ހަބަރު

އުރީދޫއިން "އެވީ" އަދި "މޫލީ" ދައްކާލައިފި

ސްޕެއިންގެ ބާސެލޯނާގައި މިހާރު ކުރިއަށް މޮބައިލް ވޯލްޑް ކޮންގްރެސްގައި އުރީދުގެ ތަފާތު ދެ ޕްރޮޑަކްޓެއް ދައްކާލައިފި އެވެ.

މޮބައިލް ވޯލްޑް ކޮންގްރެސް ރާއްޖޭގެ ފަރާތުން ތައާރަފް ކޮށްފައިވަނީ އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކުރާ ޑިޖިޓަލް އެސިސްޓަންޓު "އެވީ" އަދި އީ-ކޮމާސް މާކެޓްޕްލޭސް ޕްލެޓްފޯމް "މޫލީ" އެވެ. މިދެ ޕްރޮޑަކްޓްވެސް ތައާރަފް ކޮށްފައިވަނީ އެ ކުންފުނީގެ ސީއީއޯ ނަޖީބު ހާނެވެ.

ނަޖީބް ހާން ވިދާޅުވީ، ކަސްޓަމަރުންގެ ބަދަލުވަމުންދާ ބޭނުންތަކަށް އެކަށޭނެ ހައްލުތައް ހޯދައިދީ ޑިޖިޓަލް މުސްތަގްބަލަކަށްޓަކައި އާޓިފިޝަލް އިންޓެލިޖަންސް އަދި މެޝިން ލާނިންގެ ސޮލިއުޝަންތައް ފޯރުކޮށްދިނުމަށް އުރީދޫ އިން ގިނަ މަސައްކަތްތަކެއް ކުރާ ކަމަށެވެ.

ޓެކްނޮލޮޖީ ދާއިރާގެ އެންމެ ކުރިއަރާފައިވާ ލީޑަރުން ބައިވެރިވާ މޮބައިލް ވޯލްޑް ކޮންގްރެސް ރާއްޖެ ތަމްސީލުކޮށް، އުރީދޫ މޯލްޑިވްސްގެ ޑިވެލޮޕަރުންގެ އަމިއްލަ އުފެއްދުންތައް އެފަދަ ޕްލެޓްފޯމެއްގައި ދައްކާލެވުމަކީ ލިބިގެންދާ ނުހަނު ބޮޑު ޝަރަފެއް ކަމަށްވެސް ނަޖީބް ހާން ވިދާޅުވި އެވެ.

އެވީ އިން އާޓިފިޝަލް އިންޓެލިޖަންސް އަދި ޑީޕް ލާނިން ބޭނުންކުރާ ޗެޓްބޮޓުތަކެއްގެ އެހީގައި ކަސްޓަމަރުންގެ ތަޖުރިބާތައް ފުރިހަމަކޮށްދޭނެ އެވެ. އެވީ މެދުވެރިކޮށް ބޭނުން ކޮންމެ ސުވާލަކަށް ޖަވާބު ލިބިގެންދާނެ އެވެ. ކޯލްސެންޓަރު ތަކަށް ގުޅައިގެން ހޯދަން ބޭނުންވާ މައުލޫމާތުތައް އެވީ މެދުވެރިކޮށް ލިބިގެންދާނެ ކަމަށްވެސް އުރީދޫ އިން ބުންޏެވެ.

އެވީ އަކީ ތަފާތު ޗެނަލްތަކުގައި މަސައްކަތް އެޕެކެވެ. އެވީގެ އެހީތެރިކަން،ވޮއިސް ކޯލް އަދި އެސްއެމްއެސް، ފޭސްބުކް މެސެންޖާ، ޓްވިޓާ، ވައިބާ، ޓެލެގްރާމް، ވަޓްސްއެޕް ފަދަ އެޕްތަކުންވެސް ލިބޭނެ އެވެ. އަދި އެލެކްސާ އާއި ގޫގުލް އެސިސްޓަންޓު މެދުވެރިކޮށް ސްމާޓް ހޯމް ވަސީލަތަކުންވެސް "އެވީ" ގެ ހިދުމަތްތައް ބޭނުން ކުރެވޭނެ ކަމަށް އުރީދޫ އިން ބުންޏެވެ.

އުރީދޫ އިން ބުނީ، ކޯލް ސެންޓަރު ތަކަކީ ގިނަ ކަސްޓަމަރުންގެ ފަރާތުން އެއް ސުވާލުތަކަކަށް ޖަވާބު ފޯރުކޮށްދޭ ތަނަކަށްވެފައި ހިދުމަތުގެ ފެންވަރު ރަގަޅުކޮށް އަވަސް ކުރުމަށްޓަކައި އާޓިފިޝަލް އިންޓެލިޖަންސް އަދި މެޝިން ލާނިންގެ ބޭނުންހިފުމަށް ރަނގަޅު ފުރުސަތުތަކެއް ލިބިގެންދާނެ ކަމަށެވެ. އަދި އުއްމީދަކީ އެވީ މެދުވެރިކޮށް މައުލޫމާތު ހޯދުމުން ފެށިގެން ހިދުމަތް ހިޔާރުކުރުމާއި ބޭނުންވާ އެހީތެރިކަން ފަސޭހަކަމާއި އެކު ލިބިގެންދިއުން ކަމަށްވެސް އެކުންފުނިން ބުންޏެވެ.

