ޖިއްދާއިން މާލެއަށް

ޖިއްދާއިން މާލެއަށް: ޢަޒުމް ވަރުގަދަ އަންހެން ސާހިބާ

މުޙައްމަދު ނަބީކަލޭގެފާނުގެ ފުރަތަމަ އަނބިކަނބަލުނެވެ. އެންމެ ފުރަތަމަ އިސްލާމްވީ ފަރާތަކީ އެއީއެވެ. އެކަމަނާގެ މުދާ ﷲ އަށްޓަކައި ހޭދަ ކުރެއްވި އެވެ. މުސްލިމުންގެ ހިތްތަކުގައި ނުހަނު މަތިވެތި މަޤާމެއް ލިބިވަޑައިގެންފައިވާ ޙިކުމަތްތެރި އީމާންތެރި ތަޤުވާވެރި ހިއްވަރުގަދަ ކެއްތެރި ޢަޒުމް ވަރުގަދަ ބޭކަނބަލެކެވެ. މުއުމިން ތަކުންގެ މަންމައެވެ. ނަބަވީ ޢާއިލާގެ ބިންގަލެވެ. ތައުޙީދުގެ ދައުވަތު އުފުލި އެއް ތަނބެވެ. މުޙައްމަދުގެފާނަށް އެންމެ ފުރަތަމަ ވަޙީ ބާވާލެއްވުނު ދުވަހު ނަބީކަމުގެ އުފާވެރި ޚަބަރު ދެއްވައި އިސްލާމީ ދަޢުވަތާއިގެން ހިއްވަރާއެކު ތެދުވެވަޑައިގެންނެވުމަށް ފިރިކަލުންގެ އަތްޕުޅުގައި ހިއްޕެވި ލޮބުވެތި ހިއްވަރުގަދަ އަނބިކަނބަލުންނެވެ. އެއީ ޤުރައިޝް ވަންހައިގެ ފަޚުރު އުންމުލްމުއުމިނީން ޚަދީޖަތު ބިންތު ޚުވައިލިދު ބުނު އަސަދު ބުނު ޢަބްދުލްޢުއްޒާ ބުނު ޤުޞައްޔުއެވެ.

އުންމުލްމުއުމިނީން ޚަދީޖާ އަކީ ޤުރައިޝުވަންހައިގެ އަންހެން ސާހިބުން ކުރެ ދެވަނައެއް ނުވާ ޙަސަބާއި ނަސަބުގެ ގޮތުން އަރައިހުންނެވި ބޭކަނބަލެކެވެ. މުދާވެރި ބޭކަނބަލެކެވެ. އެކަމަނާގެ ބައްޕާފުޅަކީ ޤުރައިޝް ވަންހައިގެ ބޮޑުން ކުރެ ބޭފުޅެކެވެ. ޔަމަނުގެ ކަރައިގެ ރަސްގެފާނު ސައިފު ބުނު ޒީޔަޒުން ޙަބަޝީނާ ހަނގުރާމަ ކުރައްވައި އެއުރެންގެ މައްޗަށް ނަޞްރު ހޯދެއްވުމުގެ މުނާސަބަތުގައި މަރުޙަބާ ދެންނެވުމަށް ޤުރައިޝު ވަންހައިގެ ފަރާތުން ވަޑައިގެންނެވި އިސް ވަފުދުގައި އެކަމަނާގެ ބައްޕާފުޅު ހިމެނިވަޑައިގަންނަވާ ކަމުގައި މުއައްރިޚުން ބަޔާން ކުރައްވާފައި ވެއެވެ. ޚަދީޖަތުގެފާނުގެ ވިޔަފާރީގެ ޤާފިލާތައް އެކި ކަރަ ކަރައަށް ފޮނުއްވައި ބައިނަލްއަޤުވާމީ ފެންވަރުގައި ވިޔަފާރީގެ މުޢާމަލާތު ހިންގެވި ހިނގުންތެރި ރޭވުންތެރި ވިސްނުންތެރި ބޭކަނބަލެކެވެ.

