ހަބަރު

ކުދިންނާ ގުޅޭ 128 މައްސަލަ މިދިޔަ މަހު ރިޕޯޓު ކޮށްފައިވޭ

މިދިޔަ ޖަނަވަރީ މަހު ކުޑަކުދިންނާ ގުޅުންހުރި 128 މައްސަަލައެއް ހުށަހަޅާފައިވާ ކަމަށް ޖެންޑާ މިނިސްޓްރީއިން ބުނެފި އެވެ.

ޖެންޑާ މިނިސްޓްރީ އިން މިއަދު އާއްމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއީ މިދިޔަ ޖަނަވަރީ މަހު އެ މިނިސްޓްރީ އަށް ހުށަހެޅުުނު މައްސަލަ ތަކުގެ 47 އިންސައްތަ އެވެ.

ކުޑަކުދިންނާ ގުޅޭ މައްސަލަތަކުގެ ތެރެއިން 48 ބާވަތުގެ މައްސަލައެއް ވަނީ ޖެންޑާ އަށް ރިޕޯޓުކޮށްފަ އެވެ. އަދި ޖިސްމާނި އަނިޔާކުރުމުގެ 21 މައްސަލައެއް ރިޕޯޓް ކޮށްފައިވެ އެވެ. ޖިންސީ އަނިޔާގެ 28 މައްސަލައަކާއި ނަފްސާނީ ހާނިކައިގެ 11 މައްސަލައެއް ވެސް ވަނީ ރިޕޯޓް ކޮށްފައި ކަމަށް ޖެންޑާ އިން ބުނެ އެވެ.

މީގެ އިތުރުން، ގެވެށި އަނިޔާ ކުރާތަން ދެއްކުން ނުވަތަ ފެނުމުގެ 10 މައްސަލަ އަކާއި، ކުދިންގެ ފަރާތުން އިންޓަނެޓް މެދުވެރިކޮށް ބުލީ ކުރުމުގެ ހަތް މައްސަލައަކާއި ހައްގުތަކުން ކުޑަކުދިން މަޙްރޫމުކުރުމާ ގުޅޭ 14 މައްސަލައެއްވެސް މިދިޔަ މަހު ވަނީ ހުށަހަޅައިފަ އެވެ.

ޖެންޑާ މިނިސްޓްރީއަށް ހުށަހެޅުނު އެހެން މައްސަލަތަކަށް ބަލާއިރު އާއިލީ މައްސަލަތަކުގެ 47 ރިޕޯޓް އެ މިނިސްޓްރީ އަށް ވަނީ ކޮށްފަ އެވެ.

ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާއާ ގުޅޭ ހިސާބުތަށް ވެސް އެ މިނިސްޓްރިން ވަނީ މިއަދު އާއްމުކޮށްފަ އެވެ. އެގޮތުން، ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 47 މައްސަލަ މިދިޔަ މަހު ޖެންޑާއަށް ވަނީ ހުށަހަޅައިފަ އެވެ. އަދި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އުމުރުން ދުވަސްވީ މީހުނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން 15 މައްސަލަ ރިޕޯޓް ކޮށްފައިވާކަމަށް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކަ އެވެ.