ދިވެހި ސިނަމާ

"ދައުވަތު"ގެ ފަސްޓްލުކް ދައްކާލައިފި

ދިވެހި ފިލްމު "ދައުވަތު"ގެ ފަސްޓްލުކް ދައްކާލައިފި އެވެ.

ބިރުވެރި ޖޯންރާ އަކަށް އުފައްދާފައިވާ "ދައުވަތު" މި ފިލްމަކީ މީޑިއާ ހައުސް، ވީމީޑިއާގެ ފިލްމެކެވެ. ވީމީޑިއާ އިން "ވީ އެންޓަޓެއިމެންޓް ޑިވިޝަން“ ގެ ނަމުގައި އުފައްދާފައިވާ ޑިޕާޓްމަންޓަކުން ދިވެހި ފިލްމު އުފައްދަން ފަށާނެ ކަމަށް އިއުލާނުކުރީ މިދިޔަ އަހަރު ސެޕްޓެމްބަރު މަހު އެވެ.

މި ފިލްމުގެ ފަސްޓްލުކް ދައްކާލާފައިވަނީ އެ ޓީވީއަށް 10 އަހަރު ފުރުނު މުނާސަބާ ފާހަގަ ކުރުމަށް ކުރިއަށް ގެންދިޔަ ލައިވް ކަވަރޭޖް ނިންމާލުމުގެ ގޮތުން ބޭއްވި ހަފްލާއެއްގަ އެވެ.

ފިލްމުގެ ފަސްޓް ލުކް--

ވީމީޑިއާގެ ފުރަތަމަ ފީޗާ ފިލްމު ”ދައުވަތު" ގެ ފަސްޓް ލުކް ދައްކާލާފައިވާއިރު، ފެންނަނީ ފިލްމުގެ ލީޑް އައްޒަ އާއި ދޮން އައްޔަ ގެއަކަށް ގޮސް އެގެއިން ދިމާވާ ބިރުވެރި ކަންތައްތަކެކެވެ. ގެ ބަލަހައްޓަން ހުންނަ މީހާ ކަމަށް ލަފާ ކުރެވޭ މީހާ، އައްޒަ އާއި ދޮން އައްޔައަށް އެކި ކަހަލަ އުނދަގޫތައް ކުރާ މަންޒަރުތައް ވެސް ފެނިގެންދެ އެވެ.

މި ފިލްމުގައި މަޝްހޫރު ފިލްމީ ތަރި ޔޫސުފް ޝަފީއުގެ އިތުރަށް ޒުވާން ފިލްމީ ތަރި އަލީ އާޒިމް (ދޮން އައްޔަ)، ކުޅަދާނަ ބަތަލާ މަރިޔަމް އައްޒަ އަދި ފިލްމު "40 ޕްލަސް" އިން ފިލްމީ ދާއިރާއަށް ތައާރަފްކުރާ އިރޫވެސް ފެނިގެންދާނެ އެވެ.
މި ފިލްމު ޑައިރެކްޓުކުރާނީ ކުޅަދާނަ ޑައިރެކްޓަރު އަދި ޔޫސުފް ޝަފީއު (ޔޫއްޕެ) އެވެ.