ދިރިއުޅުން ބަދަލު ކޮށްލި ޤާފިލާ

މުޙައްމަދުގެފާނުގެ ޢުމުރުފުޅުން އެންމެ ޒުވާން ދުވަސްވަރެވެ. އެކަލޭގެފާނު މީސްތަކުންގެ ތެރެއަށް ނިކުމެވަޑައިގެން ދިރިއުޅުމަށްޓަކައި މަސައްކަތް ކުރެއްވުމުގައި އުޅުއްވަމުން ގެންދަވަ އެވެ. އުޖޫރައަށް މަސައްކަތް ކޮށްދެއްވަ އެވެ. ޙަސަބާއި ނަސަބުގެ ގޮތުން ކިތައްމެ މަތިވެރިވިޔަސް އުޅުއްވަމުން ގެންދެވީ ސާދާ ދިރިއުޅުއްވުމެއްގަ އެވެ. މިކަންކަމުގެ ތެރެއިން އިތުރު އެކަލޭގެފާނުގެ ރިވެތި އަޚުލާޤާއި ތެދުވެރިކަމުގެ ވާހަކަ މައްކާގެ ތެރޭގައި އިންތިހާއަށް ފެތުރެމުން ދިޔަ އެވެ. މިމަގުން ދުވަސްތައް ހޭދަކުރައްވަމުން ގެންދަވަނިކޮށް މުޙައްމަދުގެފާނުގެ ތެދުވެރި ކަމާއި އަމާނާތްތެރި ކަމުގެ ވާކައާއި އެކަލޭގެފާނު އުޖޫރައަށް މަސައްކަތް ކޮށްދެއްވާ ކަމުގެ މައުލޫމާތު ޚަދީޖަތުގެފާނާ ހަމައަށް ދިޔަ އެވެ.

އެކަމަނާގެ ޤާފިލާތައް ޝާމްކަރައަށް ގެންދަނީ އެކަމަނާގެ އަރިހުގައި އުޖޫރައަށް މަސައްކަތްކުރާ ފިރިހެނުންނެވެ. މުޙައްމަދުގެފާނަށް އުޖޫރަ އެއް ދެއްވައިގެން އެކަމަނާގެ ޤާފިލާއާއެކު ޝާމްކަރައަށް ވަޑައިގެންނެވުމަށް އެކަލޭގެފާނަށް ދަޢުވަތު ދެއްވުމުގެ ޝައުޤުވެރިކަން ޚަދީޖަތުގެފާނު ފާޅު ކުރެއްވި އެވެ. އަދި ޚަދީޖަތުގެފާނުގެ ޤާފިލާއެކު ދާ މީހުންނަށް ރަނގަޅު އުޖޫރުއެއް ލިބޭ ކަމާއި އެކަމަނާގެ ޤާފިލާއެކު ވަޑައިގެންނެވުން ވަރަށް ރަނގަޅު ކަމެއް ކަމުގައި އަބޫޠާލިބުގެފާނު މުޙައްމަދުގެފާނަށް ދެންނެވި އެވެ.

ކޮންމެއަކަސް ދެފަރާތުން ވެސް މިކަމުގައި ޚިޔާލު އެއްގޮތްވުމުން މުޙައްމަދުގެފާނު ޚަދީޖަތުގެފާނުގެ ޤާފިލާއާއިގެން ޝާމްކަރައަށް ނިކުމެވަޑައިގެންފި އެވެ. އެކަލޭގެފާނުގެ އަރިހުގައި ޚަދީޖަތުގެފާނުގެ ޚާދިމެއް ކަމުގައިވާ މައިސަރާ ފޮނުއްވައި ހުރިހާ ކަމެއްގައި މުޙައްމަދުގެފާނުގެ އަމުރުފުޅަށް ތަބަޢާވުމަށް އޭނާއަށް އަމުރު ކުރެއްވި އެވެ. މި ޤާފިލާގައި މާތް ﷲ ބަރަކާތް ލެއްވިއެވެ. އަދި މި ދަތުރުފުޅުގައި މުޙައްމަދުގެފާނުގެ އާދަޔާ ޚިލާފު ކަންކަން މައިސަރާއަށް ފާހަގަ ކުރެވުނެވެ.

