ވިޔަފާރި

ރާއްޖެއަށް އިމާރާތް ކުރުމުގެ ދާއިރާގެ ބޭންކެއް ބޭނުންވޭ: އެމްއެންއޭސީއައި

ރާއްޖޭގެ އިމާރާތް ކުރުމުގެ ދާއިރާއަށް އިންވެސްޓް ކުރަން ހާއްސަ ބޭންކެއް ބޭނުންވާ ކަމަށް ބޭރުގެ ގިނަ މާހިރުން ލަފާ ދެމުންދާ ކަމަށް މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (އެމްއެންއޭސީއައި) އިން ބުނެފި އެވެ.

ދަރުބާރުގޭގައި ކުރިއަށްދާ "ބިޒްނަސް ކޮންވެންޝަން" ގައި "ކުދި އަދި މެދުފަންތީގެ ކޮންސްޓްރަކްޝަން ވިޔަފާރި" އާ ބެހޭ ގޮތުން ދެއްވި ޕްރެޒެންޓޭޝަންގައި އެ ޖަމިއްޔާގެ ނައިބް ރައީސް އަދްނާން ހަލީމް ވިދާޅުވީ ރާއްޖޭގެ އިމާރާތް ކުރުމުގެ ދާއިރާ ރަނގަޅު ކުރަން ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށެވެ. އަދި އިމާރާތް ކުރުމުގެ ދާއިރާ އާއި ހުރިހާ ދާއިރާތަކެއް ގުޅިފައިވާކަން ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.

އަދުނާން ވިދާޅުވީ ރާއްޖޭގެ އިމާރާތް ކުރުމުގެ ދާއިރާގައި ގިނައިން ތިބީ ކުދި އަދި މެދުފަންތީގެ ކުންފުނިތައް ކަމަށާއި ދާއިރާއަށް މަޝްރޫއުތައް ދޭއިރު "އޯޕަން ބިޑިން ޕްރޮސެސް" އެއް ނެތުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.

"އޯޕަން ބިޑިން ޕްރޮސެސްއެއް އޮންނަން އެބަޖެހޭ. އެހެންނޫނީ މިވާގޮތަކީ ބިޑްކުރާ ފަރާތްތާއި ގުޅުން އޮތް ބަޔަކަށް ނޫނީ ގާތް ބަޔަކަށް މިދެނީ. ނަމަވެސް ނުދަންނަ، ރަހުމަތްތެރި ނޫން ކޮންޓްރެކްޓަރެއް ވެސް ހުރެދާނެ. ބައެއް މަޝްރޫއުތައް މި ހުންނަނީ ކުދި ކުންފުނިތަކާއި މެދު ފަންތީގެ ކުންފުނިތަކަށް ނުނެގޭ ވަރަށް ޕެކްކޮށްލާފައި." އަދްނާން ވިދާޅުވި އެވެ.

އޭނާ އަދި ވިދާޅުވީ ބައެއް ޕްރޮޖެކްޓްތައް އެއްކޮށްލައި ހަވާލު ކުރުމުގެ ނަތީޖާއަކީ ސަރުކާރުން ބޭނުންވާ ލަނޑުދަނޑިތައް ހާސިލްނުވެ މަސައްކަތް ފެއިލްވަމުން ދިއުން ކަމަށެވެ.

"ރާއްޖޭގެ ރަށްރަށަށް ބަލައިލިއަސް، ނޫނީ މާލެ ތެރެއަށް ބަލައިލިއަސް މިފަދަ ތަންތަން ފެންނާނެ. ދަބަރަށް ވަމުންދާ ދަގަނޑުތައް ވެސް ވަރަށް ގިނައިން ފެންނާނެ. މިއީ މުސްތަގުބަލުގައި ވިސްނަން ޖެހޭކަމެއް. ރާއްޖޭގައި ތިބި ރަނގަޅު ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އޯޕަން ބިޑިންގެ ދަށުން ހަވާލު ކުރަން ޖެހޭ،" އަދްނާން ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ރާއްޖޭގައި ފޮރިން ކޮންޓްރެކްޓާސްއަށް ހާއްސަ ގަވާއިދެއް ހަދާފައިވާ ކަމަށާ، ނަމަވެސް އެ ގަވާއިދަށް މިހާރު ބަދަލު ގެނެސް ފައިވާ ކަމަށެވެ.

"މި ގަވާއިދުގައި ހެދީ ސަރުކާރާއި މަސީ ގުޅިގެން. ގަވާއިދުގައި އޮންނާނެ ފޮރިން ކޮންޓްރެކްޓަރުން ރާއްޖޭގެ ޕްރޮޖެކްޓްތަކަށް އަންނާނީ ފަސް މިލިއަން ޑޮލަރު އިންވެސްޓް ކުރާ ގޮތަކަށް ކަމަށް. އެކަމަކު އެ ވަނީ ފަހުން ފަސް މިލިއަން ރުފިޔާއަށް ބަދަލުކޮށްފަ. އެ ބަދަލުކުރި ދުވަސްވަރެއް ނޭނގެ،" އަދްނާން ވިދާޅުވި އެވެ.