓެއްގެ އިންތިހާބީ ހައްގަށް ނުރަނގަޅު އަސަރު ފޯރުވުމަށްޓަކައި ވަކި ފަރުދަކަށް ނުވަތަ ޖަމާއަތަކަށް ނުވަތަ ޢާންމު ފައިދާއަށްޓަކައި އެއްޗެއް ދިނުން ނުވަތަ ހިދުމަތެއް ފޯރުކޮށްދިނުން ނުވަތަ މިނޫންވެސް މަންފާއެއް ފޯރުކޮށްދިނުން ނުވަތަ މިއިންކަމެއް ކޮށްދޭނެކަމަށް ބުނުމާއި، އެފަދައިން ޢަމަލުކުރުން ނުވަތަ ކުރަން އުޅުން އެއީވެސް ރިޝްވަތު ދިނުން ނުވަތަ ރިޝްވަތު ދޭންއުޅުން ކަމުގައި ބެލެވޭނެ ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.

އޭސީސީން އިތުރަށް ބުނީ މި ދުވަސްވަރަކީ ރައްޔިތުންގެ މަޖިލީސް އިންތިހާބުގެ ދުވަސްވަރަށްވެފައި، އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުން ނުވަތަ އިންތިހާބަށް ކެމްޕޭންކުރަމުންދާ ފަރާތްތަކުން ނުވަތަ އެނޫން ފަރާތްތަކުންވެސް އިންތިހާބީ ދާއިރާއެއްގެ ވޯޓަށް އަސަރުކުރާނެފަދަގޮތަކަށް ކޮރަޕްޝަންގެ ޢަމަލެއް، ހިންގުމަކީ ގާނޫނީ ފިޔަވަޅު އެޅޭނެކަމެެއް ކަމަށެވެ.