ރިޕޯޓް

އެ 10 މިލިއަނާމެދު ވިސްނަންވީ މިއަދު!

ދިވެހިން އެމީހަކު ބޭނުން ކޮންމެ އުފަލެއް ކޮންމެ އިރަކު ހޯދިއަސް ރާއްޖޭގެ މުއްސަނދިކަން އެންމެނަށް ހަމަހަމައަށް ބެހިހެން ނުދާތީ އާއި އެންމެނަށް އަލަށް އެނގިގެން އުޅޭ "ހައްގު މިންވަރު" ނުލިބޭތީ ރައްޔިތުން ފަގީރޭ ކިޔަމާ ހިނގާށެވެ. ރައްޔިތުން ފަގީރަސް އޭގެ ތެރެއިން ބަޔަކު ވަރަށް ވަރަށް މުއްސަންޖެވެ. މިއީ ވެސް ހަގީގަތެކެވެ.

ރާއްޖެއަކީ މުއްސަނދި ގައުމެއްކަމުގެ އިހުސާސް ކޮށްލެވޭ ހިނދުކޮޅުތަކެއް ވެސް ރާއްޖޭގައި އާދެ އެވެ. އޭގެ އެއް ވަގުތުކޮޅަކީ ދިވެހި ދައުލަތުގެ ފައިސާ އާއި މުދަލަށްވާ ބޮޑެތި ހިޔާނާތްތަކުގެ އަދަދުތައް ފެންމަތިވެގެން އަންނަ ކޮންމެ ހިނދެކެވެ.

ރާއްޖޭގައި އެންމެ މަޝްހޫރު އައިޑެންޓިޓީ، އެމްއެމްޕީއާރްސީގެ ތެރެއިން ހިނގައިގެން ދިޔަ ބޮޑު ހިޔާނާތް ތަހުގީގުކޮށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ނެރުނު ރިޕޯޓުގައި މި ހަގީގަތަށް ކޮންމެވެސް މިންވަރެއްގެ އަލި ކަމެއް ލިބެ އެވެ. ބުނެވޭ ގޮތުގައި 700 އެތައް ސޮފުހާއެއްގެ އެ ރިޕޯޓްގައި ފާހަގަ ކޮށްފައިވާ ބޮޑު އެއްޗަކުން "އެތިކޮޅެކެ"ވެ. މުޅި އެތި އޭސީސީން ނިއުޅައިލި ނަމަ މިވާހަކަ މިހެން ލިޔުމުގެ ތަކުލީފު އުފުލަން ނޫސްވެރިއަކަށް ނުޖެހޭނެ އެވެ.

އޭސީސީގެ އެ ތަހުގީގަށް އަބްދުﷲ ރާފިއު ކިޔާ މީހަކު ވަރަށް ވަރުގަދަ ބަޔާނެއް ދިނެވެ. މި ރިޕޯޓްގައި "އަބްދުﷲ ރާފިއު ކިޔާ މީހެކޭ" ނިސްބަތް ކުރިއަސް ރަށުތެރޭގައި ވާހަކަ އޮންނަ ގޮތުން އެއީ ގިނަ ބަޔަކު ދަންނަ މަޝްހޫރު މޫނެކެވެ.

އޭނާގެ ބަޔާނުގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ވިދާޅުވެގެން ފޮއްޓަކަށް 10 މިލިއަން ރުފިޔާ ލައިގެން ގޮސް ވަކި ވަގުތެއްގެ ކުރިން ބަޔަކާ ހަވާލު ކުރިކަން ސާފުވެ އެވެ. މިހާރު އެނގޭ ގޮތުން އެ ފައިސާއަކީ ސީދާ ރައްޔިތުންގެ ފައިސާ އެވެ. ރައްޔިތުންގެ އެމްއެމްޕީއާރްސީއަށް ވަތން ފައިސާ އެވެ. ރާފިއު އެއީ ތިން އަކުރުގެ ނަމެކެވެ. އެކަމަކު އެ ނަން ތާރީހުގެ ތެރެއަށް ވަންނާނެ އެވެ. އޭނާގެ އެ ބަޔާނުގައިވާ ގޮތުން އެ 10 މިލިއަން ރުފިޔާ ގެއެއްގެ ހަތްވަނަ ބުރިއަށް އެރުވީ ދުވަހެއްގެ ހެނދުނު 9:00 ޖެހުމުގެ ކުރިންނެވެ.

ބަޔާން ބުނާ ގޮތުން އެ ސުންގަނޑީގެ ކުރިން އެ ފައިސާ އެތަނަށް ގެންދަން ޖެހެ އެވެ؛ އެކަމަކު އެއީ ކޮން ކަމަކު، ކާކަށް ކީއްކުރަން ދޭ ފައިސާތަކެއް ކަމެއް އޭނާއަކަށް ނޭނގެ އެވެ.

އެކަމަކު މިހާރު އެބަ ސާފުވެ އެވެ. އެއީ ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ބޭރު ކުރަން ރައްޔިތުންގެ މަޖިލީހުގައި ވޯޓަށް އަހަން އޮތް ދުވަހެވެ. އެއީ އޭރުގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސައިން އާއި ސުޕްރީމް ކޯޓުގައި އާދަކޮށް ތަފާތު ރައުޔު ދެއްވާ ފަނޑިޔާރު މުއުތަސިމް އަދުނާން ބޭރުކޮށްލުމެވެ.

އެހެން ގޮތަކަށް ބުނަންޏަށް އެ ދުވަހަކީ ނޫނީ އެ ދުވަހުގެ އެ ވޯޓަކީ ހުރިހާ ގޯހެއްގެ ނޫނީ ގޯސްތަކުގެ ބޮޑު ބައެއްގެ ފެށުމެވެ. ދިވެހި ދައުލަތުން ރީއްޗަށް އަތުރާފާއިވާ އޮތް ނިޒާމަށް ފުރަތަމަ އަމާޒުވި ބޮޑު އެއް ހަމަލަ އެވެ. އެއަށްފަހު ގޯސް މައްޗަށް ގޯސް އަރުވަމުން ގޮސް މުޅި ނިޒާމް ގޯހުން ގޯހަށް ބަދަލުވެ އަތްލާން ނުކެރޭ ވަރަށް ހަލާކުކޮށްލީ އެވެ.

ދެ ފަނޑިޔާރުން ދުއްވާލުމުގެ އެ ވޯޓަށް މަޖިލީހުގެ ގާތްގަނޑަކަށް ހުރިހާ މެންބަރުން 10 މިލިއަން ރުފިޔާއިން ގަނެލީ އެވެ. މަދު މެންބަރެއް ފިޔަވައި އެ ފައިސާ ބެހުނު މެންބަރުން އެންމެނަށް އެނގެ އެވެ. އެކަމަކު އެ ފައިސާ ވަނީ މިވެނި މެންބަރުންގެ ޖީބަށޭ ބުނާނެ "ހުދު ކަރުދާސްކޮޅެއް" ލިބެން ވެސް ހޯދެން ވެސް ނެތީ އެވެ. އެއް ކަމެއް ޔަގީނެވެ؛ އެ 10 މިލިއަން ރުފިޔާ ވަނީ މަޖިލިސް މެންބަރުންގެ ޖީބުތަކަށެވެ. އެ ދުވަހު މެންބަރުންގެ ވޯޓުލާފައިވާ ގޮތް ބަލައި އެކަމަށް ކޮންމެ ވެސް ވަރަކަށް ލަފައެއްކޮށްގެން ހިސާބެއް ޖެހުން ނޫން ގޮތެއް މިހާރަކަށް ނޯންނާނެ އެވެ.

އަންނަ އޭޕްރީލް މަހުގެ ހަވަނަ ދުވަށް ރާއްޖެ ތައްޔާރުވެފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ނުކުންނައިރު ރައްޔިތުންގެ ވިސްނުން މި "10 މިލިއަން ރުފިޔާ" އިން ކައްސާލައިގެން ވާކަށް ނެތެވެ. ރައްޔިތުންގެ ފައިސާ، ރައްޔިތުންގެ މަންދޫބުންގެ ތޮފި އަޅުއްވައިގެން ތިއްބެވި ބޭފުޅުން ބޭނުން ކުރެއްވި އެވެ. އަމިއްލައަށް އެ ހިސާބު ހަދައި އެ މީހުންނަށް ނޫނެކޭ ބުނުމަކީ ޒިންމާއެކެވެ.

ބަންޑާރަ ނައިބު އޮފީހުގެ ކުރީގެ ވަކީލާ މަރިޔަމް ޝުނާނާ އަކީ 19 ވަނަ މަޖިލިސް ނަޒާހަތްތެރި ތަނަކަށް ހަދަން ވަރަށް ބޮޑަށް ވަކާލާތު ކުރައްވާ އަޑު އުފުއްލަވާ ބޭފުޅެކެވެ. އޭނާ ވިދާޅުވި ގޮތުގައި އަލަށް މެންބަރުން ހޮވާއިރު މިދިޔަ ފަސް އަހަރު އެ މެންބަރުންގެ އަމަލުތައް ބެހެއްޓެވި ގޮތާއި ޕާފޯމެންސް ރަނގަޅަށް ދިރާސާކުރަން ޖެހެ އެވެ. ފަތިފުށް ސާފުތޯ ބަލަންޖެހެ އެވެ. ކޮރަޕްޝަނާއި ދެކޮޅަށާއި ރައްޔިތުންގެ ހައްގުތައް ކަށަވަރުކުރަން ކުރި މަސައްކަތެއް އޮތްތޯ ވެސް ބަލަން ޖެހެ އެވެ.

"އެފަދަ މެންބަރުން މަޖިލީހުން ސާފު ނުވެއްޖެނަމަ، ރައްޔިތުންގެ ހައްގު ކަށަވަރު ކުރާށާއި ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރުމުގެ ބޭނުމެއް ނެތް، ޒިންމާދާރު ކުރަން އޮތް ތަން ގޯސްކޮށް އޮވެއްޖެއްޔާ މުޅި ނިޒާމް ދަނީ ހަލާކު ވެގެން، ބޮޑެތި މައްސަލަތައް ދާނީ ނުކުންނަމުން، އެ މަންޒަރު ކޮންމެ ދުވަހަކު މިދިޔަ ފަސް އަހަރު ފެނިގެން ދިޔައީ،" ޝުނާނާ ވިދާޅުވި އެވެ.

ކެމްޕޭންގެ އަޑާއި ފޯރި ގަދަވަމުން އަންނައިރު ރިޝްވަތުގެ ފައިސާގެ ވާހަކަ ވެސް ދަނީ ގިނަ ވަމުންނެވެ. ސައި، ކޮފީން ފެށިގެން އުމްރާ ދަތުރު ވެސް ކެންޑިޑޭޓް ހަމަޖައްސައި ދެނީ އެވެ. ބަށި ކޯޓުން ފެށިގެން ގޭގެ ފުރާޅުގެ ޓިނު ވެސް ކެންޑިޑޭޓް ޖަހައި ދެނީ އެވެ.

ޝުނާނާ ވިދާޅުވި ގޮތުގައި އެ ގޮތަށް އެހީ ދޭ ކެންޑިޑޭޓުން މެންބަރުންނަށްވުން ޓިނުގަނޑެއްގައި ނުހިފިޔަސް އެ ބޭފުޅުން ވެސް ހަމަ އެހެން ފައިސާ އާއި ތަކެތީގައި ހިފާނެ އެވެ. ގޯސް ކެންޑިޑޭޓުން މިނާކިރޭނެ ގޮތަކީ އެއީ އެވެ.

އިލްމީ ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި މަޖިލީހުގައި ވޯޓު ވިއްކާނެ މެންބަރުން، ރައްޔިތުންގެ ވޯޓު ވެސް ގަންނާނެ އެވެ. ވޯޓުން ހޯދަން ގޮސް ރިޝަވަތު ހުށަހަޅާނަމަ އެ މެންބަރަކު ވާނީ މަޖިލީހުގައި ވެސް ރިޝްވަތު ނަގާނެ މެންބަރަކަށެވެ. އެހާ ހިސާބުން އެމީހަކީ ނޭދެވޭ ކަންކަން ކުރާނެ މީހެއްކަން ރައްޔިތުން ގަބޫލު ކުރަން ޖެހެ އެވެ.

ރިޝްވަތު ދިނުމާއި ހިފުމަކީ ވެސް ކުށެކެވެ. ބޮޑު ފާފައެކެވެ. އެކަމަށް ރައްޔިތުން ހޭލުންތެރިކުރުވަން ޖެހެ އެވެ. ރައްޔިތުން އެންމެ ބޮޑަށް ބޭނުންވެފައިވާ ކަންކަން ކޮށްދޭނެ ކަމަށް ބުނެ ހައްދާލައިގެން އެމީހުންނަށް ރިޝްވަތުގެ ފައިސާ ބައެއް ކެންޑިޑޭޓުން ދެއެވެ. ވިސްނަންވީ ކަމަކީ އެއީ އެވެ.

އާދޭހެއް ކޮށްގެން ލިބޭ ކުޑަ އެހީއަކަށް ވޯޓު ވިއްކާލައިގެން ދެން އެ މެންބަރުން ކުރިއަށް އޮތް ފަސް އަހަރަށް ވެސް ލޮލަށް ނުފެންނާނެ އެވެ.

މާލޭ ސިޓީގެ ކުރީގެ މޭޔަރު ސަރަނގު އާދަމް މަނިކު ވެސް ވިދާޅުވި ގޮތުގައި ރައްޔިތުންގެ އަތުން ވޯޓު ގަނެގެން މަޖިލީހަށް ވަންނަ މެންބަރުން އުޅޭނީ އެ ފައިސާ އަލުން ހޯދާށެވެ. ރައްޔިތުންނަށް ހިދުމަތެއް ނުކޮށްދޭނެ އެވެ. އެހެންވީއިރު ހޮވަންޖެހޭނީ ވޯޓު ގަންނަ ކެންޑިޑޭޓެއް ނޫނެވެ. ކުޑަ އެހީއެއް ވެސް ބޭނުންވެފައިވާ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދޭނެ ކެންޑިޑޭޓެވެ. އެއްކަހަލަ 10 މިލިއަން ޖީބަށް ޖެހި މެންބަރު ފަދަ މެންބަރެއް އޭރަކުން ނޫޅޭނެ އެވެ.