ހެލްމެޓްގެ ޝަރުތުތަކާއި ހެލްމެޓް އަޅަންޖެހޭ ގޮތުގެ ގަވާއިދުތައް ޓްރާންސްޕޯޓް މިނިސްޓްރީން ހާމަކޮށްފި އެވެ.
އިއްޔެ ގެޒެޓްގައި ޝާއިރު ކުރި، އިންޖީނުލީ އެއްގަމު އުޅަނދު ދުއްވަންވީ ދުވެއްޔާބެހޭ ގަވާއިދަށް ގެނައި އިސްލާހުގައި ވަނީ، 30 ކިލޯ މީޓަރަށްވުރެ ބާރަށް ދުއްވަން ހުއްދަ ކޮށްފައިވާ ސަރަހައްދުތަކުގައި ސައިކަލްގެ ދުއްވަން އިންނަ މީހާ އާއި ފަހަތުގައި އިންނަ މީހާ ހެލްމެޓް އަޅަން ޖެހޭނެ ކަމަށެވެ. އަދި އުމުރުން ދެ އަހަރުން މަތީގެ ކުޑަކުދިންވެސް ސައިކަލްގެ ކުރިއަށް ނުވަތަ ފަހަތަށް އަރުވާނަމަ ހެލްމެޓް އަޅުވަން ޖެހޭނެ ކަމަށް ގަވާއިދުގައި ވެއެވެ.
ހެލްމެޓްގެ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ، ސައިކަލް ދުއްވާއިރު އެކަމަށް ހާއްސަ ހެލްމެޓަކަށްވެފައި ބޮލަށް ހެޔޮވަރު ވާން ޖެހޭނެ ކަމަށާއި ހެލްމެޓްގައި ދަތްދޮޅި ދަށުގައި ހަރުކުރެވޭ ގޮތަށް ކަމަރެއް އިންނަން ޖެހޭނެ ކަމަށެވެ. އަދި ދަތްދޮޅި ދަށަށް އިންނަ ކަމަރަކީ އެކަތި ގަނޑަކަށް ހުންނަ ކަމަރަކަށްވުމާއި ހެލްމެޓާއި އޭގައި ބޭނުންކޮށްފައިވާ ކަމަރުގައި އެއްވެސް ތޫނު އެއްޗެއް ނުވަތަ ތޫނު ތަނެއް ނުވަތަ ޖޮއިންޓެއް ހަރުކޮށްފައި ހުރެގެން ނުވާނެ ކަމަށެވެ.
ޓިންޓެޑް މެޓީރިއަލް ނުވަތަ ކުލަ މެޓީރިއަލް ބޭނުންކޮށްފައިނުވާ ހެލްމެޓަކަށް ނުވުމާއި ހެލްމެޓުގައި ހަރުކޮށްފައި ހުންނަ ސްކުރީނަކީ މޫނުފެންނަ މެޓީރިއަލަކުން ހަދާފައި ހުންނަ ސްކްރީނަކަށް ވާންޖެހޭނެ ކަމަށެވެ. އަދި ހެލްމެޓްގެ ކުލައަކީ ލޮލަށް އުނދަގޫނުވާ ކުލައަކަށްވުމާއި ކާކުކަން ނޭންގޭ ގޮތަށް މޫނުގެ އެއްބައި ފޮރުވައި މީހުންނަށް އޮޅޭ ގޮތަށް ހެލްމެޓް ނޭޅުމަށްވެސް ޝަރުތުތަކުގައި ހިމެނެ އެވެ.
ގަވާއިދުތަކާއި ހިލާފްވެއްޖެނަމަ ފުރަތަމަ ފަހަރަށް 500 ރުފިޔާއިން ޖޫރިމަނާ ކުރާއިރު، ދެވަނަ ފަހަރަށް 750 ރުފިޔާއިން އަދި ދެފަހަރަށްވުރެ ގިނަވާ ކޮންމެ ފަހަރަކު 1000 ރުފިޔާއިން ޖޫރިމަނާ ކުރާނެ އެވެ. އަދި ނުރައްކާތެރިކޮށް ނުވަތަ ފަރުވާ ކުޑަކޮށް ދުއްވައިގެން މީހަކަށް ގެއްލުމެއް ވެއްޖެނަމަ، އެމީހަކަށް ބަދަލު ދިނުމުގެ އިތުރުން 10 އަހަރު ދުވަހަށް ލައިސެންސް ހިފަހައްޓާނެ ކަމަށްވެސް ގަވާއިދުގައި ބުނެފައި ވެއެވެ.
މީގެ އިތުރުން މީހެއްގެ ހަށިގަނޑަށް ނުވަތަ ފުރާނައަށް ގެއްލުންވާގޮތަށް ދުއްވައިފިނަމަ އެއް އަހަރު ނުވަތަ ދެއަހަރު ދުވަހަށް ލައިސެންސް ހިފަހައްޓާނެ ކަމަށެވެ. އަދި އެގަވާއިދުގައި ކަނޑައަޅާފައިނުވާ ކަމަކާވެސް ހިލާފްވެއްޖެނަމަ 750 ރުފިޔާއިން ޖޫރިމަނާ ކުރުމުގެ ބާރު ލިބިގެންވާ ކަމަށް ގަވާއިދުގައި ވެއެވެ.
މިމަހު 10 ވަނަ ދުވަހުން ފެށިގެން ވަނީ ބްރިޖާއި ހައިވޭގައި ހެލްމެޓް އަޅައިގެން ދުއްވަން މަޖުބޫރުކޮށްފަ އެވެ. ނަމަވެސް އުސޫލުތަކާއި ހިލާފްވާ ފަރާތްތަކަށް ފިޔަވަޅު އަޅަން ނިންމާފައިވަނީ އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ.