އެފްއޭއެމް ތެރޭގައި، ކުރީގެ ރައީސް އާބްދުﷲ ޔާމީންގެ ކެމްޕޭން ހަރަކާތްތައް ހިންގި ކަމަށާއި، އެފްއޭގެ ލީޑާޝިޕް ބަދަލު ކުރަންޖެހޭ ކަމަށް ކޮރަޕްޝަގެ ތުހުމަތު ކުރެވިގެން ގޭގައި ބަހައްޓަވާފައި ހުންނެވި ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހްލޫފް ވިދާޅު ވެއްޖެ އެވެ.
މަސްއޫލިއްޔަތުތަކުން ދުރުކޮށްފައިވާ މިނިސްޓަރު "އަވަސް ހުކުރު" ގައި ވިދާޅުވީ، އެފްއޭއެމްގެ ލީޑާޝިޕް ބަދަލު ކުރަން ވިކްޓަރީ ސްޕޯޓްސް ކުލަބުން ފަށާފައިވާ މަސައްކަތްތަކުގައި އޭނާގެ ދައުރެއް ނެތް ކަމަށާއި ނަމަވެސް އެފްއޭއެމުން ތުހުމަތު ކުރާ ގޮތުގައި، މަހްލޫފްގެ ދައުރު އެކަމުގައި އޮންނަ ކަމަށެވެ.
ފެބްރުއަރީ 15 ވަނަ ދުވަހު އެފްއޭއެމުން އާންމުކޮށްފައިވާ ބަޔާނުގައި ބުނެފައި ވަނީ، އެފްއޭއެމްގެ މެންބަރު ކުލަބުތަކާއި އެފްއޭއެމް އާއި ފުޓްބޯޅައިގެ މަސްލަހަތު ހިމެނޭ ފަރާތްތަކާއެކު، އެފްއޭއެމްގެ ލީޑާޝިޕް ބަދަލު ކުރުމަށް ކުލިވަރާ ބެހޭ ވަޒީރު މަސައްކަތް ކުރައްވާ ކަމަށެވެ. ނަމަވެސް، އެ ތުހުމަތުތައް މަހުލޫފް ދޮގު ކުރައްވަ އެވެ.
"އެފްއޭއެމުން މިހާރު ފީފާ އާއި އޭއެފްސީގައި ބުނެގެން މިއުޅެނީ ވިކްޓަރީ ސްޕޯޓްސް ކުލަބުން މި ހުށަހެޅި މައްސަލައިގައި [ކުލަބުތަކުން] ސޮއި ކޮށްފައި އޮތީ އަޅުގަނޑު ބިރު ދައްކައިގެނޭ، އެއީ ހަމަ ދޮގު،" އަވަސްގެ ނޫސްވެރިޔާ އަހްމަދު މުހައްމަދު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މަހްލޫފް ވިދާޅުވި އެވެ.
އެފްއޭއެމްގެ ލީޑާޝިޕް ބަދަލު ކުރަން ޖެހޭ ސަބަބުތައް ކަމަށް އިޝާރާތް ކުރައްވާ މަހްލޫފް ވިދާޅުވީ އެފްއޭއެމްގައި ރައީސް ޔާމީންގެ ކެމްޕޭން އޮފީސް ހަދައި އެ މަސައްކަތް ކުރި ބަޔަކަށް ފުޓްބޯޅައަށް ކޮށްދެވޭނެ އެއްވެސް ކަމެއް ނޯންނާނެ ކަމަށެވެ.
"މިދިޔަ ފަސް އަހަރުތެރޭ އެފްއޭއެމްގައި ރައީސް ޔާމީންގެ ކެމްޕޭން އޮފީސް ހަދައިގެން އެތަނުގައި ކެމްޕޭން ކުރަން ތިބި ބަޔަކަށް ފުޓްބޯޅައަށް ރަނގަޅު މަސައްކަތެއް ނުކުރެވޭނެ،" މަހްލޫފް ވިދާޅުވި އެވެ. "އެހެންތިއްބާ [73 އަހަރު ވަންދެން] މެދުނުކެނޑި ބާއްވަމުން އައި މުބާރާތް [ޕްރެޒިޑެންޓް ކަޕްު] މިހާރު އެދަނީ ނުބޭއްވި، އޭއެފްސީ ކުލަބު މުބާރާތްތަކުން ރާއްޖޭގެ ކުލަބުތަކަށް ފުރުސަތު ގެއްލިއްޖެ."
