ހަބަރު

ވީބީ ހަސަންގެ ފޯމް ބަލައިގަތުމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފި

Feb 27, 2019

އިލެކްޝަން ކޮމިޝަނުން ބަލައިނުގަތް ހަސަން ޝިޔާމް (ވީބީ ހަސަން)ގެ ފޯމް ބަލައިގަތުމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފި އެވެ. އެ ފޯމް ބަލައިނުގަތުމަށް އިލެކްޝަން ކޮމިޝަނުން ނިންމީ އޭނާގެ ދަރަންޏެއް އޮތް ކަމަށް ބުނެ އެވެ.

ސާބިތު ދަރަންޏެއް އޮވެ، ހުކުމާ އެއްގޮތަށް ދަރަނި ދައްކަމުން ނުދާ ކަމަށްވާނަމަ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ކަމަށް ކުރިމަތިނުލެވޭނެ އެވެ.

ފޯމް ބަލައިނުގަތް މައްސަލަ ސުޕްރީމް ކޯޓަށް ހަސަން ހުށަހެޅުމުން މިއަދު ކުރި ހުކުމްގައި ބުނީ ހަސަން ހިމެނޭ މައްސަލަތައް މަތީ ކޯޓުތަކުގައި އިސްތިއުނާފުކޮށްފައިވާ ކަމަށެވެ. އޭނާގެ ފޯމް އިލެކްޝަން ކޮމިޝަނުން ބާތިލް ކުރީ ފުރިހަމަ ނޫން މައުލޫމާތުތަކެއްގެ މައްޗަށް ކަމަށެވެ. އެހެންވެ އެ ފޯމް ބަލައިގަތުމަށް ސުޕްރީމް ކޯޓުން އެންގި އެވެ.

މެދު ހެންވޭރު ދާއިރާއަށް އަމިއްލަ ގޮތުން ވާދަ ކުރައްވާ ހަސަންގެ މައްސަލާގައި ވަކާލާތު ކުރެއްވީ ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލެވެ. ޖަމީލަކީ ހަސަންގެ ޅިއަނެވެ.

ޖަމީލު ވަނީ ހަސަންއަށް މަރުހަބާ ވިދާޅުވެ، ޓްވީޓެއް ވެސް ކުރައްވާފަ އެވެ. އުއްމީދު ކުރަނީ ހަސަން އިންތިހާބު ވެސް ކާމިޔާބު ކުރައްވާނެ ކަމަށް ކަމަށެވެ.

ރައްޔިތުންގެ މަޖިލިސް އިންތިހާބާ ގުޅޭ މިއީ ސުޕްރީމް ކޯޓުގެ ދަވަނަ ހުކުމެވެ. މީގެކުރިން ޕްރައިމަރީ ބަލިވިޔަސް ވާދަ ކުރެވޭނެ ގޮތް ހަދައި، އިންތިހާބަށް ކުރިމަތިލެވޭ މުއްދަތު އިތުރުކޮށް ސުޕްރީމް ކޯޓުން ހުކުމް ނެރުނެވެ.