އިރުގެ ހޫނުން އެކަލޭގެފާނަށް ވިލާތަކުން ހިޔާ ލިބެމުން ދިޔަ މަންޒަރާއި ޝާމް ކަރައިން ބައްދަލުވި ރާހިބެއްގެ ފަރާތުން މުޙައްމަދުގެފާނާމެދު މައިސަރާއަށް ލިބުނު އަޖައިބު ކުރުވަނިވި ޚަބަރުތަކާ މުޙައްމަދުގެފާނުގެ ފަރާތްޕުޅުން ފެނުނު ސިފަތަކުގެ ސަބަބުން އެއީ ފަހު ޒަމާނުގެ ނަބިއްޔާއަށް ވެދާނެކަމާއި އެކަލޭގެފާނުގެ ކިބައިގައި ނަބީކަމުގެ ނިޝާންތައް ހުރި ކަމަށް ރާހިބުގެ ފަރާތުން މައިސަރާއަށް އެނގުނެވެ.

ވިޔަފާރީގެ ޤާފިލާ އެނބުރި މައްކާއަށް އައީ އެހެންޏާ ނުލިބޭ ގިނަ ގުނަ ފައިދާތަކާއިގެންނެވެ. މި ކަމުގެ ސަބަބުން ޚަދީޖަތުގެފާނު އުފާކުރައްވައި އެހެންޏާ މީހުންނަށް ނުދޭ ފަދަ ބޮޑު އުޖޫރައެއް މުޙައްމަދުގެފާނަށް ދެއްވައި ޝުކުރު އަދާ ކުރެއްވި އެވެ. މިޒަމާނުގައި އިސްލާމީ ބޭންކުތަކުގައި ގެންގުޅޭ މުޟާރަބާގެ ކޮންސެޕްޓަކީ މިއީ އެވެ.

އަލަތު ކައިވެނި

ޤާފިލާގެ ދަތުރުގައި ޝާމު ކަރައިގައި މުޙައްމަދުގެފާނާއެކު ހޭދަކުރި ދުވަސްތަކުގައި އަޑުއިވުނު ވާހަކަތަކާއި ފެނުނު ކަންކަމުގެ ވާހަކަ މައިސަރާ ޚަދީޖަތުގެފާނަށް ދެންނެވި އެވެ. ޚަދީޖަތުގެފާނަކީ އެކަމަނާގެ ބޮޑު ބޭބޭފުޅުގެ ދަރިކަލުން ވަރަޤަތު ބުނު ނައުފަލުގެ އަރިހުން ސަމާވީ ދީންތަކުގެ ޚަބަރުތަކާއި ނަބީކަމާއި ރަސޫލުކަމުގެ ވާހަކަތައް ކޮންމެސް ވަރަކަށް އަޑު އައްސަވާފައިވޭ ބޭކަނބަލެކެވެ. ވަރަޤަތު ބުނު ނައުފަލަކީ އިބުރާހީމްގެ ފާނުގެ ދީން މަތީގައި ހުންނެވި ބޭކަލެކެވެ. މިހެންކަމުން މުޙައްމަދުގެފާނާ ބެހޭގޮތުން ލިބިވަޑައިގެންނެވި ޚަބަރުތަކުގެ ވާހަކަތަކުން ޚަދީޖަތުގެފާނުގެ ހިތްޕުޅުގައި މުޙައްމަދުގެފާނާމެދު މަތިވެރި މަޤާމެއް އުފެދުނެވެ.

އަދި އެއީ ފަހު ޒަމާނުގެ ނަބިއްޔާއަށް ވެދާނެކަމާއި އެއީ އެކަމަނާގެ ފިރިކަލުންނަށް ވުމުގެ ޝަރަފް ލިބިވަޑައިގަންނަވާނެ ގޮތަކާމެދު ވިސްނުން ހިންގަވަމުން ގެންދެވިއެވެ. އެކަމަނާގެ ހިތްޕުޅުގެ މި އުންމީދީ އިޙުސާސްތައް ޙިއްސާ ކުރެއްވީ އެކަމަނާގެ އެންމެ ގާތް އެކުވެރިޔާ ނަފީސާ އެވެ. ޚަދިޖަތުގެފާނު ނަފީސާއަށް ދެންނެވިއެވެ. "އޭ ނަފީސާއެވެ. އެހެން ފިރިހެނުންގެ ފުށުން ނުފެންނަ ރިވެތި އަޚުލާޤާއި މާތްކަން އަހުރެންނަށް މުޙައްމަދުގެފާނުގެ ކިބައިން ފެނުނެވެ. އެއީ ތެދުވެރި އަމާނާތްތެރި އިންސާނެކެވެ. ޙަސަބާއި ނަސަބުގެ ގޮތުން މަތިވެރި ބޭކަލެކެވެ. އަދި މައިސަރާގެ ފާރާތުންނާއި ރާހިބުންގެ ފަރާތުން ގެނެސްދިން ޚަބަރުތަކުގެ ސަބަބުން އަހުރެންނަށް ޔަޤީނާގާތަށް ޤަބޫލު ކުރެވޭ ގޮތުގައި މުޙައްމަދުގެފާނަކީ ފަހު ޒަމާނުގެ ނަބިއްޔާ އެވެ."

