ކޮލަމް

ކޮލަމް އޭޑީ: މުއަައްސަސާތައް މިނިވަންވާން އޮތް ހުރަހަކީ ކޮބާ؟

ދެހާސް އަށް ވަނަ އަހަރު އޭރުގެ ރައީސް މައުމޫން އަބުދުލްގައްޔޫމް ތަސްދީގު ކުރެއްވި އާ ގާނޫނު އަސާސީއަކީ ހާއްސަ މަޖިލީހުގައި ބަހުސްކޮށް އިސްލާހުކޮށް ގާނޫނީ ބޭފުޅުންނާއި ބޭރުގެ ތަޖުރިބާކާރުންގެ އެހީއާއެކު ފުރިހަމައަށް ޑްރާފްޓްކޮށް ފާސްވި ގާނޫނު އަސާސީއެކެވެ. ބަރުލަމާނީ އާއި ރިޔާސީ ނިޒާމް މައްސުނިވެފައި އެ ގާނޫނު އަސާސީގައި އޮތް ކަމުގައިވީ ނަމަވެސް، އެ ގާނޫނު އަސާސީއަކީ ރާއްޖެފަދަ ގައުމަކަށް އެންމެ "ޕާފެކްޓް" ގާނޫނު އަސާސީ ކަމަށް ގިނަ ބަޔަކު ބުނެއެވެ.

ރާއްޖޭގައި އޮންނަ ވެރިކަމުގެ ނިޒާމުގެ ބާރުތައް ވަކިކޮށް، އެ ބާރުތަކަށް ފާރަވެރިވެވޭނެ މަގު އެ ގާނޫނު އަސާސީން ފަހިކޮށް ދިނެވެ. އަަދި ސަރުކާރުގެ ނުފޫޒުން އެއްކިބާވެ އޮންނަ ދައުލަތުގެ މިނިވަން މުއައްސަސާތަކެއް ވެސް އެގާނޫނު އަސާސީގެ ތެރެއިން ވުޖޫދު ކުރެވުނެވެ. ނަމަވެސް ގާނޫނު އަސާސީ ތަސްދީގު ކުރިތާ އެތައް އަހަރެއް ވެގެން ދިޔައިރު ވެސް އެ މުއައްސަސާތަކަށް މިނިވަންކަމާއެކު މަސަައްކަތެއް ނުކުރެވުނެވެ. އެ ފުރުސަތު ސަރުކާރުތަކުން ދީފައެއް ނުވެޔޭ ވެސް ބުނެވިދާނެ އެވެ.

ގާނޫނު އަސާސީން "މިނިވަން" ކަމުގެ ބޯޑު އެ މުއައްސަސާތަކުގައި އަޅުވާފައި ހުރި ކަމުގައިވި ނަމަވެސް އެއި ހަމަ އެކަނި ބޯޑެކެވެ. އެ މުއައްސަސާތަކުން މިނިވަންކަމާއެކު ކުރި ކަމެއް ފެންނާކަށް ނެތެވެ.

ރާއްޖޭގައި ވާނުވާ ބަލާލަން ހަަމައެކަނި ނޫސްތަކުގެ ސުރުހީތައް ކިޔާލާމުން ވެސް އެ މުއައްސަސާތައް އޮތީ "އަޅުވެތި" ވެފައިކަން އެނގޭ ވަރަށް ފާޅުކަން ބޮޑުކޮށް އެކަން އޮތީ ފެންނާށެވެ. އިސްތިސްނާވާ އެއްވެސް މުއައްސަސާއެއް ނެތެވެ. މިކަމުގައި އެ މުއައްސަސާތަކުގެ ގާނޫނުތައް ހެދި ބޭފުޅުންގެ މައްސަލައެއް ވެސް އެބަ އޮތެވެ.

ކޮންމެ މުއައްސަސާއަކަށްވެސް މެމްބަރުން ކަނޑައެޅުމަށް ނަން ފޮނުވަނީ ރައީސުލް ޖުމްހޫރިއްޔާ އެވެ. ދެން އެ ނަމެއް ފާސް ކުރުން މި އޮންނަނީ ރައްޔިތުންގެ މަޖިލީހަށެވެ. ގިނަ ފަހަރު މަޖިލިސް ވެސް އޮންނަނީ ސަރުކާރު އަތްދަށުވެފަ އެވެ. މިހެން މިކަން އޮންނަ އިރު، މިނިވަންކަމާއެކު އެބަޔަކު މަަސައްކަތް ކުރުމުގެ ފުރުސަތު ވެސްް ހަނިވެގެންދެ އެވެ.

ސަރުކާރު ބޭނުން ނުވާގޮތަށް ކަމެއް ކޮށްފިނަމަ މަޖިލީހުގެ ތެރެއިން އިތުބާރުނެތް ކަމުގެ މައްސަލައެއް ވައްދައި އެބަޔަކު ބޭރު ކުރުމުގެ ބާރުވެސް އޮންނާތީ އެ ބަޔަކު މިތިބެނީ ގިނަ ފަހަރު އަޅުވެތިވެފަ އެވެ. ވަޒީފާގެ ބިރަށްޓަކައި ސަރުކާރަށް އަތް ބާނަން ފުރުސަތު ދެނީ އެވެ.

މި ފުރުސަތު މިހެން އޮތް ކަމުގައިވީ ނަމަވެސް "އިންޓެގްރިޓީ" އާއެކު މަސައްކަތް ކުރާނެ ބަޔަކު އެމުއައްސަސާއަކަށް އައްޔަންކޮށްފި ނަމަ މިނިވަންކަމާއެކު މަސައްކަތް ކުރެވޭނެ އެވެ. އެހެން ކަމުން އެ މުއައްސަސާތަކަށް އައްޔަން ކުރާ ފަރާތްތަކުގެ އިންޓެގްރިޓީއާމެދު ވެސް ސުވާލު އުފެދެ އެވެ.

