ރައްޔިތުންގެ މަޖިލިސް

ކޮމިޝަނަށް ބާރުދޭ ބިލަށް ތާއީދު ކުރެވޭކަށް ނެތް: ރިޔާޒު ރަޝީދު

Feb 27, 2019
11

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެކުލަވާލައްވާފައިވާ ދެ ކޮމިޝަނަކަށް ބާރު ދިނުމަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ބިލަކީ ގާނޫނު އަސާސީއާ ހިލާފު ބިލެއް ކަމަށް ވިދާޅުވެ ސަރުކާރު ކޯލިޝަން ޖޭޕީގެ ޕާލިމަންޓް މެންބަރު ރިޔާޒު ރަޝީދު ފާޅުގައި އެ ބިލާ ދެކޮޅު ހައްދަވައިފި އެވެ.

ސަރުކާރުން ހުށަހަޅާ ބިލްތަކުގެ މަސައްކަތްތައް އަވަސް ކުރުމަށް ރިޔާސަތުން މެންބަރުންނަށް ނަސޭހަތް ދެއްވުމާ ގުޅިގެން ވިލުފުށީ ދާއިރާ ތަމްސީލް ކުރައްވާ ރިޔާޒު ރިޔާސަތުގެ އެ ވާހަކަތަކަށް ރައްދު ދެއްވައި މަޖިލީހުގެ ފްލޯގައި މިއަދު ވާހަކަދައްކަވަމުން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އެކުލަވާލާ ކޮމިޝަންތަކަށް ލިބިދޭނެ ބާރުތައް ގާނޫނު އަސާސީގައި ސާފު އިބާރާތުން ލިޔެފައިވާ ކަމަށެވެ. އަދި އެގޮތަށް އެ ބާރުތައް ގާނޫނު އަސާސީއިން އެކުލަވާލާފައި އޮތްހާ ހިނދަކު ވަކި ގާނޫނެއް ހަދައިގެން ކޮމިޝަންތަކަށް އިތުރު ބާރުތައް ދިނުމަކީ ގާނޫނު އަސާސީއާ ހިލާފު ކަމަށް ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ރިޔާޒު ވިދާޅުވި ގޮތުގައި، އެ ބިލްގެ ސަބަބުން ގާނޫނު އަސާސީއިން އެކި މުއައްސަސާތަކަށް ދީފައިވާ ބާރުތައް ހަނިވެގެން ގޮސް މުއައްސަސާތަކުގެ ބާރު ކެނޑިގެން ދެ އެވެ. އެއީ ކުރެވޭނެ ކަމެއް ނޫން ކަމަށް ރިޔާޒު ތަކުރާރުކޮށް ވިދާޅުވި އެވެ.

"ކޮމިޝަންތަކަށް ބާރުދޭ ބިލްގެ ކަންތަކުގައި އަޅުގަނޑު އަބަދުވެސް ބުނަމުން މި އަންނަނީ އެއީ ގާނޫނު އަސާސީއާ ހިލާފު ބިލެކޭ. އެ ބިލަށް އަޅުގަނޑުމެންނަށް ތާާއީދު ކުރެވޭނީ އެ ބިލްގައި އެހެރަ ބޮޑެތި ބާރުތައް އަދިވެސް ކުޑަކޮށްގެން. ގާނޫނު އަސާސީގައި އެ ބުނާ ލެވަލްއަށް ކުޑަކޮށްގެން. މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއިން އެ ބިލް އިސްލާހުކޮށްފައި އެ އޮތީ ފޮނުވާފައި ތާއީދު ކުރެވޭނެ ގޮތަކަށް ނޫން. އަޅުގަނޑަކީ ވެސް ސަރުކާރު ކޯލިޝަންގެ ޕާޓީގެ މެންބަރަކަށް ވާތީ އެ ވާހަކަ ނުދައްކާ މި ހުރީ،" ރިޔާޒު ވިދާޅުވި އެވެ.

ރައީސް ސޯލިހު އެކުލަވާލެއްވި މަރުތަކުގެ މައްސަލަތަކާއި ކޮރަޕްޝަންގެ މައްސަލަތައް ބަލައި ކޮމިޝަނަށް ބާރުތައް ދިނުމުގެ ބިލް ތިން ފަހަރަށް އެޖެންޑާ ކުރި ނަމަވެސް، އެ ބިލަށް ވޯޓަށް އަހާ އަދަދަށް ކޯރަމް ހަމަނުވެގެން ވަނީ އެ ބިލަށް ވޯޓަށް ނޭހިފަ އެވެ.

ސަރުކާރު ކޯލިޝަންގެ ޕީޖީ ލީޑަރު، ކިބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު ވެސް ވިދާޅުވަނީ، އެ ބިލަށް ވޯޓަށް ނޭހިގެން އުޅެނީ، އެ ބިލް ފާސްކުރަން ބޭނުން ނުވާ މެންބަރުންތަކެއް ގަސްތުގައި އެ ބިލަށް ވޯޓަށް އެހޭ އަދަދަށް ކޯރަމް ހަމަކުރަން ބޭނުން ނުވާތީ އެވެ. އަދި އެގޮތަށް އަމަލު ކުރާ މެންބަރުންނާ މެދު ފިޔަވަޅު އެޅުމަށް ހުށަހަޅުއްވާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

ކޮމިޝަންތަކަށް ބާރުދޭ ބިލް ސަރުކާރުން ހުށަހެޅީ، ކޮމިޝަނުން ތަހުގީގުކޮށް ހުށަހަޅާ މައްސަލަތައް ފޮނުވަން ޕީޖީ އޮފީހުގައި އެކަމަށް ހާއްސަ އޮފީހެއް ހެދުމުގެ އިތުރަށް އެފަދަ މައްސަލަތަކުގެ ޝަރީއަތް ހިންގަން ވަކި ތާރީހުތަކެއް ކަނޑައަޅައިފަ އެވެ. އެހެން ނަމަވެސް ކޮމިޓީއިން ވަނީ ބިލްގައިވާ އެ ބައިތައް އުނިކޮށްފަ އެވެ. އެ ބިލް އޮންނަ ގޮތުން ދެ ކޮމިޝަނަށް ވެސް ތަހުގީގީ އިދާރާއަކަށް ލިބިދޭ ބާރުތައް ލިބިދޭނެ އެވެ. އެގޮތުން މީހުން ހާޒިރު ކުރުމާއި ކޯޓް އަމުރުތައް ހޯދުމަށް އެދުން ބޭންކް އެކައުންޓްތަކާއި ޕާސްޕޯޓް ހިފެހެއްޓުމަށް އެދެވިދާނެ ކަމަށް ބިލްގައިވެ އެވެ.

އިދިކޮޅު ޕީޕީއެމްއިން ބުނަނީ، އެ ބިލަކީ އިދިކޮޅު ސިޔާސީ ވަކި ބަޔަކު ހައްޔަރު ކުރުމަށް ސަރުކާރުން ރާވާފައިވާ ނުބައި ރޭވުމެއް ކަމަށެވެ.

މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް އަދި ކޮރަޕްޝަންގެ ކަންކަން ތަހުގީގުކޮށް އިންސާފު ގާއިމް ކުރުމަކީ ރައީސް ސޯލިހުގެ ރިޔާސީ ވައުދެކެވެ. އެ ބިލް ފާސްނުވެ ދިގުލައިގެން ދާތީ ރައީސް ސޯލިހު ވަނީ އެކަމާ މެދު ކަންބޮޑުވެ ވަޑައިގަންނަވާކަން ފާޅު ކުރައްވައިފަ އެވެ.