މި ވާހަކަތަކުގެ ޖަވާބުގައި ނަފީސާ ވިދާޅުވީ ތިމަން ތިޔަ ކަމުގައި ކަމަނާގެ މެދުވެރިޔަކަށްވާ ނަމެވެ. އެއަށް ފަހު ނަފީސާ މުޙައްމަދުގެފާނުގެ އަރިހަށް ވަޑައިގެން ވިދާޅުވިއެވެ:

"އޭ މުޙައްމަދުގެފާނެވެ! ޙަސަބާއި ނަސަބާއި މުދަލާއި ރީތިކަމުގެ ގޮތުން ދެވަނައެއް ނެތް އަންހެން ސާހިބަކު ކަލޭގެފާނަށް ކައިވެނި ހުށައަޅުއްވައިފި ނަމަ ޤަބޫލު ކުރައްވާނަންތޯ އެވެ؟"

އެހިނދު އޭގެ ޖަވާބުގައި މުޙައްމަދުގެފާނު ވިދާޅުވިއެވެ: އެއީ ޚަދީޖާ ތޯއެވެ؟ ނަފީސާ އާދޭހޭވެ ދެންނެވުމުން އެއަށް ފަހު އެކަލޭގެފާނުގެ ބޮޑުބޭބޭފުޅުން ކަމުގައިވާ އަބޫޠާލިބުގެފާނާއި އައްބާސްގެފާނާއި ޙަމްޒަތުގެފާނާއި މަޝްވަރާ ކުރައްވައި އެބޭފުޅުންގެ ރުހުމާއެކު މުޙައްމަދުގެފާނު ޚަދީޖަތުގެފާނުގެ ހުށަހެޅުން ޤަބޫލުފުޅު ކުރައްވައިފި އެވެ. މުޙައްމަދުގެފާނާއި ޚަދީޖަތުގެފާނުގެ ކައިވެނި ކޮށްދެއްވީ އެކަމަނާގެ ބައްޕާފުޅެވެ. ބައެއް ރިވާޔަތްތައް ބުނާގޮތުން ބައްޕާފުޅު އަވަހާރަވެފައިވުމުން ކައިވެނި ކޮށްދެއްވީ ބޮޑުބޭބޭފުޅެވެ. ކައިވެނީގެ ބައްދަލުވުމުގެ މިކައިވެންޏާ މެދު އުފާކުރައްވައި ޤުރައިޝުންގެ ބޮޑުން ބައިވެރިވެވަޑައިގަތެވެ. އަދި އެކަމުގެ މައްޗަށް އުފާ ކުރައްވައި މި ބައްދަލުވުމުގެ ދެފަރާތުގެ ޢާއިލާތަކުން އިސްވެރިން ތަޤްރީރުކޮށް ތަހުނިޔާ ބަދަލުކޮށް ހެދިއެވެ.

މުޙައްމަދުގެފާނާ ކައިވެނި ބައްލަވައިގެންނެވި އިރު ޚަދީޖަތުގެފާނުގެ ޢުމުރަކީ ސާޅީސް އަހަރެވެ. ބައެއް ރިވާޔަތްތައް ބުނާގޮތުން އަށާވީސް އަހަރެވެ. ނަމަވެސް އެންމެ ޞައްޙަ ރިވާޔަތަކީ ފުރަތަމަ ރިވާޔަތެވެ. މުޙައްމަދުގެފާނުގެ ޢުމުރަކީ ފަންސަވީސް އަހަރެވެ. ޚަދީޖަތުގެފާނުގެ ތިންވަނަ ކައިވެންޏެވެ. އެކަމަނާ އޭގެ ކުރިން ދެ ކައިވެންޏެއް ކުރެއްވިއެވެ. ފުރަތަމަ ފިރިކަލުން އަވަހާރީ އެވެ. އޭނާގެ ކިބައިން ދެ ބޭފުޅަކު ލިބިވަޑައިގެންފައިވެ އެވެ. ދެވަނަ ފިރިކަލުން އެކަމަނާއާ ވަކިވެވަޑައިގެންނެވީ އެވެ. ޚަދީޖަތުގެފާނަކީ މުޙައްމަދުގެފާނުގެ ފުރަތަމަ އަނބިކަނބަލުންނެވެ.

