ޕީޕީއެމްގެ ނައިބް ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބުދުރަހީމް އަބުދުﷲ ޕީޕީއެމްގެ އަތޮޅުޖަގަހަ ހުޅުއްވަމުން ދެއްކެވި ވާހަކަތަކުގެ މައްސަލައެއް އެންޓިކޮރަޕްޝަން ކޮމިޝަން، އޭސީސީ އާއި، ފުލުހުންގެ އިދާރާގެ އިތުރުން އިލެކްޝަންސް ކޮމިޝަން، އީސީއަށް އެމްޑީޕީން ހުށަހަޅައިފިއެވެ.
އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޕާޓީގެ ރިޔާސީ އިންތިހާބުގެ ތަރުޖަމާނު މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވީ، އަބުދުއްރަހީމް ދެއްކެވި ވާހަކަތަކުގައި، ދައުލަތުގެ މުދަލާއި، ވަސީލަތްތަކާއި، މުވައްޒަފުން ބޭނުން ކުރައްވައިގެން ރައީސް އަބުދުﷲ ޔާމީނަށް ކެމްޕެއިން ކުރައްވާކަމަށް ވިދާޅުވެފައިވާތީ އެމައްސަަލަ މިހާރު އެމްޑީޕީން ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް ހުށަހަޅާފައިވާ ކަމަށެވެ.
މާރިޔާ ވިދާޅުވީ، އަބުދުއްރަހީމް ދެއްކެވި ވާހަކަތަކުގެ ހެއްކާއި ގަރީނާގެ ގޮތުގައި، ރައީސް އަބުދުﷲ ޔާމީންއާއި މެޑަަމް ފާތުމަތު އިބްރާޙިމް ޕީޕީއެމްގެ ކެމްޕެއިން އޮފީހެއްގައި ދެއްކެވި ވާހަކަތައް އެކުލެވޭ ލީކުވެފައިވާ ވީޑިއޯ ފުދޭނެ ކަމަށެވެ.
އެ ވީޑިއޯގައި ސިވިލްސާވިސް މުވައްޒަފުންނާއި، ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންގެ ރީރަޖިސްޓްރޭޝަން ފޯމްތައް ކެމްޕެއިން އޮފީހަށް ލިބޭނެ ކަމަށް މެޑަމް ވިދާޅުވެފައިވާތީ، މާރިޔާ ވިދާޅުވީ، ސިވިލް ސާވިސްއާއި، ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންގެ ރީ ރަޖިސްޓްރޭޝަން ފޯމްތައް އިލެކްޝަންސް ކޮމިޝަނަށް ލިބުމަކީ މައްސަލައެއް ނޫން ކަމަށާއި، އެހެން ނަމަވެސް ޕީޕީއެމްގެ ކެމްޕެއިން އޮފީހަކަށް އެ ފޯމްތަށް ދިއުމަކީ މައްސަލައެއް ކަމަށެވެ.
މާރިޔާ އިތުރަށް ވިދާޅުވީ ފުލުހުން މެދުވެރިކޮށް، ފޯމްތައް ވެރިފައި ކުރުމުގެ މަސައްކަތް ކުރުމަށް އިލެކްޝަނުން ނިންމާފައިވާ ނިންމުމާއިމެދު ވިސްނާލަންޖެހޭކަމަށެވެ. މީގެ ކުރިން ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓެއް ހުށަހަޅައިގެން ރިޔާސީ އިންތިހާބެއް ބާތިލްވެސް
ކޮށްފައިވާ ކަމަށާއި، ފުލުހުންގެ އަމަލުތައް ހުންނަ ގޮތުން ރައްޔިތުން ފުލުހުންނަށް އިތުބާރު ނުކުރައްވާ ކަމަށްވެސް މާރިޔާ ވަނީ ވިދާޅުވެފައެވެ.