ހަބަރު

އަބްދުއްރަހީމް އޭސީސީއަށް ހާޒިރުކޮށްފި

Feb 27, 2019
3

އެމްޑީޕީގެ މަޖިލިސް މެންބަރުން ވެސް ހިޔާނާތުގެ ފައިސާ ނަގާފައިވާ ކަމަށް ވިދާޅުވުމުން ފޮނަދޫ ދާއިރާގެ މެންބަރު އަބްދުލްރަހީމް އަބްދުﷲ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހާޒިރުކޮށްފި އެވެ.

އޭނާ އޭސީސީއަށް ހާޒިރުކޮށްފައިވާ ކަމަށް މިއަދު މަޖިލީހުގެ ބަހުސްގައި ކެލާ ދާއިރާގެ މެންބަރު އަލީ އާރިފް ވަނީ ވިދާޅުވެފަ އެވެ.

މަނީ ލޯންޑްރިން މައްސަލާގައި ރައީސް އަބްދުﷲ ޔާމީން ޝަރީއަތް ނިމެންދެން ބަންދުކުރުމާ ގުޅިގެން އަބްދުލްރަހީމް ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އޭނާ ވަނީ އެމްޑީޕީގެ މެންބަރުން ފައިސާ ނެގި ކަމަށް ވިދާޅުވެ، އެ މައުލޫމާތު ހޯދުމަށް ރައީސް އިބްރާހިމް ސޯލިހަށް ދައުވަތު ވެސް ދެއްވާފަ އެވެ.

އެނގިފައިވާ ގޮތުގައި އަބްދުލްރަހީމް އޭސީސީއަށް ހާޒިރުކުރީ އެ މައުލޫމާތު ސާފުކުރުމަށެވެ.

އަބްދުލްރަހީމްގެ އިތުރުން އާރިފު ވެސް ވަނީ ރައީސް ސޯލިހު ފައިސާ ނެންގެވި ކަމަށް ވެސް ވިދާޅުވެފަ އެވެ. އޭނާ މިއަދު ވިދާޅުވި ގޮތުގައި އޭސީސީއަށް ހާޒިރުވާން އޭނާއަށް ވެސް ވަނީ އަންގާފަ އެވެ.