"[ފުޓްބޯޅަ މިހާލަތަށް ދިޔައިމަ] އަޅުގަނޑަށް ޔަގީންކޮށް އެނގޭ، ހާއްސަކޮށް ފުޓްބޯޅައިގެ ތެރޭގައި ތިބި 99 ޕަސަންޓް މީހުން ބޭނުންވާނެ އެފްއޭއެމް ބަދަލުވާން، އަދި އެކަމަށް ތާއީދު ވެސް ކުރާނެ."
އެފްއޭއެމްގެ އިތުބާރު ނެތް ކަމަށް ވިކްޓަރީން މިދިޔަ މަހު 10 ވަނަ ދުވަހު ހުށަހެޅި މައްސަލަ އެޖެންޑާ ނުކުރަން އެފްއޭއެމުން ވަނީ ނިންމާފަ އެވެ. އެފްއޭއެމުން އެގޮތަށް ނިންމާފައި ވަނީ، ވިކްޓަރީން ހުށަހެޅި ގަރާރުގައި ސޮއި ކޮށްފައިވާ 15 ކުލަބުގެ ތެރެއިން ހަތަރު ކުލަބުގެ ސޮއި އަނބުރާ ގެންދިޔަ ކަމަށް ބުނެ އެވެ.
އެފްއޭއެމުން ވަނީ އެ ގަރާރުގައި ސޮއި ކޮށްފައިވާ ކުލަބުގެ ތެރެއިން ނިއު ރޭޑިއަންޓާއި ފޯކައިދޫ ފުޓްބޯޅަ ކުލަބު އަދި ކުލަބުގެ ރޮކް ސްޓްރީޓްގެ ސޮއި ގަބޫލު ނުކުރާ ކަމަށް ބުނެފަ އެވެ. ނިއު ރޭޑިއަންޓްގެ ސޮއި ބަލައި ނުގަންނަނީ، ފުޓްބޯޅައިގެ ހުރިހާ ހަރަކާތްތަކުން އެ ކުލަބު ސަސްޕެންޑް ކޮށްފައި ވުމުންނެވެ. ފޯކައިދޫ ސްޕޯޓްސް ކުލަބާއި، ރޮކް ސްޓްރީޓްގެ ސޮއި ބަލައި ނުގަންނަނީ، އެ ދެ ކުލަބަކީ އެފްއޭއެމްގެ މެންބާޝިޕް ލިބިފައި ނުވާ ދެ ކުލަބު ކަމަށް ވުމުންނެވެ.
ސޮއި އަނބުރާ ގެންދިޔަ ހަތަރު ކުަލަބަކީ ކޮބައިކަމެއް އެފްއޭއެމުން ހާމަކޮށްފަ އެއް ނުވެ އެވެ. އަވަސްއަށް އެނގިފައިވާ ގޮތުގައި ފުރަތަމަ ޑިވިޝަންގެ ދެ ކުލަބަކުން ސޮއި އަނބުރާ ގެންދިޔަ އެވެ. އެކަމާ ގުޅިގެން ވިކްޓަރީ ސްޕޯޓްސް ކުލަބުން ބުނެފައި ވަނީ، އެ ކުލަބުން ހުށަހެޅި ސިޓީއަށް އެފްއޭއެމުން ޖާވާބު ދީފައި ނުވާ ކަމަށެވެ. އަދި އެ ކުލަބުން ހުށަހަޅާފައިވާ މައްސަލައިން ސޮއ ނަގާފައި ވަނީ ކޮން ކުލަބެއް ކަމެއްވެސް އެފްއޭއެމުން ހާމަކޮށްފައި ނުވާ ކަމަށެވެ.