ދުނިޔެ

ގައުމުން ބޭރަށް ހިނގައްޖެނަމަ އަހަރެން ހައްޔަރުކޮށްފާނެ: ބްލެޓާ

Jul 5, 2015

ކޮރަޕްޝަނުގެ ތުހުމަތުގައި މިވަގުތު އެންމެ ބޮޑު ނުތަނަވަސްކަމެއްގައި ހުރި ބޭފުޅަކީ ފީފާގެ ރައީސް ސެޕް ބްލެޓާ އެވެ. އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގުތަކުގައި ފީފާގެ އިސް 18 މީހަކާ ސުވާލުކޮށް ބައެއް މީހުން ހައްޔަރުކޮށްފައިވާ އުމުރުފުޅުން 80 އަހަރުފުޅުގެ ބްލެޓާ އަދި ހުންނެވީ ސަލާމަތުންނެވެ. ނަމަވެސް އޭނާ އަކީ ކޮރަޕްޓް މީހެއްނޫން ކަމަށް ތަކުރާރުކޮށް އަމިއްލަފުޅަށް ވިދާޅުވަމުން ގެންދެވި ނަމަވެސް ގައުމުން ބޭރަށް ވަޑައިގަތުމަށް ބްލެޓާ ފަސް ޖެހި ވަޑައިގަންނަވަ އެވެ. އެއީ ކީއްވެ ހެއްޔެވެ؟

"އެއީ ކޮންމެހެން އެމެރިކާ މީހުން އަހަރެންނާ ދެކޮޅަށް ކަންތައްތަކެއް ކުރާތީއެއްނޫން. އަހަރެން އެއްވެސް ކަމަކާ ބިރެއް ނުގަނޭ. އެކަމަކު ނަފްސުގެ ސަލާމަތަކީ އަބަދުވެސް ޕޮލިޓިކަލް ލީޑަރުން ވިސްނާ ކަމެއް. (ފީފާގެ ކޮރަޕްޝަނުގެ ތުހުމަތުތަކުގެ) ހުރިހާ ކަމެއް ސާފުވެ، ހަގީގަތް ހާމަވަންދެން ދަތުރުފަތުރު ކުރުމުގައި އެއްވެސް ރިސްކެއް އަހަރެން ނުނަގާނަން. އެއީ އާއްމުންނަށް ދައްކަން ވެސް އަހަރެން ހައްޔަރުކޮށްފާނެ،" ފީފާގެ މައި މަރުކަޒު ހުންނަ ބްލެޓާގެ އަމިއްލަފުޅު ގައުމު ކަމަށްވާ ސްވިޒަލޭންޑުގައި ހުންނަވައިގެން ބްލެޓާ ވިދާޅުވި އެވެ.

މިހެންވެ ކެނެޑާއިގައި މިރޭ ނިމޭ އަންހެނުންގެ ވޯލްޑް ކަޕް ފައިނަލް މެޗަށް ފަހު ތަށި ދިނުމުގެ ރަސްމިއްޔާތަށް ބްލެޓާ ވަޑައިނުގަންނަވަ އެވެ.

1998 ވަނަ އަހަރުން ފެށިގެން ފީފާގެ ރައީސްކަން ކުރައްވަމުން ގެންދަވާ ބްލެޓާ ވިދާޅުވީ ވޯލްޑް ކަޕް ބާއްވާ ގައުމު ކަނޑައެޅުމުގައި އޭނާގެ އެއްވެސް ކޮރަޕްޝަނެއް ނޯންނާނެ ކަމަށެވެ. އަމުދުން މިހާރު މައްސަލަ ބޮޑުވެފައިވާ ގަރަތާއި ރަޝިޔާގައި ވޯލްޑް ކަޕް ބިޑްގެ ކަންތައްތަކުގައި އޭނާ އެކަން ކުރެއްވީ ފީފާގެ އެތެރޭގައިވާ އެކަން ކުރުމުގައި އަމަލުކުރަންޖެހޭ އުސޫލުތަކާ އެއްގޮތަކަށް ކަމަށެވެ.

"ފީފާގެ އެގްޒެކްޓިވް ކޮމިޓީގެ މެޖޯރިޓީ ވަކިގޮތަކަށް ނިންމީމަ އަހަރެން ކުރާނެ ކަމެއް ވަކި ނޯންނާނެ. އަހަރެން ވެސް ޖެހޭނީ އެގޮތަކަށް ތަބާވާން. (2022 ވަނަ އަހަރު ގަތަރުގައި އަދި 2018 ވަނަ އަހަރު ރަޝިޔާގައި ވޯލްޑްކަޕް ބާއްވަން ނިންމުމުގައި) ސިޔާސީ ލީޑަރުންގެ ނުފޫޒު ވަރަށް ބޮޑު، ހާއްސަކޮށް ފްރާންސާއި ޖަރުމަނު،" ބްލެޓާ ވިދާޅުވި އެވެ.

އޭނާ ވަނީ ފްރާންސްގެ ކުރީގެ ރައީސް ނިކޮލާ ސަކޯޒީގެ ނަންފުޅު ވެސް ވިދާޅުވެފަ އެވެ.

"މިކަން ކުރުވިމީހުންނަކީ ވެސް ކޮބާތޯ ބަލަން އެބަޖެހޭ. ސިޔާސީ ލީޑަރުންގެ ނުފޫޒުގެ ސަބަބުން ގަތަރުގައި ވޯލްޑް ކަޕް އެ ބާއްވަނީ.

"އިގްތިސާދީ ފައިސާތަކުގެ ބޭނުމުގައި ޖަރުމަނުން ވެސް ވޯޓުދޭން ތިބި މީހުންނަށް ފިއްތުންތައް ކުރިމަތިކުރުވީ. ނިކަން ބަލާ ވޯލްޑް ކަޕް ބާއްވަން ލިބުމުގެ ކުރިން ޖަރުމަނުގެ ކުންފުނިތަކަށް ގަތަރުން ލިބިފައިހުރި އިންވެސްޓްމަންޓްތައް. އެހެންވީމަ މިއީ އަހަރެން ކުރާނެ ކަމެއްނޫން. މިކަމުގައި އޮތީ ސިޔާސީ ނުފޫޒު،" ބްލެޓާ ވިދާޅުވި އެވެ.

އެންމެ ކޮރަޕްޓް އެއް ބޭފުޅާގެ ގޮތުގައި ބްލެޓާ މިވަގުތު ލޭބަލްވެފައިވަނިކޮށް އޭނާ ވަނީ ޖެހިޖެހިގެން ފަސް ވަނަ ފަހަރަށް ވެސް އިންތިހާބު ކާމިޔާބު ކުރައްވައިފަ އެވެ. ނަމަވެސް އޭގެ ތިން ދުވަސް ފަހުން އޭނާ ވަނީ އަންނަ ޑިސެމްބަރު މަހު ފީފާގެ ވަގުތީ ކޮންގްރެސްއެއް ބާއްވައި އާ ރައީސަކު ހޮވަން އިންތިޚާބު ބާއްވާނެ ކަމަށް ވިދާޅުވެފަ އެވެ. އެހާތަނަށް ރައީސް ކަމުގައި ހުންނަވާނީ ބްލެޓާ އެވެ.