އެމްއެންޑީއެފް

5 މޭލު ބެލުނުއިރު ޝިމާވެސް ޑިންގީވެސް ނުފެނުނު

ލ. ކައްދޫން މާމެންދޫއަށް މިދިއަ ހުކުރު ދުވަހުރޭ ދަތުރުކުރި ޑިންގީއެއް ބަންޑުން ޖަހާލައި ގެއްލުނު 19 އަހަރުގެ އައިމިނަތު ޝިމާ ނާފިޒު ހޯދަމަށް ސިފައިން ކުރިއަށް ގެންދާ ހާއްސަ އޮޕަރޭޝަންގެ ތެރެއިން ސިކްސް ސެންސަސް ރިސޯޓް ކައިރީ ކަނޑުގެ ސަރަހައްދުގެ 5 މޭލު ހެލިކެޕްޓަރު ބޭނުންކޮށްގެން ބަލާފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނެފި އެވެ.

ޝިމާ ގެއްލުމާ ގުޅިގެން އެނާ ހޯދަން ކުރަމުންދާ މަސައްކަތުގެ ތެރެއިން އެ އަތޮޅުގެ ގާދޫ ވެސް ވަނީ ބަލައި ފާސް ކޮށްފަ އެވެ. ގާދޫ ބަލައި ފާސް ކުރީ ޝިމާއާއެކު ޑިންގީގައި ދަތުރު ކުރި އޭނާގެ އެކުވެރިއެއް ކަމަށްވާ ފަޒީލް ދައްކާ ވާޙަކަ އާއިލާއިން ގަބޫލު ނުކުރާތީ އާއިލާއިން އެދިގެންނެވެ.

ޝިމާގެ އެކުވެރިޔާ ފަޒީލް ބުނެފައިވަނީ ޑިންގީ ބަންޑުން ޖަހާލުމުން އޭނާ އެހީ ހޯދަން ސިކްސް ސެންސް ރިސޯޓަށް ދިޔައީ ފެންމަތީގައި ފްލޯޓް ކުރުމަށް ރީދޫ ހަމެއް އަދި މޯބައިލް ފޯނެއް ޝިމާގެ އަތަށް ދިނުމަށް ފަހުގައި ކަމަށެވެ.

ނަމަވެސް އަދި މިހާތަނަށް ބަންޑުން ޖަހާލި ކަމަށް ބުނާ ހަ ވަރަކަށް ފޫޓުގެ ޑިންގީވެސް ފެނިފައި ނުވެއެވެ، ޝިމާ ހޯދުމުގެ މަސައްކަތުގައި އެމްއެންޑީއެފްގެ ކޯސްޓް ގާޑު އަދި ޑައިވަރުން ދަނީ މެދުނުކެނޑި ހަރަކާތްތެރިވަމުންނެވެ.

ފުލުހުންވަނީ މިހާރު ޝިމާ ގެއްލުނު ހާދިސާ ތަހުގީގު ކުރަން ފަށައިފި އެވެ. މިހާދިސާގައި ޝިމާގެ އެކުވެރިޔާ ފަޒީލް ދައްކާ ވާހަކައިގައި ޝައްކުތަކެއް އެބަހުރި ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.