ރިޔާދު (މާޗް 2) - މަރާލާފައިވާ އަލްގައިދާގެެ ލީޑަރު އުސާމާ ބިން ލާދިންގެ ފިރިހެން ދަރިފުޅުގެ ރައްޔިތުކަން އަތުލާފައިވާ ކަމަށް ސައުދީ ފޮރިން މިނިސްޓްރީން ބުނެފި އެވެ.
ހަމްޒާ ބިން ލާދިންގެ ރައްޔިތުކަން އަތުލާފައިވަނީ ސައުދީ ރަސްގެފާނުގެ ހާއްސަ ގަރާރަކުން މިދިޔަ ނޮވެމްބަރު މަހު ކަމަށް ސައުދީ ފޮރިން މިނިސްޓްރީއާ ހަވާލާދީ ސައުދީގެ ނޫސްތަކުގައި ބުނެފައިވެ އެވެ.
ސައުދީ ސަރުކާރުގެ މި ނިންމުން އިއުލާނު ކޮށްފައި ވަނީ، ހަމްޒާ ހުރި ތަނެއްގެ މައުލޫމާތު ދޭ ފަރާތަކަށް އެއް މިލިއަން ޑޮލަރުގެ އިނާމެއް އެމެރިކާ ސަރުކާރުން އިއުލާނު ކޮށްފައި ވަނިކޮށެވެ.
ބިން ލާދިންގެ މަރަށްފަހު، ހަނގުރާމަވެރި އަލްގައިދާގެ އަރަމުން އަންނަ ލީޑަރެއްގެ ގޮތުގައި އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ސިފަކޮށް، "ޓެރަރިސްޓެއްގެ" ގޮތުގައި ކަނޑައަޅާފައިވަނީ 2017 ވަނަ އަހަރުން ފެށިގެންނެވެ.
ދާދި ފަހުން، ހަމްޒާ ވަނީ އޯޑިއޯ އަދި ވީޑިއޯ މެސެޖުތައް މެދުވެރިކޮށް ހުޅަނގުގެ ގައުމުތަކުގެ ވެރިރަށްތަކަށް ހަމަލާތައް ދިނުމަށް ގޮވާލައިފަ އެވެ.
އެމެރިކާ އިން ބިން ލާދިން މަރާލާފައި ވަނީ ޕާކިސްތާނުގައި ފިލައިގެން އުޅެނިކޮށް މޭ 2، 2011 ވަނަ ދުވަހުގެ ފަތިހު އެވެ. ޕާކިސްތާނު ސަރުކާރަށް ވެސް އެންގުމަކާ ނުލައި އެމެރިކާ ސިފައިން ހިންގި ހާއްސަ ހަރަކާތެއްގައި ބިން ލާދިން މަރާލާފައި ވަނީ ޕާކިސްތާނުގައި އުޅޭތާ އަހަރުތަކެއް ފަހުންނެވެ.
އޭރު ބިން ލާދިން ހޯދަން މަސައްކަތް ކުރާތާ ވަނީ ދިހަ ވަރަކަށް އަހަރު ވެފަ އެވެ.
ބިން ލާދިން އޭރު ދިރިއުޅެމުންދިޔަ އިމާރާތުން ހޯދި ސިޓީތަކުގައި، އަލްގައިދާގެ ލީޑަރުކަމަށް ހަމްޒާ އައްޔަނުކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ވަނީ ހާމަވެފަ އެވެ.