ކުޅިވަރު

2023 ގެ މުބާރާތް ރާއްޖޭގައި ބާއްވަން ރައީސް ބޭނުންފުޅުވޭ

އިންޑިއާ ކަނޑުގެ ޖަޒީރާ ގައުމުތަކަށް ހާއްސަކޮށްގެން ބާއްވާ، "އިންޑިއަން އޯޝަން އައިލެންޑް ގޭމްސް" ގެ ކުޅިވަރު މުބާރާތް 2023 ގައި ރާއްޖޭގައި ބާއްވަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހަމަދު ސޯލިހް ބޭނުންފުޅުވާކަން ހާމަ ކުރައްވައިފި އެވެ.

މި އަހަރު، މޮރިޝަސްގައި ބާއްވާ، ގޭމުސްގެ ދައުވަތު، މޮރިޝަސްގެ ޔޫތު ސްޕޯޓްސް މިނިސްޓަރު ސްޓެފަން ޓައުސެންޓްގެ ފަރާތުން ރައީސް ސޯލިހްއަށް ފޮނުއްވި ދައުވަތު އެރުވުމަށް، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ޖެނަރަލް ސެކެޓްރީ އަހްމަދު މަރުޒޫގް އާއި ޓްރެޜަރަރ ހުސައިން ރަޝީދު ވަނީ ރައީސް ސޯލިހްއާ މިއަދު ބައްދަލު ކުރައްވާފަ އެވެ.

ރައީސް އޮފީހުގައި މި ބައްދަލު ވުމަށްފަހު މަރުޒޫގް ވިދާޅުވީ، 2023 ވަނަ އަހަރުގެ މުބާރާތް ރާއްޖޭގައި ބޭއްވުމަށް، ރާއްޖެއިން ބިޑު ހުށަހެޅުމަށް ރައީސްގެ އަރިހުގައި އެދިވަޑައިގެންފައި ވާނެ ކަމަށެވެ.

"ރައީސް އާއި ސަރުކާރު އޮތީ އެކަމަށް އެއްބާރުލުން ދެއްވުމަށް ތައްޔާރަށް،" ފޭސްބުކްގައި މަރުޒޫގް ލިޔުއްވާފައި ވެއެވެ. "މިހާރު ސަރުކާރުން ބޭނުން ވަނީ ޕްރަޕޯސަލް އާއި ކުރިއަށް އޮތް ހަތަރު އަހަރަށް އެންމެ އެކަށޭނެ ޕްލޭން އެކުލަވާލުމަށް."

މަރުޒޫގް ވިދާޅުވީ، އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ރާއްޖޭގައި ބޭއްވުމަށް މަގު ފަހި ވެއްޖެނަމަ އެކަމުން ރާއްޖޭގެ ކުޅިވަރަށާއި އެތުލީޓުންނަށް ބޮޑު ކުރި އެރުމެއް ލިބިގެންދާނެ ކަމަށެވެ.

މި އަހަރު މޮރިޝަސްގައި ބާއްވާ، ގޭމްސް އޮންނާނީ، ޖުލައި 19 އިން 28 ހަށެވެ. މި ގޭމްސްގައި ހިމެނޭ ޓީމު އިވެންޓް ކުޅިވަރުތަކުގެ ގުރު މިހާރު ވަނީ ނަގާފަ އެވެ. ރީޔޫނިއަން ގައި 2015 ވަނަ އަހަރު ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަކީ ރާއްޖޭގެ ކުޅިވަރުގައި ފާހަގަ ކުރެވިގެން ދިޔަ ގޭމެސްއެކެވެ.

ރާއްޖޭގެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު 'ސާއިދު ކަޅޭ' ވަނީ ދުވުމުގެ 100 މީޓަރު އިވެންޓުން ރަން މެޑަލް ހޯދާފަ އެވެ. އެ ފަހަރު ގޭމްސްގައި ރާއްޖެއިން އަށް މެޑަލް ހޯދި އެވެ. އެއީ ފަސް ބްރޯންޒާއި ދެ ސިލްވާގެ އިތުރުން ސާއިދު ހޯދި ރަން މެޑަލް އެވެ.

މި އަހަރު ބާއްވާ ގޭމްސް ހޯސްޓް ކުރުމުގެ ފުރުސަތުވެސް ރާއްޖެއަށް ލިބުނެވެ. އެކަން އޮލިމްޕިކް ކޮމިޓީގެ ފަރާތުން ވަނީ އޭރު ސަރުކާރާ ހިއްސާވެސް ކޮށްފަ އެވެ.

"ބިޑު ހުށަހެޅުމުގެ މުއްދަތު ހަމަވިފަހުންވެސް، ރާއްޖެއަށް ފުރުސަތު ދިން ބިޑު ހުށަހެޅުމަށް." އޭރު އޮލިމްޕިކް ކޮމިޓީގެ އޮފިޝަލަކު ވިދާޅުވި އެވެ.