ވިޔަފާރި

އަންހެން ވިޔަފާރިވެރިންގެ ގައުމީ ޖަމިއްޔާ އުފައްދަނީ

ދިވެހި އަންހެން ވިޔަފާރިވެރިންގެ ގައުމީ ޖަމިއްޔާއެއް އުފެއްދުމުގެ މަސައްކަތް ދިވެހި ސަރުކާރުން ފަށައިފި އެވެ.

ނޭޝަނަލް ވިމެންސް ޗެމްޕާ އޮފް ކޮމާސް (އެންޑަބްލިއުސީސީ) އުފައްދަން މަސައްކަތް ކުރައްވާކަން ހާމަ ކުރެއްވީ ރޭ ނިމިގެން ދިޔަ "ބިޒްނަސް ކޮންވެންޝަންގައި" އިއްޔެ ދިން ޕްރެޒެންޓޭޝަނެއް މެދުވެރިކޮށް ރެޖިސްޓްރާ އޮފް ކޮމްޕެނީސް މަރިޔަމް ވިސާމް ދެއްކެވި ވާހަކަފުޅުގަ އެވެ.

މި ޕްރެސެންޓޭޝަންގައި ވިސާމް ވިދާޅުވީ އާ ސަރުކާރުން ވެރިކަމާ ހަވާލުވެ ވިޔަފާރީގެ އެކި ދާއިރާތަކުގައި މަސައްކަތް ކުރާ ފަރާތްތަކާއެކު ބޭއްވި ބައްދަލުވުންތަކުން އަންހެނުންގެ އަޑު އެއް ޕްލެޓްފޯމަކުން އިއްވޭނެ ޖަމިއްޔާތައް މަދުކަން ފާހަގަވި ކަމަށެވެ.

"މި ބައްދަލުވުންތަކުގައި އަންހެން ވިޔަފާރިވެރިންނަށް ހާއްސަ ސެޝަނެއް ވެސް ކުރިއަށް ގެންދިޔައިން. ހާއްސަކޮށް ސިވިލް ސޮސައިޓީ އޮގަނައިޒޭޝަންތަކުން ބައިވެރި ކޮށްގެން ސަރުކާރުގެ ސިޔާސަތު ހަރުދަނާ ކުރެވޭނެ ގޮތްތައް ބެލިން. ރާއްޖޭގައި ވިޔަފާރި ކުރާ އަންހެން ވިޔަފާރިވެރިންނާ ވެސް ބައްދަލު ކުރިން. މި ބައްދަލުވުންތަކުން އެނގިގެން ދިޔައީ ނަމަވެސް އެއް ވޮއިސްއެއްގެ ގޮތުގައި އިގްތިސާދޯ ފުދުންތެރިކަން އިތުރު ކުރަން މަސައްކަތް ކުރާ އަންހެނުން މަސައްކަތް ކުރާ ޖަމިއްޔާތަށް މިވަގުތު މަދުކަން،" ވިސާމް ވިދާޅުވި އެވެ.

އިތުރަށް ވާހަކަ ދައްކަވަމުން ރަޖިސްޓްރާ ވިދާޅުވީ މި ޖަމިއްޔާގެ މައިގަނޑު މަގުސަދަކީ މިހާރު އަންހެނުންނަށް ފުރުސަތުތައް އިތުރު ކޮށްދޭން އުފައްދާފައިހުރި ޖަމިއްޔާތައް ހުއްޓުވުން ނޫން ކަމަށާ، މީގެ ބަދަލުގައި އެ ޖަމިއްޔާތަކުގެ ބައިވެރިވުން އިތުރު ކުރުން ކަމަށެވެ. ނަމަވެސް މިނިސްޓްރީގެ ވިސްނުމަކީ ޖަމިއްޔާ ހިންގުން ނޫން ކަމަށެވެ.

"އަޅުގަނޑުމެން ރަނގަޅު ގަވަނަސް ސްޓްރަކްޗާއެއް ގާއިމް ކޮށްދޭނީ. އަޅުގަނޑުމެންގެ ވިސްނުން ހުރީ ހަމައެކަނި ޖަމިއްޔާއެއް އުފައްދާފަ ނިންމާލުމެއް ވެސް ނޫން. ވިސްނުމަކީ މުސްތަގުބަލުގައި ގާނޫނެއްގެ ސިފައިފައި ބައެއް ކަހަލަ ކަންކަން ކުރުމުގައި އަންހެން ވިޔަފާރިވެރިންގެ ތަރައްގީ އަށް މަސައްކަތް ކުރުމަކީ މުހިންމު ކަމެއްކަން އަންގައިދޭނެ ގާނޫނެއް ހެދުން. ރަނގަޅު ގަވަނަންސް ސްޓްރަކްޗާ އެއް އުފެއްދުން،" ވިސާމް ވިދާޅުވި އެވެ.

ހަމައެކަނި ޖަމިއްޔާއެއް އުފައްދާފަ ނިންމާލަނީއެއް ނޫން. ވިސްނުމަކީ މުސްތަގުބަލުގައި ގާނޫނެއްގެ ސިފައިފައި އަންހެން ވިޔަފާރިވެރިންގެ ތަރައްގީ އަށް މަސައްކަތް ކުރުމަކީ މުހިންމު ކަމެއްކަން އަންގައިދޭނެ ގާނޫނެއް ހެދުން. ރަނގަޅު ގަވަނަންސް ސްޓްރަކްޗާ އެއް އުފެއްދުން
މަރިޔަމް ވިސާމް | ރެޖިސްޓްރާ އޮފް ކޮމްޕެނީސް

ރެޖިސްޓްރާ ވިދާޅުވީ ޔޫއެންޑީޕީ އިން ކުރިން ހެދި ދިރާސާއަކުން ދައްކާ ގޮތުގައި ރާއްޖޭގެ މަސައްކަތުގެ އާބާދީގައި އަންހެނުންގެ ބައިވެރިވުން ކުޑަ ކަމަށެވެ.

"އަންހެން ވިޔަފާރިވެރިންނާ ބެހޭ އެހާ ރަނގަޅު ދިރާސާއެއް ނެތް. ލޭވަ ފޯސްގައި ކޮންމެވެސް ކަހަލަ މަސައްކަތެއް ކުރަން މި އުޅެނީ 60 ޕަސެންޓާ ގާތް. ނަމަވެސް މިއީ އެހާ ބަރޯސާ ކުރެވޭ އެއްޗެއް ނޫން. ނަމަވެސް އެނގެނީ އިން ބެލެންސެއް އުޅޭކަން،" ވިސާމް ވިދާޅުވި އެވެ.

އަންހެން ވިޔަފާރިވެރިންގެ ޖަމިއްޔާ ޖަމިއްޔާ އުފައްދަން މަސައްކަތް ކުރާއިރު، ދިވެހި ވިޔަފާރިވެރިންގެ ގައުމީ ޖަމިއްޔާގެ ތެރޭގައި އަންހެން ވިޔަފާރިވެރިންގެ ކައުންސިލެއް ކުރިން އޮތެވެ. ނަމަވެސް އެ ކައުންސިލް ވަނީ ކުރިން އުވިގެން ގޮސްފަ އެވެ.