މިދިޔަ ތިން އަހަރު، ޓީސީ ސްޕޯޓްސް ކުލަބަށް ކުޅުނު އިބްރާހިމް ވަހީދު ހަސަން 'ފެލެއިނީ އިއްބެ' ކުރިއަށް އޮތް ސީޒަންގައި މާޒިޔާއަށް ކުޅެން ސޮއި ކޮށްފި އެވެ.
އަންނަ ޖޫން މަހު ފަށާނެ ކަމަށް އެފްއޭއެމުން ބައެއް މީޑިއާ ތަކުގައި ބުނެފައިވާ ސީޒަނަށް ތައްޔާރު ވުމަށް މާޒިޔާއިން ސޮއި ކުރިވި ފުރަތަމަ ކުޅުންތެރިޔަކީ، ހދ. ނޮޅިވަރަންފަރަށް އުފަން އިއްބެ އެވެ. މިދިޔަ ތިން އަހަރު ޓީސީ ހޯދި ކާމިޔާބު ތަކުގައި އިއްބެގެ ހިއްސާ ބޮޑެވެ.
މިދިޔަ އަހަރު، ދިވެހި ޕްރިމިއާ ލީގް ޗެމްޕިއަންކަން ޓީސީއަށް ހޯދައިދިނުމުގައި އޭނާ ވަނީ މުހިންމު ދައުރެއް އަދާކޮށްފަ އެވެ. ޓީސީއާއެކު އޭނާ ހޯދި ފުރަތަމަ މުބާރާތަކީ، ޖަނަވަރީ 2017 ވަނަ އަހަރު ބަންގުލަދޭޝްގައި ބޭއްވި ޝައިހް ކަމާލް އިންޓަނޭޝަނަލް ކުލަބު މުބާރާތެވެ.
މިއަހަރު ގައުމީ ޓީމުގެ ފުރަތަމަ 11 ގައި ކުޅެން ފަށައި އިއްބެ ދަނީ، ގައުމީ ޓީމުގެ ހަމަލާތަކުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. މިދިޔަ އަހަރު، ބޭއްވި ސާފް ޗެމްޕިއަންޝިޕް ރާއްޖެއަށް ހޯދައިދިނުމުގައި އެންމެ މުހިންމު ދައުރެއް އަދާ ކުރީ އޭނާ އެވެ. ސެމީ ފައިނަލުގައި އޭނާ ވަނީ ނޭޕާލް ކޮޅަށް ދެ ލަނޑު ޖަހައިދީ ރާއްޖެ ރާއްޖެ ފައިނަލަށް ގެންގޮސްދީފަ އެވެ.
އިއްބެ، މާޒިޔާއަށް ސޮއި ކުރިއިރު، އެ ޓީމުގެ ހަމަލާތަކުގައި އެންމެ މުހިންމު ދައުރެއް އަދާ ކުރަމުން އަންނަ ކުޅުންތެރިޔަކީ، ޓީސީން މިދިޔަ އަހަރު މާޒިޔާއަށް ސޮއި ކުރި ނާއިޒް ހަސަން 'ދާދު' އެވެ. ޓީސީގައި އިއްބެ އާއި ދާދުގެ ކޮމްބިނޭޝަން ވަނީ ވަރަށް ބޮޑަށް ފާހަގަ ކުރެވިފަ އެވެ. މާޒިޔާއަށް އިއްބެ ސޮއި ކުރުމުން، އެންމެ ވަރުގަދަ އެޓޭކެއް މިފަހަރު އޮންނާނީ މާޒިޔާގައި ކަމަށް ބެލެވެ އެވެ.
އިތުރު ބައެއް އެހެން ކުޅުންތެރިން ސޮއި ކުރުވުމަށް މާޒިޔާއިން ދަނީ ތައްޔާރު ވަމުންނެވެ. މިއަދު މާޒިޔާއަށް ސޮއި ކުރުވި، އިއްބެއަށް މާޒިޔާގެ ޖޯޒީ ހަވާލު ކޮށްދެއްވީ މާޒިޔާގެ ޗެއާމަން އަހްމަދު ސާޖިދު އެވެ.
މިދިޔަ ތިން އަހަރު މާޒިޔާއަށް ކުޅުނު ހަތަރު ކުޅުންތެރިޔެއްގެ ކޮންޓްރެކްޓް ހަމަވުމުން އެ ކުޅުންތެރިން ވަނީ ކުލަބު ދޫކޮށްލާފަ އެވެ. އެއީ، އެޓޭކިން މިޑްފީލްޑާ އިސްމާއީލް އީސާ 'މެސީ' އާއި ވިންގާ އަހްމަދު އިމާޒު 'އާއްކޮ' މިޑްފީލްޑަރު ޔަޝްފާދު ހަބީބު 'މުލަކޭ' ގެ އިތުރުން ޑިފެންޑަރު ގާސިމް ޝަމާމް 'ޝަންމޭ' އެވެ.
އެހެންނަމަވެސް، މާޒިޔާއިން ވަނީ އެ ޓީމުގެ ކީ ކުޅުންތެރިން ޓީމުގައި މަޑު ކުރުވާފަ އެވެ. އާ ސީޒަނަށް ކުޅުންތެރިން ލައްވައި ސޮއި ކުރުވި ނަމަވެސް، އަދި އެ ޓީމަށް ކޯޗަކު ހަމަޖައްސާފައެއް ނުވެ އެވެ. މިދިޔަ ދޮޅު އަހަރު މާޒިޔާއަށް ކޯޗް ކޮށްދިން އިސްމާއީލް މަހްފޫޒު 'އިންމަ' ވަނީ ކުރިއަށް ސީޒަަންގައި ގްރޭންޑް އަމީގޯސްއަށް އިރުޝާދު ދޭން އެ ޓީމުގެ ކޯޗު ކަމާ ހަވާލުވެފަ އެވެ.