ހަބަރު

ޖޭޕީގެ ނައިބް ރައީސް ކަމުންމައުސޫމް އިސްތިއުފާ ދެއްވައިފި

ޑރ. އަބުދުﷲ މައުސޫމް ޖުމްހޫރީ ޕާޓީގެ ނައިބު ރައީސް ކަމުގެ މަގާމުން އިސްތިއުފާ ދީފި އެވެ.

މައުސޫމް ޖޭޕީގެ ނައިބު ރައީސް ކަމުން އިސްތިއުފާ ދެއްވިކަން ހާމަ ކުރެއްވީ ކުރެއްވި ޓްވީޓެއްގަ އެވެ. އެ ޓްވީޓްގައި ވިދާޅުވެފައި ވަނީ ޖުމްހުރީ ޕާޓީގެ ނައިބު ރައީސް ކަމުގެ މަގާމުން އިސްތިއުފާ ދެއްވާފައިވާ ކަމަށާއި އަދި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމާއި ޕާޓީ ކައުންސިލާއި ޕީޖީ ގްރޫޕާއި، ކޮމިޓީތަކާއި، ގޮފިތަކުގެ މެމްބަރުންނަށް އަދި ޖޭޕީ ސެކެޓްރިއޭޓުން ދެއްވި އެއްބާރު ލުމަށް ޝުކުރު ދަންނަވާ ކަމަށެވެ.

ރާއްޖެއިން ސިންގަޕޫރަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމުގެ މަގާމަށް މައުސޫމް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވަނީ އައްޔަން ކުރައްވައި، ސަފީރު ކަމުގެ ފަތްކޮޅު ވެސް އަރުވާފަ އެވެ.

މައުސޫމްގެ ޓުވީޓްގައި ވިދާޅުވެފައިވަނީ، ރާއްޖެއިން ބޭރުގައި ހުރެގެން ޕާޓީގެ ނައިބް ރައީސްގެ މަސްސޫލިއްޔަތު އެންމެ އެދެވޭގޮތުގައި އަދާކުރަން ދަތިވާނެ ކަމަށެވެ. އަދި ކޯލިޝަން ސަރުކާރެއްގައި، ސަފީރެއްގެ މަގާމާއި ހަވާލުވެހުންނަ މީހަކީ ކޯލިޝަންގެ ވަކިޕާޓީއެއްގެ އިސް މަގާމެއް އަދާކުރާ މީހެއް ނަމަ މަސްލަހަތު ފުށު އެރުމުގެ ފުރުސަތުވެސް އޮންނާނެ ކަމަށެވެ. އަދި އިސްތިއުފާދެއްވި މައިގަނޑު ސަބަބަކީވެސް އެއީކަމަށް މައުސޫމް ވަނީ ވިދާޅުވެފަ އެވެ.

މައުސޫމް ކުރެއްވި ޓުވީޓް

މައުސޫމަކީ މީގެ ކުރިން ޓުއަރިޒަމް މިނިސްޓަރުކަންވެސް ކުރައްވާފައިވާ އެދާއިރާގެ ތަޖުރިބާކާރު ބޭފުޅެކެވެ. ޖުމްހޫރީޕާޓީގެ ފަރާތުން ޓުއަރިޒަމް މިނިސްޓަރަކަށް ހުށަހަޅުއްވާނީ މައުސޫމް ކަމަށްވެސް ބެލެވުނެވެ. އެހެން ނަމަވެސް މިހާރުގެ މިނިސްޓަރު އަލީ ވަހީދަށް އެ މަގާމް ދެއްވުމުން ޖޭޕީއަށް ފާޑުކިއުން ވެސް އަމާޒުވި އެވެ.