ހަބަރު

އިންޑިއާ މަތިންދާބޯޓު ޖެއްސީ ހުއްދަ ލިބިގެން

Sep 8, 2020

މިއަދު ހދ. ހަނިމާދޫ އެއާޕޯޓަށް އިންޑިއާގެ އަސްކަރީ ދެ މަތިންދާބޯޓު ޖެއްސީ ހުއްދަ ނުނަގާ ކަމަށް ދެކެވޭ ވާހަކަތައް އިމިގްރޭޝަނުން ދޮގު ކޮށްފި އެވެ.

އިންޑިއާ އަސްކަރިއްޔާގެ ޑޯނިއާ މަތިންދާބޯޓުތަކެއް ރާއްޖެއަށް މިއަދު ހެނދުނު ޖައްސަނިކޮށް ނަގާފައިވާ ފޮޓޯތަކާއެކު އިދިކޮޅު ބައެއް ބޭފުޅުން ގެންދަވަނީ އެކަމާ ކަންބޮޑުވުން ފާޅު ކުރައްވަމުންނެވެ.

އެކަމާ ގުޅިގެން، އެމްއެންޑީއެފުން ބުނެފައި ވަނީ އެ މަތިންދާބޯޓުތައް ރާއްޖެ އައިސްފައި ވަނީ، ރާއްޖޭގެ އިގުތިސޯދީ ސަރަހައްދު ބެލުމަށް އިންޑިއާ ސިފައިންނާ ގުޅިގެން ސިލްސިލާކޮށް ކުރިއަށް ގެންދާ އޮޕަރޭޝަނަކަށް ކަމަށެވެ.

އެގޮތުން، އާއްމުކޮށް އޮޕަރޭޝަނަށް ދެ ފްލައިޓް އަންނާނެ ކަމަށާއި، ނަމަވެސް އޮޕަރޭޝަނުގައި ބޭނުން ކުރާނީ އެންމެ ފްލައިޓެއް ކަމަށެވެ. އަދި ބެކްއަޕް ފްލައިޓު މިއަދު މެންދުރުގެ ވަގުތެއްގައި ފުރައިގެން ގޮސްފައިވާކަމަށް ބުންޏެވެ.

އޮޕަރޭޝަންގައި ބޭނުންކުރާ ފްލައިޓު މިމަހުގެ 16 ވަނަ ދުވަހާ ހަމައަށް ރާއްޖޭގައި އޮންނާނެކަމަށްވެސް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ.

ނަމަވެސް، އެ މަތިންދާބޯޓުތައް ރާއްޖެ އައިސްފައިވަނީ އިމިގްރޭޝަނުގެ ހުއްދަ ނެތިކަމަށް ބުނެ ތުހުމަތަކެއް ދަނީ ކުރެވެމުންނެވެ.

އެކަމަށް ރައްދު ދެމުން، އިމިގްރޭޝަނުން ބުނީ ހަނިމާދޫ އެއާޕޯޓަށް އަސްކަރީ މަތިންދާބޯޓެއް ޖެއްސީ އިމްގްރޭޝަންގެ ހުއްދަނެތި ކަމަށް ބުނެ، ބައެއް ނޫސްތަކުގައި ލިޔެފައިވާ ލިޔުންތަކަކީ ސައްހަ މައޫލޫމާތެއް ނޫން ކަމަށެވެ.

"މި އުޅަނދަށް އިމިގްރޭޝަން ކްލިއަރެންސް ދީފައިވަނީ، އިމިގްރޭޝަނަށް ހުށަހަޅަންޖެހޭ ލިޔެކިޔުން ފުރިހަމަކޮށް، ހޯދަންޖެހޭ ހުއްދަތައް ހޯދާފައިވުމުންނެވެ،" އިމިގްރޭޝަނުން ބުނެފައިވެ އެވެ.

އިންޑިއާ ސިފައިން ރާއްޖޭގައި ތިބޭ ކަމަށް ތުހުމަތުކޮށް، އެ މައްސަލަ ހޫނުވެފައިވާ ދަނޑިވަޅެއްގައި، އެ މަތިންދާ ބޯޓުތައް އައި ސަބަބު ސާފުކޮށްދިން ނަމަވެސް، އޭގައި އައި އިންޑިއާ ސިފައިންގެ އަދަދެއްވެސް ނުބުނެ އެވެ.

އަދި ކޮވިޑް-19 އިގެ ހާލަތުގައި އެޗްޕީއޭ އިން އަޅާފައިވާ ފިޔަވަޅުތަކުގެ ދަށުން މިއަދު އައި އިންޑިއާ ސިފައިން ކަރަންޓީނު ކުރުމާ ގުޅޭގޮތުން، ނޫސްވެރިން ތަކުރާރުކޮށް ކުރި ސުވާލުތަކަށް އެމްއެންޑީއެފުން އަދި މިހާތަނަށް އެއްވެސް ޖަވާބެއް ދީފައެއް ނުވެ އެވެ.

އެކަމާ ގުޅޭގޮތުން، އެމްއެންޑީއެފުން ފަހުން ބުނީ، މިއަދު ބޯޓުގައި އައި ފަރާތްތައް އަމަލުކުރަމުންދަނީ އެޗްޕީއޭގެ ގައިޑްލައިނާ އެއް ގޮތަށް ކަމަށެވެ.