ދުނިޔެ

ވާވޭގެ ވެރިޔާ އެމެރިކާއަށް ފޮނުވާލުމުގެ އަޑުއެހުންތައް ފަށަނީ

Mar 2, 2019

ވެންކޫވާ (މާޗް 2) - ޗައިނާގެ ޓެލެކޮމް ކުންފުނި ވާވޭގެ އެކްޒެކެޓިވް މެންބަރެއް ކަމަށްވާ މެންގް ވަންޒޫ އެމެރިކާއާ ހަވާލުކުރެވޭނެ ކަމަށާއި، ނަމަވެސް އެކަން ނިންމަންޖެހޭނީ ކޯޓު މަރުހަލާއިން ކަމަށް ކެނެޑާ ސަރުކާރުން ބުނެފި އެވެ.

ވާވޭގެ ޗީފް ފައިނޭންޝަލް އޮފިސަރު އަދި ކުންފުނީގެ ބާނީގެ އަންހެން ދަރިފުޅު ވެންކޫވާ އެއާޕޯޓުން ހައްޔަރު ކުރީ މިދިޔަ ޑިސެމްބަރު މަހު އެވެ.

އަދި އިރާނާ ދެކޮޅަށް އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ ހިލާފަށް ވަންޒޫ އިސްވެ ވިޔަފާރިކޮށްފައިވާ ކަމަށް ތުހުމަތުކޮށް، އެކަމުގެ ދައުވާ ކުރުމަށް އެމެރިކާއާ ހަވާލު ކުރުމަށް އެމެރިކާ ސަރުކާރުން ދަނީ ބާރު އަޅަމުންނެވެ.

އަދި މިދިޔަ ޖެނުއަރީ މަހު އެމެރިކާ އިން ވަނީ ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު މޯބައިލް އުފައްދާ ކުންފުނި ވާވޭ އާއި އެ ކުންފުނީގެ ސީއެފްއޯގެ މައްޗަށް ގިނަ ދައުވާތަކެއް އުފުލައިފަ އެވެ.

ކަފާލާތުގެ ދަށުން މިވަގުތު މިނިވަންކޮށްފައިހުރި، މެންގް ވަންޒޫ އާއި ގުޅޭގޮތުން ކޯޓުން ނިންމާނީ، އެމެރިކާ އާއި ކެނެޑާ އާދެމެދު އޮތް ކުށްވެރިން ބަދަލުކުރުމުގެ އެއްބަސްވުމަށް ފެތޭތޯ އެވެ.

ކެނެޑާގެ އޮފިޝަލުން ތުހުމަތުކުރާ ގޮތުގައި، ވަންޒޫ ވަނީ އެހެން ކުންފުންޏެއްގެ ނަމުގައި އިރާނާއެކު ވިޔަފާރީގެ މުއާމަލާތްތަކެއް ކޮށްފަ އެވެ.

ވާވޭއާއި އެއްވެސް ގުޅުމެއްނެތް ކަމަށް ދައްކައި، ސްކައި ކޮމް ކިޔާ ކުންފުންޏަކުން އިރާނުގައި ވިޔަފާރިކޮށްފައިވަނީ، ވަންޒޫ އިސްވެ ހުރެ ބޮޑެތި އޮޅުވާލުންތަކެއްގެ ނިވަލުގައި ކަމަށް ކެނެޑާއިން ވަނީ ތުހުމަތުކޮށްފަ އެވެ.

އެ މައްސަލާގައި، ޗައިނާގައި ހުންނަ އެމެރިކާ ސަފީރު ވަނީ ފޮރިން މިނިސްޓްރީއަށް ހާޒިރުކޮށް ސުވާލުކޮށްފަ އެވެ. އަދި ވަންޒޫ ހައްޔަރުކުރުމަށް އެމެރިކާއިން ނެރެފައިވާ އަމުރު ބާތިލުކުރުމަށް ވެސް، ޗައިނާއިން ވަނީ އެމެރިކާ ސަފީރު މެދުވެރިކޮށް އަންގާފަ އެވެ.

އެ ދައުވާތައް ސާބިތުވެއްޖެނަމަ، 46 އަހަރުގެ ވަންޒޫއަށް 30 އަހަރުގެ ޖަލު ހުކުމެއް އަންނާނެ ކަމަށް ބެލެވެ އެވެ.

އެމެރިކާ އާއި ޗައިނާގެ ވިޔަފާރީގެ ގުޅުމުގައި ނުތަނަވަސްކަން އުފެދިފައިވާ ދުވަސްވަރެއްގައި، ވަންޒޫ ހައްޔަރުކޮށްފައިވަނީ އެއްވެސް ސަބަބެއް ނެތި ކަމަށް ޗައިނާގެ އިތުރުން ވާވޭ ކުންފުނިން ވެސް ދަނީ ތަކުރާރުކޮށް ބުނަމުންނެވެ.