މުޙައްމަދުގެފާނުގެ ދަރިކަލުން އިބްރާހީމް ފިޔަވައި ދެން ހުރިހާ ބޭފުޅުން ލިބިވަޑައިގެންފައިވަނީ ޚަދީޖަތުގެފާނަށެވެ. އެއީ ދެ ފިރިހެން ބޭފުޅުން ކަމުގައިވާ ޤާސިމާއި، އަބްދުﷲ އާއި، އަދި ހަތަރު އަންހެން ބޭފުޅުން ކަމުގައިވާ ޒައިނަބާއި ރުޤައްޔާއާއި އުންމު ކުލްޘޫމާއި ފާޠިމަތުގެފާނެވެ. ޢުޘްމާނުގެފާނު ރުޤައްޔަތުގެފާނާ ކައިވެނި ބައްލަވައިގެންނެވި އެވެ. އަދި ރުޤައްޔަތުގެފާނު އަވަހާރަވުމުން އުންމުކުލްޘޫމްގެފާނާއި ކައިވެނި ބައްލަވައިގަތެވެ. ފާޠިމަތުގެފާނު ފިޔަވައި ދެން އެންމެހާ ބޭފުޅުން މުހައްމަދުގެފާނުގެ ޙަޔާތްޕުޅުގައި އަވަހާރަވީ އެވެ. އެކަލޭގެފާނުގެ ދަރިފަސްކޮޅު ފެތުރުނީ ފާޠިމަތުގެފާނުގެ ކިބައިނެވެ. ދުނިޔޭގައި ހުންނަވަނިކޮށް އެހުރިހާ ބޭފުޅުން އަވަހާރަވުމުން މުޙައްމަދުގެފާނަށް ނުހަނު ބޮޑު ހިތްދަތި ކަމެއް ކުރިމަތިވި އެވެ.

ފާޠިމަތުގެފާނުގެ ފިރިކަލުންނަކީ ޢަލީގެފާނެވެ. ކީރިތި ރަސޫލާ ސުވަރުގެ ވަޑައިގަތުމަށް ފަހު ކުޑަ ދުވަސްކޮޅެއްގެތެރޭގައި ފާޠިމަތުގެފާނު އަވަހާރަވެއްޖެ އެވެ. އެއީ ޙުސައިންގެފާނާއި ޙަސަންގެފާނުގެ މަންމާފުޅެވެ. ކީރިތި ރަސޫލާގެ ދަރިފަސްކޮޅު ފެތުރިގެން ދިޔައީ ފާޠިމަތުގެފާނުގެ ކިބައިންނެވެ. އެއީ ޚަދީޖަތުގެފާނުގެ އެންމެ ހަގު ދަރިކަލުންނެވެ.

ޚަދީޖަތުގެފާނަކީ ނަބަވީ ޢާއިލާގެ މަންމައެވެ. އިސްލާމީ ދަޢުވަތުގެ ކުރީކޮޅުގައި ދިމާވި އެންމެހާ ގޮންޖެހުމަކުން މުޙައްމަދު ނަބީކަލޭގެފާނު ސަލާމަތްކޮށްދެއްވި އެވެ. ފުރަތަމަ ވަޙީ ބާވާލެއްވުނު ދުވަހު މުޙައްމަދުގެފާނަށް އީމާންވެ އިސްލާމްދީން ޤަބޫލު ކުރެއްވި އެވެ. އިސްލާމީ ދަޢުވަތު ފެތުރުއްވުމުގެ އެންމެ ބޮޑު މަދަދުވެރި ފަރާތަކީ އެއީއެވެ. ޤުރައިޝުންގެ ދަތިކުރުމުގެ ފިޔަވަޅުތަކުން މުޙައްމަދުގެފާނާއި މުސްލިމުން ސަލާމަތް ކުރެއްވުމަށް އެކަމަނާގެ ތަނަވަސް ކަމުން ހޭދަ ކުރެއްވި އެވެ.