މޫލީ އަކީ މުޅި ރާއްޖެއަށް ހުޅުވާލާފައިވާ ގަނެވިއްކުމުގެ ހުރިހާ މަރުހަލާތެއް ޑިޖިޓަލްކޮށްލަދޭނެ ޕްލެޓްފޯމެކެވެ. އެގޮތުން ޕްރޮޑަކްޓުތައް އޯޑަރުކުރުމާއި އޮންލައިންކޮށް ފައިސާދެއްކުމާއި ބައްލަވައިގަތް މުދާ ރާއްޖޭގެ ކޮންމެ ހިސާބަކަށްވެސް ފޮނުވައިދިނުން ވެސް ހިމެނެ އެވެ.



މޫލީ އާއިއެކު، އުރީދޫއިން ކަސްޓަމަރުންނާއި ކުރިޔަށް ވުރެ ގާތްކޮށް، އެންމެ ގުޅޭގޮތަށް ޚިދުމަތް ފޯރުކޮށްދިނުމަށް މަސައްކަތްކުރާނެއެވެ. ޕްރެސްޓޯ އާއިއެކު އުރީދޫ މޯލްޑިވްސްއިން ތަޢާރަފްކުރާ ޕްލެޓްފޯމް މެދުވެރިކޮށް، އެކި ކަސްޓަމަރުންގެ ތަފާތު އެކި ބޭނުންތަކާއި ގުޅޭގޮތަށް، މުދާ ބައްލަވައިގަތުމުގައި ވަރަށް ތަފާތު ތަޖުރިބާއެއް ފޯރުކޮށްދޭނެއެވެ. ބޭނުންކުރާ މިންވަރާއި، ގޮތްތަކާއި، ކަމުދާ ކަންކަމަށް ބެލުމަށްފަހު. އެކަސްޓަމަރަކާއި އެންމެ ގުޅޭ ގޮތަށް ފަރުމާކުރެވިފައިވާ ވިޔަފާރި ތަޖުރިބާ ލޭންޑިންގ ސްކްރީނުން ފެށިގެން ދާއިރު، ނިންމާލެވޭނީ ލޯޔަލްޓީ ޕޮއިންޓްސް ތަކެއް ހަދިޔާ ކުރެވިގެންނެވެ. މީގެ އިތުރުން މޫލީ ބޭނުންކުރާ ފަރާތްތަކުގެ މުއާމަލާތްތަކުން ދަސްކޮށް، އެންމެ ގުޅޭ ކޮންޓެންޓް ހޯދުމަށް އެހީތެރިވެ، އޮންލައިން ވިޔަފާރީގެ ތަޖުރިބާއަށް އިތުރު ފުރިހަމަކަމެއް ގެނެސްދޭނެއެވެ.

އުރީދޫ އިން ބުނީ، މޫލީ މެދުވެރިކޮށް ފުރަތަމަ ފޯރުކޮށްދެވިގެންދާނީ އުރީދޫގެ ހުރިހާ ޕްރޮޑަކްޓުތަކާއި ރާއްޖޭގެ ތަފާތު ޔޫޓިލިޓީގެ ހިދުމަތްތައް ކަމަށެވެ.

"ކުރިއަތް އޮތް މަސްތަކުގައި މި ޕްލްޓްފޯމް ވެގެންދާނީ ތަރުކާރީއާ ގޭތެރޭގެ ސާމާނުން ފެށިގެން އިލެކްޓްރޯނިކްސްއާ ކާބޯތަކެތި އަދި ސިއްހީ އާއި ތައުލީމީ ހިދުމަތްތައް ފަދަ ތަފާތު ވިޔަފާރިތައް ތަމްސީލުކުރެވޭ އީ-ކޮމާސް މާކެޓްޕްލޭސް އަކަށް، އީ-ކޮމާސް އަށް ހާއްސަ އާޓިފިޝަލް އިންޓެލިޖެންސްގެ އެހީގައި ގަނެވިއްކުމުގެ ތަޖުރިބާ އިތުރަށް ފަސޭހަ ކުރެވެމުންދާނެ،" އުރީދޫއިން ބުންޏެވެ.

އަންނަ މާޗް މަހުން ފެށިގެން މި ދެހިދުމަތް ލިބިގެންދާނެ ކަމަށެވެ. އަދި މި ދެހިދުމަތް އިތުރަށް ފުރިހަމަ ކުރުމަށް ޓެސްޓް ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މި ހިދުމަތްތައް ތަޖުރިބާ ކޮށްލުމުގެ ފުރުސަތު މޮބައިލް ވޯލްޑް ކޮންގްރެސްގައި ބައިވެރިވި ފަރާތްތަކަށް ވަނީ ހުޅުވާލާފަ އެވެ.