އިމިގްރޭޝަން

އިންޑިއާއިން ހިފެހެއްޓި ދޯނީގައި ތިބި ބިދޭސީން ޑީޕޯޓް ކޮށްލަނީ

ގަވާއިދާ ހިލާފަށް އިންޑިއާގެ ކަނޑުގެ ސަރަހައްދަށް ވަތް ދިވެހި މަސް ދޯނީ ތިބި އަށް ބިދޭސީ މީހުން ޑީޕޯޓް ކޮށްލަން ނިންމާފައިވާ ކަމަށް އިމިގްރޭޝަންއިން ބުނެފި އެވެ.

"ވީވަރު" ނަމަކަށް ކިޔާ ރާއްޖޭގެ މަސް ދޯނި އިންޑިއާ ކަނޑުގެ ސަރަހައްދަށް ވެދެ އުޅެނިކޮށް ހިފަހައްޓާފއިވަނީ މަލިކު ކައިރިން އިންޑިއާގެ ކޯސްޓް ގާޑުގެ ނޭވީއިންނެވެ. އިންޑިއާ ސިފައިން ދޯނި ހިފެހެއްޓިއިރު އޭގައި 12 މީހުން ތިބިކަށް އެމްއެންޑީއެފްއިން ވަނީ ބުނެފަ އެވެ. އިންޑިއާ ސިފައިން އެ ދޯނި ރާއްޖެއަށް އައުމަށް ދޫކޮށްލީ މިމަހު 16 ވަނަ ދުވަހު ރާއްޖެއާއި އިންޑިއާ ސަރުކާރުގެ ދެމެދުގައިވާ ގުޅުމުގެ ސަބަބުން ކަމަށް ވެސް އެމްއެންޑީއެފްއިން ވަނީ ބުނެފަ އެވެ.

އެ ދޯނީގައި ތިބީ އަށް ބިދޭސީ މީހުންނާއި ހަތަރު ދިވެހިންނެވެ.

އެ ދޯނި އިއްޔެ ރާއްޖެ އައުމުން ދޯނީގައި ތިބި އަށް ބިދޭސީ މީހުން އެމްއެންޑީއެފްއިން ވަނީ އިމިގްރޭޝަންއަށް ހަވާލުކޮށްފަ އެވެ. އިމްގްރޭޝަންއިން ބުނީ އެމްއެންޑީއެފްގެ އެހީތެރިކަމާއެކު އެ ދޯންޏަށް ޓީމެއް ގޮސް އެ ބިދޭސީންގެ ޝަހްޝު ޔަގީން ކުރުމުގެ މަސައްކަތް ކޮށްފައިވާ ކަމަށެވެ.

އިމިގްރޭޝަންއިން ބެލި ބެލުމުން އެވަގުތު އެދޯނީގައި ތިބި އަށް ބިދޭސީންގެ ތެރެއިން ދެ ބިދޭސީންނަކީ ވަޒީފާ ދިން މީހުންނަށް ފިލައިގެން އުޅެމުންދާ ކަމަށް ރިޕޯޓް ކޮށްފައިވާ މީހުން ކަމަށެވެ. އަނެއް ހަ ބިދޭސީންނަކީ އިމިގްރޭޝަންގެ ގާނޫނާ ހިލާފަށް މަސައްކަތް ކުރަމުންދާ މީހުން ކަމަށް ވެސް ބުންޏެވެ.

އިމިގްރޭޝަންއިން ދަނީ އެ މައްސަލަ އިތުރަށް ބަލަމުންނެވެ. އިމިގްރޭޝަނުން ބުނީ މަސް ދޯނިތަކުގައި ބިދޭސީން މަސައްކަތް ކުރުމަކީ ގާނޫނާ ހިލާފު ކަމަކަށްވާތީ، އިހްމާލުވެފައިވާ ފަރާތްތަށް ޒިންމާދާރު ކުރުވާނެ ކަމަށެވެ.