މިމަހު 05 ގައި ރިލީޒްކުރަން ހަމަޖެހިފައިވާ ޔޫއްޕެގެ ”ފޯޓީ ޕްލަސް“ގެ ޓްރެއިލާ ދައްކާލައިފި އެވެ. ފޯޓީ ޕްލަސްގެ އޮފިޝަލް ޓްރެއިލާ ދައްކާލީ ކުރު ޓީޒާ ތަކެއް މި އަހަރު އެކި ފަހަރު މަތިން ރިލީޒް ކުރުމަށްފަހު އެވެ.
"ފޯޓީ ޕްލަސް"ގެ އޮފިޝަލް ޓްރެއިލާ ލޯންޗްކޮށްދިނީ ހުކުރުވިލޭރޭ ރޭ ބޭއްވި ހަފްލާއެއްގަ އެވެ. ހަފްލާ ޝަރަފްވެރި ކޮށްދެއްވާ ޓްރެއިލާ ލޯންޗް ކުރީ ދިވެހި ސިނަމާގައި އިތުރު ތައާރަފަކަށް ބޭނުން ނުވާ ނިއުމާ މުހައްމަދު އެވެ. ޓްރެއިލާ ލޯންޗްކޮށްދެމުން ނިއުމާ ބުނީ ”ފޯޓީ ޕްލަސް“ އަކީ އޭނާ ވެސް ވަރަށް އިންތިޒާރު ކުރަމުން އަންނަ ފިލްމެއް ކަމަށެވެ.
”މިއީ އަހަރުގެ އެންމެ ބޮޑު ފިލްމު. އަޅުގަނޑު އުއްމީދުކުރަނީ މި ނަން އައިގޮތަށް އަހަރުގެ އެންމެ ބޮޑު ފިލްމަށް މި ފިލްމު ވެގެންދާނެ ކަަމަށް. ނޯޓީ ފޯޓީ ބައްލަވާފަ ތިއްބެވި ބޭފުޅުންނަށް އެނގޭނެ ”ފޯޓީ ޕްލަސް“ އަދި މާ މަޖާވާނެކަން“ އަހަރުގެ އެންމެ ބޮޑު ފިލްމުގެ ގޮތުގައި ޕްރޮމޯޓް ކުރަމުން ގެންދާ ފޯޓީ ޕްލަސް ރިލީޒް ކުރަމުން ނިއުމާ ބުންޏެވެ.
މި ފިލްމަކީ ގިނަބަޔަކަށް ކަމުދިޔަ ނޯޓީފޯޓީ ގެ ސީކުއެލް އެކެވެ. ހޮރޯ ކޮމެޑީ އެއް ގޮތަށް ފިލްމު އުފައްދާފައިވާއިރު ފިލްމުގެ ދިގު ޓްރެއިލާއިންވެސް ފެންނަނީ މިފަދަ މަންޒަރު ތަކެކެވެ. ޓްރެއިލާގެ ފުރަތަމަ ބައިގައި ފެންނަ މަޖާ ކަންތައްތަކަކުން ގޮސް ޓްރެއިލާ ނިންމާލަނީ ކާސްޓުންނަށް ބިރުވެރި ސިފަތަކެއް ގެނުވާ، ފިލްމުވެސް ބިރުވެރި ކޮށްލާފަ އެވެ. ހަމަގައިމުވެސް ޕްރޮޑަކްޝަން ޓީމުން ބުނަނީ މިއީ މަޖާ އަދި ބިރުވެރި ފިލްމަކަށް ވާނެ ކަމަށެވެ. ފިލްމު ބިރުވެރީ ކިހާ ވަރަކަށްތޯ އެނގޭނީ ސިނަމާ އަށް ގޮސް ބަލާލުމުންނެވެ.
ބޮޑު ކާސްޓަކާއެކު އުފައްދާފައިވާ މި ފިލްމު އެންމެ ފުރަތަމަ އަޅުވަން ހަމަޖެހިފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓު މަހު އެވެ. އެކި ސަބަބުތަކާހުރެ ފިލްމު އެޅުވުން ލަސްކުރަމުން ގޮސް ފައިނަލް ރިލީޒް ޑޭޓް އަކަށް ޕްރޮޑަކްޝަން ޓީމުން ނިންމާފައިވަނީ މި މަހުގެ ފަހެއްގަ އެވެ.
”ފޯޓީ ޕްލަސް“ގެ މަންޒަރުތައް ނަގާފައިވަނީ ތ. ބުރުނީގައެވެ. އިސްމާއިލް ޝަފީޤް ޕްރޮޑިއުސްކޮށް، މަޝްހޫރު އެކްޓަރ ޑައިރެކްޓަރ ޔޫއްޕެ ލިޔެ ޑައިރެކްޓްކޮށް އެކްޓްކޮށްފައިވާ މި ފިލްމަކީ ބެލުންތެރިން ހެއްވާލާނެ ފިލްމަކަށް ވާނެ ކަމަށް އެ ފިލްމްގެ ޕްރޮޑަކްޝަން ޓީމުން ޔަގީންކަންދެ އެވެ.