ދިވެހި ސިނަމާ

"ގޮށްރާޅު"ގެ ވަދާއީ ދެ ޝޯ، މިއަދާއި މާދަމާ

މި މަހު ހަތަރެއްގައި ޕްރިމިއާކުރި ދިވެހި ފިލްމު "ގޮށްރާޅު"ގެ ވަދާއީ ދެ ޝޯ މިއަދާއި މާދަމާ އަށް ތާވަލު ކޮށްފި އެވެ.

ފިލްމުގެ ވަދާއީ ޝޯތައް ދައްކާނީ މިއަދާއި މާދަމާގެ ރޭ 21:00ގަ އެވެ. ވަދާއީ ޝޯތަކުގެ ޓިކެޓް މިހާރު އޮލިމްޕަހުން ވިއްކަން ފަށާފައިވާއިރު އެ ފިލްމުގެ 30 ޝޯ ވަނީ ދައްކައި ކަމަށް ފިލްމުގެ ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) ބުނެ އެވެ. އަދި މީގެ ތެރެއިން 21 ޝޯ އަކީ ހައުސްފުލް ޝޯ ކަމަށް ބުންޏެވެ.

މޫމިން ފުއާދުގެ ސްކްރީން ޕްލޭއަކަށް އުފައްދާފައިވާ "ގޮށްރާޅަށް" ދިވެހިން ދިން ތަރުހީބު ވަރަށް ބޮޑެވެ. އިޖުތިމާއީ ބޮޑެތި މައްސަލަތަކެއް ދައްކުވައިދިން މި ފިލްމުގެ ކުޅަދާނަ ވިޝުއަލް އިފެކްސްޓްސް އާއި ސިނެމަޓޯގްރަފީ އިން ދިވެހި ސިނަމާގައި ތަފާތު ދެއްކި ކަމަށް ފިލްމު ބެލި އާއްމުން ބުނެ އެވެ.

މިއީ ޑާކްރެއިންއިން ޕްރޮޑަކްޝަން ހައުސް އިން ވެސް މީގެ ކުރިން ގެނެސްދީފައިނުވާ ޖޯންރާއެއްގެ ފިލްމެކެވެ. ކްރައިމް ތްރިލާ ޖޯންރާ އަކަށް އުފައްދާފައިވާ މި ފިލްމު ޑައިރެކްޓުކޮށްދީފައިވަނީ އަހްމަދު ޝިނާން އެވެ. މިއީ އޭނާގެ ފުރަތަމަ ސޯލޯ ޑައިރެކްޝަން އެވެ. ފިލްމުގެ ޕްރޮޑިއުސަރަކީ މުހައްމަދު އަލީ (މޮގާ) އެވެ. އަދި ފިލްމުގެ ވާހަކައާއި ސްކްރީންޕްލޭ ތައްޔާރުކުރީ މޫމިން ފުއާދު އެވެ.

"ގޮށްރާޅު"ގެ ލީޑު ކާސްޓުންގެ ގޮތުގައި ޖުމައްޔިލް ނިމާލް (ޖުމަލް)، ހަސަން އިރުފާން (ޒަކިއްޓެ)، ތަސްނީމާ، ރަޝްފާ، އަޒާން، ނާސިތް، ހަމްދާން، އަދި ނުޒުހަތު ޝުއައިބް (ނުޒޫ) ފެނިގެންދާނެ އެވެ.