އައިޝަތު ނަހުލާ

"ބްރިޖުން ފީ ނެގުމުގެ ވިސްނުމެއް ނެތް"

މާލެއާ ހުޅުލެ ގުޅާލާފައިވާ ސިނަމާލެ ބްރިޖު ބޭނުންކުރާ މީހުންގެ އަތުން އެއްވެސް ފީއެއް ނެގުމުގެ ވިސްނުމެއް އަދި ނެތް ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެ އެވެ.

އެކަމަނާ މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ އަޑުން މިރޭ ގެނެސްދިން ޕްރަގްރާމެއްގައި ވާހަކަ ދައްކަވަމުންނެވެ.

ޗައިނާ ސަރުކާރުގެ އެހީތެރިކަމުގައި ރައީސް ޔާމީންގެ ސަރުކާރުގެ ދުވަސްވަރު އެޅި ބްރިޖުން އެއްވެސް ފީ އެއް ނެގުމަށް ނިންމާފައިވޭތޯ އާންމުންގެ މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ނަހުލާ ވިދާޅުވީ ބްރިޖް ބޭނުން ކުުރުމުގައި ފީ އެއް ނެގުމުގެ ވިސްނުމެއް އަދި ނެތް ކަމަށެވެ. ދަތުރުފަތުރު ކުރެވޭނެ ފަސޭހަ ނިޒާމެއް އޮންނަން ޖެހޭ ކަމަށާ ރައްޔިތުންނަށް އެ އިންތިޒާމް ހަމަޖައްސައި ދިނުމަކީ ސަރުކާރުގެ ޒިންމާއެއް ކަމަށް އެކަމަނާ ވިދާޅުވިއެވެ.

އެއް ތަނުން އަނެއް ތަނަށް ފަސޭހައިން ދަތުރުފަތުރު ކުރުމަކީ އަސާސީ ހައްގެއް ކަމަށާ އެ ފުރުސަތު ފަހިކޮށްދޭންޖެހޭ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ވިސްނުމުގައެއް ނެތް ބްރިޖް ބޭނުން ކުރުމުގައި ފީ އެއް ނަގާކަށް އަދި ހަމަ ގައިމުވެސް. އެހެންވީމަ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ފަސޭހައިން ދަތުރުކުރެވޭނެ ނިޒާމެއް ރައްޔިތުންނަށް އެބައޮންނަން ޖެހޭ. އަދި މި ކަހަަލަ ކަންތައްތައް ގެނެސް ދިނުމަކީ އެއިރަކު އޮންނަ ސަރުކާރެއްގެ ވަރަށް ބޮޑު ޒިންމާއެއް. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އަސާސީ ހިދުމަތްތަކުގެ ތެރޭގައި ހިމެނޭ ކަމެއް އެއީ. އެހެންވީމަ އަޅުގަނޑުމެންގެ ވިސްނުމެއް ނެތް އަދި ބްރިޖްގެ އެއްވެސް ފީއެއް ނަގާކަށް،" ނަހުލާ ވިދާޅުވިއެވެ.

އަޅުގަނޑުމެންގެ ވިސްނުމުގައެއް ނެތް ބްރިޖް ބޭނުން ކުރުމުގައި ފީ އެއް ނަގާކަށް އަދި ހަމަ ގައިމުވެސް. އެހެންވީމަ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ފަސޭހައިން ދަތުރުކުރެވޭނެ ނިޒާމެއް ރައްޔިތުންނަށް އެބައޮންނަން ޖެހޭ. އަދި މި ކަހަަލަ ކަންތައްތައް ގެނެސް ދިނުމަކީ އެއިރަކު އޮންނަ ސަރުކާރެއްގެ ވަރަށް ބޮޑު ޒިންމާއެއް. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އަސާސީ ހިދުމަތްތަކުގެ ތެރޭގައި ހިމެނޭ ކަމެއް އެއީ. އެހެންވީމަ އަޅުގަނޑުމެންގެ ވިސްނުމެއް ނެތް އަދި ބްރިޖްގެ އެއްވެސް ފީއެއް ނަގާކަށް
އައިޝަތު ނަހުލާ | ޓްރާސްޕޯޓް މިނިސްޓަރު

ނަހުލާ މިހެން ވިދާޅުވި ނަމަވެސް ސިނަމާލެ ބްރިޖުގައި ޓޮލް ނިޒާމް ގާއިމް ކުރުމުގެ މަސައްކަތަށް 56.8 މިލިއަން ރުފިޔާ މި ސަރުކާރުގެ ފުރަތަމަ ބަޖެޓުގައި ހިމެނިއެވެ. ބަޖެޓުގެ ޕީއެސްއައިޕީ މަސައްކަތުގެ ތެރޭގައި 1،723،185 ނޫނީ 56،865،105 މިލިއަން ރުފިޔާ ވަނީ ވަނީ ބްރިޖުގެ ޓޮލް ކަލެކްޝަން ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ކުރުމަށް ހިމެނިއެވެ. އަދި 2020 ވަނަ އަހަރަށް ވެސް އެ މަސައްކަތަށް 1.7 މިލިއަން ރުފިޔާ ހަރަދު ވާނެ ކަމަށް ވެސް ވަނީ ލަފާކޮށްފަ އެވެ.

ބްރިޖުގައި ޓޮލް ގާއިމް ކުރުމުގެ މަސައްކަތް ކުރުމަށް ޔަކާ ހަވާލުކޮށްފައިވާ ކަމަށް 2019 ގެ ބަޖެޓުގައިވެ އެވެ. ނަމަވެސް ހަވާލުކޮށްފައި ވަނީ ކޮން ބަޔަކާ ކަމެއް އޭރު ސާފެއް ނުވިއެވެ.

ކުރީ ސަރުކާރުންވެސް އޮތީ ބްރިޖް ބޭނުންކުރާ މީހުންގެ އަތުން ފީއެއް ނެގުމަށް ނިންމާފައެވެ. ނަމަވެސް އޭރު ވެރިކަން ބަދަލުވާން ކައިރިވެފައި އޮތުމުން މި ސަރުކާރަށް އެ ފުުރުސަތު ދިނީއެވެ.

ބްރިޖްގެ މެއިންޓެއިން މަަސައްކަތްތަކަށް ހަރަދު ކުރުމަށް ކޮންމެވެސް މިންވަރެއްގެ ފީ އެއް ނެގުމަކީ މުހިންމު ކަމެއް ކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ.