އެކްސިޑެންޓްގައި މީހަކު މަރުވި މައްސަލާގައި ކުށް ސާބިތުވެ ފަސް އަހަރަށް ޖަލަށްލުމަށް ހުކުމްކޮށް، އިސްތިއުނާފުގެ މައްސަލަ ނިމެންދެން ވަގުތީ ގޮތުން މިނިވަންކޮށްފައިވާ ސަލްމާން ޚާން މިހާރު ރިލީޒްކުރުމަށް ތައްޔާރުވަމުންދާ "ބަޖްރަންގީ ބައިޖާން" ޕްރޮމޯޓްކުރުމަށް މުމްބައި އިން ބޭރަށް އެކި ސިޓީތަކަށް ނުދާން ނިންމާފައިވާކަމަށް ސަލްމާންގެ ސްޕޯކްސްޕާސަން ބުނެފި އެވެ.
އިސްތިއުނާފުގެ އަޑުއެހުން މިމަހުގެ 13 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވުމުގެ ސަބަބުން ސަލްމާން ބޭނުންވަނީ ވީހާވެސް ގިނަ ވަގުތެއް އޭނާގެ އާއިލާއާއިއެކު ހޭދަކުރަންށެވެ. އެހެންކަމުން ސަލްމާން މިފިލްމު އެކި ސިޓީތަކުގައި ޕްރޮމޯޓްކުރުމަށް ހަމަޖެހިފައިވަނީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކަމަށްވެ އެވެ.
ފިލްމު ޕްރޮމޯޓްކުރުމަށް އެކި ސިޓީތަކަށް ނުދާން ސަލްމާން ނިންމާފައިވިޔަސް މިދިޔަ ހުކުރު ދުވަހު ވަނީ މިފިލްމުގެ އެންމެ ހާއްސަ ލަވަ "އާޖް ކީ ޕާޓީ" ރިލީޒްކުރުމަށް ބޭއްވީ ހަފްލާގައި ޑައިރެކްޓަރު ކަބީރް ޚާންގެ އިތުރުން މިލަވައިގެ މިއުޒިކް ހަދާދީފައިވާ ޕްރީތަމް އާއި ލަވަކިޔާފައިވާ މީކާ ސިންގް އާއިއެކު ބައިވެރިވެފަ އެވެ.
އާއިލާއާއިއެކު ވަގުތު ހޭދަކުރަން ބޭނުންވާތީ ސަލްމާން މި ފިލްމުގެ ޓީމް ސިޓީތަކަށް ކުރާ ދަތުރުތަކުގައި ބައިވެރިނުވާކަމަށް ބުނަމުން ސްޕޯކްސްޕާސަން ބުނެފައިވަނީ ސަލްމާން މިގޮތަށް ނިންމީ އޭނާގެ އާއިލާއިން ވީހާވެސް ގިނަވަގުތެއް ސަލްމާން އާއިއެކު ހޭދަކުރަން ބޭނުންވާތީ ކަމަށެވެ.
"މުމްބައި ގައި ހުރެގެން ސަލްމާން ޕްރޮމޯޝަންތަކުގައި ބައިވެރިވާނީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް" ސްޕޯކްސްޕާސަން ބުނެފައިވެ އެވެ.
"ބަޖްރަންގީ ބައިޖާން" އަކީ އިންޑިއާގެ ބޯޑަރުތެރެއަށް ގެއްލޭ ޕާކިސްތާނުގެ، ވާހަކަނުދެއްކޭ ކުޑައަންހެން ކުއްޖަކު އަނބުރާ ގައުމަށް ގެންދިއުމަށް ސަލްމާން ކުރާ ބުރަ މަސައްކަތް ދައްކުވައިދޭ ފިލްމެކެވެ.
އިންޑިއާއިން ޕާކިސްތާނަށް ކުރާ ދަތުރު ފެނިގެންދާ މި ފިލްމުގައި ސަލްމާންގެ އިތުރުން ކަރީނާ ކަޕޫރު އާއި ނަވާޒުއްދީން ސިއްދީގީ މުހިންމު ރޯލުތަކުން ފެނިގެންދާނެ އެވެ.
ފިތުރު އީދާއި ދިމާކޮށް މިމަހުގެ 17 ވަނަ ދުވަހު ރިލީޒްކުރުމަށް ހަމަޖެހިފައިވާ މި ފިލްމަކީ، 2012 ވަނަ އަހަރު ނިކުތް ބްލޮކްބާސްޓާ ފިލްމު "އޭކް ތަ ޓައިގާ" އަށް ފަހު ޑައިރެކްޓަރު ކަބީރް ޚާން އާއިއެކު ސަލްމާން ކުރާ ދެވަނަ މަސައްކަތެވެ.
މި ފިލްމުގެ ނަމުން ހިންދޫ ދީނަށް ފުރައްސާރަވާކަމަށްބުނެ، ބައެއް ދިނީ ޖަމާއަތްތަކުން ދަނީ މުޒާހަރާވެސް ކުރަމުންނެވެ.