ރާއްޖޭގެ ހުރިހާވެސް މައްސަލައަކީ ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ގޮތަށް ކަންކަން ނުކުރުމެވެ. ސަރުކާރުން ބޭނުންވާހާ ކަމެއް އެއީ ގެއްލުން ހުރިކަމެއް ކަމުގައިވާނަމަ، މަޖިލީހާއި، ޝަރުއީ ދާއިރާއިން އެކަމެއް ކޮށްދީގެން ނުވާނެ އެވެ. މާޒީވެ ދިޔަ ތަނުގައި މި މަންޒަރު ވަނީ ފެނިގެންގޮސްފަޗއެވެ. ސަރުކާރުން ބޭނުންވި ކޮންމެ ކަމެއް މަޖިލީހުން ފާސްކުރި އެވެ. އަަދި ޝަރުއީ ދާއިރާ ވެސް އޮތީ އެ ހާލުގަ އެވެ. ސަރުކާރުން ބޭނުންވި ގޮތަކަށް ހުކުމްތައް ޝަރުއީ ދާއިރާއިން ވެސް ނެރެމުންދިޔަ އެވެ. އެކަންކަން ހުއްޓުވޭނީ ގާނޫނު އަސާސީގައި ބަޔާން ކޮށްފައިވާ ގޮތުގެ މަތިން އަމަލުކޮށް، އެ ބޭފުޅުން ކުރައްވައިގެން ތިއްބަވާ ހުވައާއި އެއްގޮތައް އަމަލު ކޮށްގެނެވެ. ސަރުކާރުގެ އަޅުންނަށް މަޖިލީހާއި، ޖުޑިޝަރީ ވެގެން ނުވާނެ އެވެ. އެހެން ވެއްޖެ ކަމަށްވާނަ ދެން ދާނީ ކަންކަން ގޯހުން ގޯހަށެވެ.

މިހާތަނަށް ރާއްޖޭގައި ކަން ހިނގާފައި ހުރި ގޮތުން މިނިވަން މުއައްސަސާތަކަށް ރައްޔިތުންނެއް އިތުބާރެއް ނުކުރެއެވެ. އަދި އެ އިތުބާރު ހޯދުމަށްޓަަކައި އެ މުއައްސަސާތަކުން އަމަލު ކުރަމުން އަންނަ ތަނެއްވެސް ނުފެނެއެވެ. ރައްޔިތުންގެ އިތުބާރު ނެތް މުއައްސަސާއަކުން ކިތަންމެ ރަނގަޅަށް ކަމެއް ކުރިޔަސް އެކަމެއް ބަލައިގަންނަން ރައްޔިތުންނަށް ދަތިވާނެ އެވެ.

އެހެން ކަމުން އެންމެ ފުރަތަމަ ކަމަކަށްވެސް އެ އިތުބާރު ހޯދުން މުހިންމެވެ. އެކަމަށް ސަރުކާރުގެ އެއްބާރުލުން ވަރަށް ބޮޑަށް އެމުއައްސަސާތަކަށް ބޭނުންވާނެ އެވެ. ސަރުކާރުން އެ މުއައްްސަސާތަކަށް އަތްބޭނުން ހުއްޓާލައި، ގާނޫނު އަސާސީން އެމުއައްސަސާތަކަށް ހަވާލުކޮށްފައިވާ ޒިންމާތައް އަދާކުރަން ފުރުސަތުދޭން ޖެހޭނެ އެވެ. އަދި މަޖިލީހުން ވެސް އެބަޔަކާ ދެކޮޅަށް ކަމެއް ނިމިއްޖެ ނަމަ، އިތުބާރުނެތް ކަމުގެ ވޯޓް ނަގާނެ ކަމަށް ބިރު ދެއްކުން ހުއްޓާލަން ޖެހެއެވެ.

ގާނޫނު އަސާސީގައި އެބުނާ މިންގަނޑަށް ދައުލަތުގެ ހުރިހާ މުއައްސަސާއެއް ވެސް ފަންކްޝަން ކޮށްގެން މެނުވީ ރާއްޖެއަށް ބޭނުންވާ ތަރައްގީއާއި، ކުރިއެރުމެއް ނާންނާނެ އެވެ. ރިޝްވަތާއި، ކޮރަޕްޝަނުން ދައުލަތް ސަލާމަތް ކުރެވެން އޮތީވެސް އެކަންކަމަށް ފާރަލާން ޖެހޭ މުއައްސަސަތަކުން އެކަން ބަރާބަރަށް ކޮށްގެންނެވެ.

މާޒީން އިބުރަތް ލިބިގަނެ، ތިމާމެންގެ އަމިއްލަ ބޭނުމަށް ނަހަމަ ގޮތުގައި ދައުލަތުގެ ފައިސާއާއި މުދާ އެއްވެސް ފަރާތަކުން ބޭނުން ކުރުން ހުއްޓުވުމަށް މިނިވަން މުއައްސަސާތަކުގެ މިިނިވަންކަން ކަށަވަރުވާން ޖެހެއެވެ. އެކަން ކުރުމަށްޓަކައި ގާނޫނުތަކަށް ބަދަލު ގެނެސް، ސަރުކާރާއި މަޖިލީހަށް ބޭނުންހާ ގޮތަކަށް އަތް ނުބޭނޭ ގޮތަކަށް އެކަންކަން ތަރުތީބުވާން އެބަޖެހެ އެވެ. އެހެން ނޫނީ ފެންނާނީ ކުރިންވެސް ފެނުނު "ހަޑި" މަންޒަރެވެ.