އެކަމަނާގެ މާތްކަމުގެ ވާހަކަ ބަޔާންކޮށް ނުނިމޭނެ އެވެ. އެއީ ވަފާތެރިކަމުގެ މަތިވެރި މިސާލެކެވެ. ފިރިކަލުންނަށް އޯގާތެރި ނަމޫނާއެކެވެ. ކެތްތެރިކަމުގެ ދެވަނައެއް ނެތް ޝަޚުޞިއްޔަތެކެވެ. ބުއްދިވެރިކަން ފުރިހަމަ ވެފައިވާ ކަމަށް ރަސޫލާ ބަޔާން ކުރައްވާފައިވާ ހަތަރު އަންހެން ސާހިބުންކުރެ އެއް ޝަޚުޞިއްޔަތެވެ.

މާތް ﷲ ޖިބުރީލުގެފާނު މެދުވެރިކުރައްވައި އެކަމަނާއަށް ސަލާމް ފޮނުއްވައި ސުވަރުގޭގައި އެކަމަނާއަށްޓަކައި ފުރިހަމަ ގަނޑުވަރެއް ލައްވާފައިވާކަމުގެ ޚަބަރު ދެއްވި އެވެ. އެކަމަނާ އަވަހާރަވީ އަބޫޠާލިބުގެފާނު އަވަހާރަވިތާ ތިން ދުވަސްފަހުން ކަމުގައި ވެއެވެ. އެއީ ހިޖުރައިގެ ތިން އަހަރު ކުރިނެވެ. އެކަމަނާ އަވަހާރަވުމަކީ ކީރިތި ރަސޫލާއަށް ލިބިވަޑައިގެންނެވި ވަރަށް ބޮޑު ހިތާމަވެރި ކަމަކަށްވި އެވެ. ބޮޑު ބޭބޭފުޅު އަބުޠާލިބުގެފާނާއި އަނބިކަނބަލުން ޚަދީޖަތުގެފާނު އަވަހާރަވި އަހަރަށް ހިތާމައިގެ އަހަރުގެ ގޮތުގައި ނަންދެވުނެވެ.

އެހަނދާންތައް

ފަންސަވީސް އަހަރުގެ ޒަވާޖީ ޙަޔާތަށް ފަހު ޚަދީޖަތުގެފާނު ދުނިޔެ ދޫކުރެއްވި އެވެ. ޚަދީޖަތުގެފާނުގެ ހަނދާންތަކަކީ ކީރިތި ރަސޫލާގެ ހިތްޕުޅުން ދުވަހަކު ވެސް ފިލައިގެން ގޮސްފައި ނުވާ ހަނދާންތަކެކެވެ. އެކަމަނާއާބެހޭ ގޮތުން އެކަލޭގެފާނު ވިދާޅުވެފައިވެއެވެ: "މީސްތަކުން ތިމަންކަލޭގެފާނުގެ ނަބީކަން ދޮގުކުރި ހިނދު، ޚަދީޖާ ތިމަންކަލޭގެފާނަށް އީމާންވި އެވެ. މީސްތަކުންގެ މުދަލުން ތިމަންކަލޭގެފާނު މަޙްރޫމު ކުރި ހިނދު އެކަމާނާގެ މުދަލުން ތިމަން ކަލޭގެފާނަށް ހޭދަކުރެއްވި އެވެ. އެކަމަނާގެ ކިބައިން ތިމަންކަލޭގެފާނަށް ދަރިފަސްކޮޅު ދެއްވި އެވެ. އެކަމަނާގެ ލޯބި ތިމަންކަލޭގެފާނަށް ލިބިވަޑައިގަތެވެ."

މީގެ އިތުރުން އެކަމަނާގެ ޙަޔާތްޕުޅުގައި އެކަމަނާގެ ޝަރަފައްޓަކައި އެހެން ބޭކަނބަލަކާ ކައިވެނި ބައްލަވައިގެންފައި ނުވެއެވެ. އެކަލޭގެފާނު އިތުރު އަނބިއަނބިކަނބަލުންނާ ކައިވެނި ބައްލަވައިގަތީ ޚަދީޖަތުގެފާނު ދުނިޔެ ދޫކުރެއްވުމަށް ފަހުގަ އެވެ. އެކަމަނާ އަވަހާރަވުމަށް ފަހު ވެސް އެކަމާނާގެ ރަޙުމަތްތެރިންނަށް ކަމޭ ހިއްތެވި އެވެ. އެކަލޭގެފާނުގެ ގެގޮކޮޅުގައި ކަތިލެވޭ ނަޢަމް ސޫފިން އެބޭފުޅުންގެ ގެތަކަށް ފޮނުއްވައި ހައްދަވަ އެވެ. މައްކާގެ މަތިވެރި ފަތަޙައިގައި މައްކާއަށް ވަދެވަޑައިގެންނެވި ދުވަހު އެކަލޭގެފާނުގެ ފޭލިގެ ޖެއްސެވީ ޚަދީޖަތުގެފާނުގެ ޤަބުރުފުޅުގެ ކައިރީގަ އެވެ. އިތުރު އެކަލޭގެފާނުގެ ޙަޔާތްޕުޅަށް އަލިވެގެން ދިޔަ އަލިކަން ގަދަ އިރުގެ ނޫރާނީ ޟިޔާއު އޮއްސިގެން ދިޔަ ނަމަވެސް އެހަނދާންތަކާއި ލޯތްބާއި ހިތާއި ހިތުގެ ވަފާތެރި އެ ގުޅުމަށް ދުވަހަކު ވެސް ބަދަލެއް ނާދެއެވެ. މުޙައްމަދުގެފާނާއި ޚަދީޖަތުގެފާނުގެ ޒަވާޖީ ޙަޔާތަކީ އެތައް ޢިބްރަތެއް އޭގައި މާތް ﷲ ލައްވާފައިވާ ޒަވާޖީ ޙަޔާތެކެވެ. ޤުރައިޝުންގެ ދުއްތުރާތަކުން އިސްލާމީ ރިސާލަތާއި ފަހު ޒަމާނުގެ ނަބީކަން ޙިމާޔަތްކުރުމުގެ މަތިވެރި ޝަރަފު ލިބިވަޑައިގެނެނި މި ހިއްވަރުގަދަ އަންހެންސާހިބާގެ ޙަޔާތްޕުޅުން ލިބޭ ފިލާވަޅުތަކުގެ ތެރެއިން މުހިންމު ބައެއް ކަންކަން ބަޔާން ކޮށްލާ ނަމެވެ.

ފުރަތަމައީ

ރަސޫލާގެ ދޮށީ އަނބިކަނބަލުންނަކީ ޢުމުރުން އެކަލޭގެފާނަށްވުރެ ދޮށީ ބޭކަނބަލެއް ކަމުގައި ލެއްވުމުގައި ޙިކުމަތްތަކެއް ވެއެވެ. މިކަން ހާމަވަނީ ފުރަތަމަ ވަޙީ ބާވާލެއްވުނު ދުވަހު، އެކަމުގެ ސަބަބުން މުޙައްމަދުގެފާނަށް ކުރިމަތިވެވަޑައިގެންނެވި ބިރުވެރި އިޙުސާސްތަކާއެކު ގެއަށް ވަޑައިގެންނެވި ވަގުތު ޚަދީޖަތުގެފާނު އެކަމާ ކުރިމަތި ލެއްވި ގޮތެވެ. އެ ހަނދާންތަކާއެކު އަނބިކަނބަލެއްގެ ދައުރުގެ އިތުރުން މަންމަ އެއްފަދަ ދައުރެއް އަދާކުރެއްވިތަން ފެނުނެވެ. އެ ބިރުވެރި ޙާލަތާމެދު އެކަމަނާ ވެސް ބިރުގަތުން ފަދަ ކަމެއް މެދުވެރިވި ނަމަ ކިހިނެއްވާނެތޯ އެވެ؟

ނަމަވެސް ވިދާޅުވިއެވެ: " ކަލޭގެފާނަށް ދެރަގޮތެއް މެދުވެރިއެއް ނުވާނެ އެވެ. ކަލޭގެފާނަކީ ނިކަމެތިންނަށް އެހީތެރިކަން ދެއްވާ، މެހުމާނުންނަށް ކަމޭ ހިއްތަވާ، މުސީބާތް ޖެހިފައިވާ މީހުންނާއި ނުކުޅެދޭމީހުންނަށް އަޅާލައްވާ ބޭކަލެކެވެ. ﷲ ގަންދީ ހުވާ އެވެ! ތިޔަ ފަދަ އިންސާނަކަށް މާތް ﷲ ދެރަ ގޮތެއް މިންވަރެއް ނުކުރައްވާނެ އެވެ. ތިޔައީ މިއުންމަތުގެ ނަބިއްޔާއެވެ! އުފާކުރައްވާށެވެ!"

