ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފައްދަވާފައިވާ ރިޔާސީ ދެ ކޮމިޝަނަށް ބާރު ދިނުމުގެ ބިލަށް މިއަދު ވެސް ވޯޓަށް އެހިފައިނުވާއިރު މިއަދުގެ ޖަލްސާއަށް ސަރުކާރު ކޯލިޝަނަށް ނިސްބަތްވާ 11 މެންބަރަކު ހާޒިރެއް ނުވެ އެވެ.
އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ޑެޕިއުޓީ ލީޑަރު ރޮޒެއިނާ އާދަމް މިއަދު ކުރެއްވި ޓްވީޓެއްގައި ސަރުކާރުގެ މެންބަރުންގެ ތެރެއިން މިއަދު ޖަލްސާއަށް ހާޒިރުނުވި މެންބަރުން ހާމަ ކުރެއްވާފަ އެވެ. އެ ޓްވީޓްގައި ރޮޒައިނާ ވިދާޅުވި ގޮތުގައި ހާޒިރު ނުވަނީ އެމްޑީޕީގެ އެންމެ މެންބަރެކެވެ. އެއީ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ އެވެ.
މުހައްމަދު އަބްދުﷲ ވަނީ އެމްޑީޕީގެ ޕްރައިމަރީގައި ވާދަ ކުރައްވައި ނާކާމިޔާބުވެވަޑައިގެންފަ އެވެ. އޭނާ މިހާރު ގެންދަވަނީ އަމިއްލަ ގޮތުން ވާދަ ކުރެއްވުމަށް މަސައްކަތް ކުރައްވަމުންނެވެ.
ޖުމްހޫރީ ޕާޓީގެ 10 މެންބަރެއް މިއަދުގެ ޖަލްސާއަށް ހާޒިރު ނުވާއިރު އެ 10 މެންބަރުންނަކީ ވެސް ޕީޕީއެމްގައި ތިއްބެވުމަށްފަހު އެ ޕާޓީއާ ގުޅިވަޑައިގެންނެވި މެންބަރުންނެވެ. އެއީ ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދާއި ގުރައިދޫ ދާއިރާގެ މެންބަރު ހުސެއިން މަނިކު ދޮންމަނިކާއި ބިލެއްދޫ ދާއިރާގެ މެންބަރު އަހުމަދު މުބީން އާއި ދަނގެތި ދާއިރާގެ މެންބަރު އިލްހާމް އަހުމަދާއި ދިއްދޫ ދާއިރާގެ މެންބަރު އަބްދުލް ލަތީފް މުހައްމަދާއި ހަނިމާދޫ ދާއިރާގެ މެންބަރު ހުސެއިން ޝަހުދީ އެވެ.
އޭގެ އިތުރުން ތޮއްޑޫ ދާއިރާގެ މެންބަރު އިބްރާހިމް ހަސަން އާއި ކަނޑިތީމް ދާއިރާގެ މެންބަރު މުހައްމަދު ހުސެއިނާއި މަނަދޫ ދާއިރާގެ މެންބަރު އުމަރު ހުސެއިން އަދި މާވަށު ދާއިރާގެ މެންބަރު އަހުމަދު އަޒްހާން ފަހުމީ ވެސް މިއަދުގެ ޖަލްސާއަށް ރޮޒައިނާ ވިދާޅުވި ގޮތުން ވަޑައިނުގަންނަވަ އެވެ.
މިއަދުގެ ޖަލްސާއަށް ވަޑައިގެންނެވީ 37 މެންބަރުންނެވެ. އިއްޔެގެ ޖަލްސާއަށް ވަޑައިގެންނެވީ 42 މެންބަރުންނެވެ. ދެ ދުވަހު ވެސް ވޯޓަށް ނޭހުނީ ގާނޫނީ އަދަދު ހަމަނުވެގެންނެވެ. އެ ވޯޓަށް އެހޭނީ 43 މެންބަރުން މަޖިލީހުގައި ތިއްބަވަނިކޮށެވެ.
މީގެކުރިން ވެސް އެ ބިލް ފާސްކުރުމަށް މަސައްކަތް ކުރި އެވެ. އެއީ މިދިޔަ އަހަރަށް ޖަލްސާތައް ނިންމާލުމުގެ ކުރިންނެވެ. ނަމަވެސް އޭރު ވެސް މެންބަރުން ހަމައެއް ނުވެ އެވެ. އޭގެ ފަހުން ދެ ދައުރުގެ މެދު ތެރޭގައި ހާއްސަ ޖަލްސާއެއް ބާއްވަން ވެސް މަސައްކަތް ކުރި އެވެ. އެކަން ވެސް ކާމިޔާބެއް ނުވެ އެވެ. ރައީސް ސޯލިހު ވަނީ އެކަމާ ހިތާމަ ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.
ދެ ކޮމިޝަނަށް ބާރު ދޭ ބިލަކީ ބަލައިގަންނަ ބިލެއް ނޫން ކަމަށް ބުނެ ޕީޕީއެމް އާއި ޕީއެންސީގެ މެންބަރުން މަޖިލީހަށް ވަޑައިނުގަންނަވަ އެވެ.
ބިލް ފާސް ނުވެ ގިނަ ދުވަސްތައް ވެގެން ދާތީ، ސަރުކާރުގެ މެންބަރުންނަށް ވަރަށް ބޮޑަށް ވަނީ ފާޑުކިޔުން އަމާޒުވެފަ އެވެ. ސަރުކާރު ކޯލިޝަންގެ ޕީޖީ ލީޑަރު އަބްދުﷲ ރިޔާޒު އިއްޔެ ވިދާޅުވީ ބިލް ފާސް ނުވުމުން އެނގެނީ އެކަން ކުރަން ބޭނުން ނުވާ މެންބަރުންތަކެއް ވެސް ސަރުކާރުގެ ތިއްބެވި ކަމެވެ.