ދުނިޔެ

ދެކުނު އެފްރިކާގެ ޕައިލެޓެއްގެ އަތުގައި ފޭކު ފާހެއް އޮތްކަން ފަޅާއަރައިފި

Mar 2, 2019

ޕްރެޓޯރިއާ (މާޗް 2) - ސައުތު އެފެރިކަން އެއާވޭސްގެ ޕައިލެޓެއްގެ އަތުގައި ފޭކު ފާހެއް އޮތްކަން 20 އަހަރު ފަހުން ފަޅާއެރުމުން އޭނާ އިސްތިއުފާދީފި އެވެ.

ވިލިއަން ޗޭންޑްލާ އަތުގައި އޮތީ ފޭކު ފާހެއްކަން ފަޅާއެރީ ދެކުނު އެފްރިކާ އިން ޖަރުމަނަށް ދަތުރުކުރި ފްލައިޓެއްގައި އޭނާގެ އަމަލުތައްހުރި ގޮތުން ކުރި ތަހުގީގަކަށްފަހުގައި ކަމަށް އެ އެއާލައިނުން ވަނީ ބުނެފަ އެވެ.

ސައުތު އެފެރިކަން އެއާވޭސް އިން މިހާރު ވަނީ އެ ޕައިލެޓާއި ދެކޮޅަށް ޖިނާއީ ދައުވާކޮށްދިނުމަށާއި، އޭނާއަށް މުސާރައާއި އިނާޔަތްތަކުގެ ގޮތުގައި 20 އަހަރަށް ވުރެ ގިނަ ދުވަހު ދިން ފައިސާ އަނބުރާ ހޯދަން އެދިފަ އެވެ.

އެ އެއާލައިންގައި މަސައްކަތްކުރާ ސޭފްޓީ އޮފިސަރެއްވެސް އެ މައްސަލާގައި ވަނީ ސަސްޕެންޑުކޮށްފަ އެވެ.

ދެކުނު އެފްރިކާގެ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން، ޗޭންޑްލާ އެންމެ ފުރަތަމަ މަސައްކަތްކުރީ ސައުތު އެފެރިކަން އެއާވޭސްގެ ފްލައިޓް އިންޖިނިއަރެއްގެ ގޮތުގަ އެވެ. އޭނާއަށް ޕައިލެޓެއްގެ ވަޒީފާ ލިބުނީ 1994 ވަނަ އަހަރު އެވެ. ނަމަވެސް، ޗޭންޑްލާ އަކީ ފަސްޓް އޮފިސަރެއް ކަމަށާއި، އޭނާގެ މަސްއޫލިއްޔަތަކީ އިސް ޕައިލެޓަށް އެހީތެރިވެދިނުންކަމަށް އެ އެއާލައިނުން ވަނީ ބުނެފަ އެވެ.

މި މައްސަލަ ފެންމަތިވީ، އޭނާގެ އަތަށް ފްލައިޓުގެ ކޮންޓްރޯލް ލިބުނު ފަހަރަކު، އޭނާ ބޯޓު ދުއްވި ގޮތުން، އުފެދުނު ޝައްކުތަކެއްގެ މައްޗަށް ބިނާކޮށް ކުރި ތަހުގީގަކުންނެވެ.

އެ އެއާލައިނުން ބުނީ، ޗޭންޑްލާ އަތުގައި އޮތީ ކޮމާޝަލް ޕައިލެޓު ލައިސަންސެއް ކަމަށާއި، ބައިނަލްއަގުވާމީ ދަތުރުތައް ކުރަން ބޭނުންވާ ހާއްސަ ލައިސެންސެއް ނެތް ކަމަށެވެ. ޗޭންޑްލާ ވަނީ އޭނާ އަތުގައި އޮތް ކޮމާޝަލް ޕައިލެޓު ލައިސަންސް ފޯޖުކޮށް، އެއާލައިން ޓްރާންސްޕޯޓް ޕައިލެޓް ލައިސެންސަކަށް ބަދަލުކޮށްފަ އެވެ.

އެކަމާއި ގުޅިގެން ސައުތު އެފެރިކަން އެއާވޭސްގައި ވަޒީފާ އަދާކުރާ ހުރިހާ ޕައިލެޓުންގެ ލައިސަންސްތައް މުރާޖައާ ކުރަމުން އަންނަކަމަށް އެ އެއާލައިނުން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.