މިފަދަ އިން ދަންނަވައި ހިއްވަރު ދެއްވައި އަވަސް އަވަހަށް ވަރަޤަތު ބުނު ނައުފަލްގެ އަރިހަށް މުޙައްމަދުގެ ގެންދެވި އެވެ. މަލާއިކަތާ ވަޑައިގެން ވިދާޅުވި ބަސްފުޅުތަކާއި އެކަލޭގެފާނުގެ ސޫރަ ހުރި ގޮތުގެ ވާހަކަ ބަޔާން ކުރެއްވުމުން ވަރަޤަތު ވިދާޅުވީ ތިޔައީ މޫސާގެފާނުގެ އަރިހަށް ވަޑައިގެންނެވި މަލާއިކަތާ އެވެ! ކަލޭގެފާނަކީ މިއުންމަތުގެ ނަބިއްޔާއެވެ. ކަލޭގެފާނުގެ ޤައުމުގެ މީހުން ކަލޭގެފާނު ޤައުމުން ނެރޭ ދުވަހު ތިމަންނާ ދުނިޔޭގައި ހުރެއްޖެ ނަމަ ކަލޭގެފާނަށް ވަރުގަދަ ނަޞްރެއް ދޭނަމެވެ! އެއަށް ފަހު ގިނަ ދުވަސްތަކެއް ނުވެ ވަރަޤަތު ދުނިޔެ ދޫކުރައްވައިފި އެވެ. ޚަދީޖަތުގެފާނުގެ ހިތްމަތްތެރިކަމުގެ ސަބަބުން މުޙައްމަދުގެފާނަށް ހިއްވަރު ލިބިވަޑައިގަތެވެ.

ދެވަނައީ

ވަފާތެރި އަނބެއްގެ ދައުރަކީ ޙަޔާތުގައި މުހިންމު ދައުރެކެވެ. ޢުމުރުގެ ތަފާތަކީ ތަފާތެއް ނޫނެވެ. ލޯތްބާއި ކުލުނުވެރިކަމާ ވަފާތެރިކަމުގެ މައްޗަށް ޒަވާޖީ ޙަޔާތް ޤާއިމުވެއްޖެނަމަ އެކަމުގައި ﷲ ބަރަކާތް ލައްވާނެ އެވެ.

ތިންވަނައީ

މުޖުތަމަޢު ބިނާ ކުރުމުގައި އަންހެނުންގެ ދައުރަކީ މުހިންމު ދައުރެކެވެ. ވިޔަފާރިކުރުމާއި އެހެން މީހުންނަށް ވަޒީފާގެ ފުރުޞަތު ފަހިކޮށް ދިނުމަކީ މުހިންމު ކަމެއްކަން މި ޙާދިޘާތަކުން ސާފުވެއެވެ.

ހަތަރުވަނައީ

ތިމާ ދެކެ ލޯބިވާ ވަފާތެރި އަނބިމީހާ އަށް ހެޔޮކޮށް ހިތަން ޖެހޭނެ ކަމާއި ލޯތްބާއި ކުލުނު ދެ ދުނިޔޭގައި ވެސް ދަމަހައްޓަންޖެހޭ ކަން ހާމަވެ އެވެ. އަދި ހިއްވަރުގަދަ ޙިކުމަތްތެރި ވަފާތެރި އަންބަކީ ނިޢުމަތެއްކަން ހާމަވެ އެވެ.

ފަސްވަނައީ

ފިރިންނަށް މެދުވެރިވާ މުޞީބާތްތަކުގައި އަނބިން ކެތްތެރިވާންޖެހޭނެ ކަމާއި އަނބިނާމެދު ވެސް އެ މަގުން ކަންކަން ކޮށް ދެފަރާތުން ވެސް އެކަކު އަނެކަކަށް އަޅައިލައި އެހީތެރިވާން ޖެހޭނެކަން ހާމަވެއެވެ. މުއުމިން ތަކުންގެ މައްމަ ޚަދީޖަތުގެފާނަށް މާތް ﷲ ރުއްސުން ލައްވައި އެކަމަނާގެ އަރިހުގައި ސުވަރުގޭގައި އަޅަމެން ލައްވާނދޭވެ!