ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ބެލެނިވެރިންގެ ކަންބޮޑުވުންތައް ޖެންޑާ މިނިސްޓަރު ޝިދާތާއަށް ހުށަހަޅައިފި އެވެ.
އެ ޝަކުވާތައް ހިއްސާކުރީ ޖެންޑާ މިނިސްޓްރީގައި މިނިސްޓަރާއެކު އެ ބެލެނިވެރިން މިއަދު ބޭއްވި ބައްދަލުވުމެއްގަ އެވެ.
ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ އާއިލާތަކުގެ ކަންބޮޑުވުންތައް މިނިސްޓަރަށް ހުށަހެޅުމަށްފަހު، ވާހަކަ ދައްކަމުން ބެލެނިވެރިއަކު ބުނީ ބައްދަލުވުމުގެ ބޭނުމަކީ ޝަކުވާތަކަށް އަޑު އަހާ ފިޔަވަޅުތައް އެޅުމަށް ބާރުއެޅުން ކަމަށެވެ.
މި ބައްދަލުވުމުގައި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ސަރުކާރުން ހިލޭ ދޭ 2،000 ރުފިޔާގެ އިނާޔަތް އިތުރު ކުރުމާއި، ހޮސްޕިޓަލް ތަކުގައި ދޭ ތެރަޕީގެ ހިދުމަތް ރަނގަޅު ކޮށް ހާއްސަ އެހީ އަށް ބޭނުންވާ ކުދިންނަށް ފަރުވާދޭ ކްލިނިކެއް ގާއިމް ކުރުމުގެ މުހިންމުކަން ފާހަގަކޮށްފައިވެ އެވެ. މީގެ އިތުރުން، އަތޮޅު ތެރޭ ރަށްރަށުގައި ހާއްސަ އެހީ އަށް ބޭނުންވާ ކުދިންނަށް ދޭންޖޭހޭ ތެރަޕީ ނުލިބުމާއި ރާއްޖޭގައި ތިބޭ ތެރަޕިސްޓުންގެ އަގުތައް ބޮޑު ވުމުގެ މައްސަލަތައް ވަނީ ހިއްސާ ކޮށްފަ އެވެ.
ބައްދަލުވުމަށްފަހު ވާހަކަ ދައްކަމުން އެހެން ބެލެނިވެރިއެއް ބުނި ގޮތުގައި މި މައްސަލަތަކަކީ ނުކުޅެދުންތެރިކަން ހުންނަ އާއިލާ ތަކުން އަބަދުވެސް ފާޅު ކުރަމުން އައި ކަންބޮޑުވުންތަކެއް ކަމަށެވެ. އަދި މި މައްސަަލަތަކަށް އަވަސް ހައްލެއް ނުލިބި ގިނަ ދުވަސް ވާ ވަރަކަށް މި ކުދިންގެ ފަރުވާތައްވެސް މަޑުޖެހޭނެ ކަމަށް ބުންޏެވެ.
"އަޅުގަނޑުމެން މިނިސްޓަރާ ބައްދަލުކުރީ ބައިވަރު މައްސަލަތައް ހުރުމުން، އެގޮތުން ލިބެންޖެހޭ އެލަވަންސްތައް މަދު ވުމާއި، މިކަމަށް ފަރުވާ ހޯދުމަށް ކުދިންނަށް ދޭންޖެހޭ ތެރަޕީ ކްލާސްތަކުގެ ފީ ބޮޑު ވުން ވެސް އެއީ މައްސަލަ އެއް. އަދި އަޅުގަނޑުމެންގެ ތެރެއިން މި ފީ އެފޯޑު ނުކުރެވޭ މީހުންގެ މައްސަލަތައްވެސް އަދި މާ ބޮޑު ވާނެ. އެ އެންމެންނަށް ހައްލެއް ހޯދައިދިނުމަށް އަޅުގަނޑުމެން މިއަދު ބައްދަލު ކުރީ،" ބެލެނިވެރިޔާ ބުންޏެވެ.
ޖެންޑާ މިނިސްޓަރު ޝިދާތާ އާ ބައްދަލު ކުރެއްވުމަށްފަހު ބެލެނިވެރިން ބުނި ގޮތުގައި އެ މިނިސްޓްރީ އިން މިހާރުވެސް އަންނަނީ މައްސަލަތައް ބަލަމުން ކަމަށް މިނިސްޓަރު ވިދާޅުވި ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި މި މައްސަލަތަކާ ބޭހޭ ގޮތުން ވާހަކަ ދައްކާނެ ހާއްސަ ޕްލެޓް ފޯމެއް ގާއިމް ކޮށްދޭނެ ކަމުގެ ޔަގީންކަންވެސް އެރުވި ކަމަށް ބުންޏެވެ.
ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ އާއިލާތަކަށް ދިމާވާ ގޮންޖެހުންތައް މިނިސްޓަރަށް ހިއްސާ ކުރުމަށްފަހު ބެލެނިވެރިން ބުނި ގޮތުގައި، މި މައްސަލަތައް ހައްލު ކުރުމަށް އިތުރު ބޭފުޅުންނާ ބައްދަލުކޮށް، ހައްލެއް ލިބޭތޯ މަސައްކަތް ކުރާނެ ކަމަށެވެ.