ބީއެމްއެލް އިން ކުދި ވިޔަފާރިތަކަށް ފަހިވާ ގޮތަށް ޕޭމަންޓް ގޭޓްވޭގެ ހިދުމަތް ހުޅުވާލައިފި އެވެ.
އެ ހިދުމަތަށް މިހާރު ދައްކަންޖެހޭ ސެޓަޕް ފީ އާއި މަހަކު އެއްފަހަރު ދައްކަން ޖެހޭ މެއިންޓެނަންސް ފީ މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ނުނަގާ ގޮތަށް ބޭންކުން ވަނީ ހަމަޖައްސާފަ އެވެ. އަދި މީގެ އިތުރުން ސެކިއުރިޓީ ޑިޕޮސިޓެއް ބެހެއްޓުމަކާ ނުލައި މި ހިދުމަތް ހޯދޭނެ ގޮތްތަކެއް ވެސް ބީއެމްއެލް އިން ވަނީ ކަނޑައަޅައިފަ އެވެ.
މި ބަދަލާ ގުޅޭގޮތުން ބޭންކުން ނެރުނު ނޫސް ބަޔާނެއް މެދުވެރިކޮށް އެ ބޭންކްގެ ޑެޕިއުޓީ ސީއީއޯ އަދި ޑައިރެކްޓާ އޮފް އޮޕަރޭޝަންސް މުހައްމަދު ޝަރީފް ވިދާޅުވީ އީ-ކޮމަރސް ގެ ހިދުމަތް ރާއްޖޭގަައިވެސް ދަނީ ވަރަށް ހަލުވިކަމާއެކު ކުރިއަރަމުން ކަމަށެވެ. މިވަގުތު ބީއެމްއެލް ޕޭމަންޓްގޭޓްވޭ ގެ ހިދުމަތް ހޯދާ 112 މާޗަންޓުން ތިބިއިރު، ޕޭމަންޓް ގޭޓްވޭ މެދުވެރިކޮށް 1.5 މިލިއަން ޓްރާންސެކްޝަން ހަދާފައިވާ ކަމަށެވެ.
"ވަރަށް ގިނަ ކުދި ވިޔަފާރިތަކުންނާއި އަލަށް ވިޔަފާރިފަށައިގަންނަ ފަރާތްތަކުން އެދެމުން އައީ ވީހާވެސް ލުއިފަސޭހަކޮށް މި ޚިދުމަތް އެ ފަރާތްތަކަށް ލިބޭނެ ގޮތް ހަމަޖައްސައިދިނުމަށް. ކަސްޓަމަރުން ދެއްވި ހިޔާލާ އެއްގޮތަށް އަޅުގަނޑުމެން މި ބަދަލުތައް މި ގެނައީ. އަޅުގަނޑުގެ އުއްމީދަކީ މި ބަދަލުގެ ސަބަބުން މި ހިދުމަތް ހޯދާ ވިޔަފާރިތަކަށް ކުރިއެރުން ލިބި، އަދި އީ-ކޮމަރސްގެ ހިދުމަތް ރާއްޖޭގައި އިތުރަށް ފުޅާވެގެން ދިޔުން،" ޝަރީފް ވިދާޅުވި އެވެ.
ބީއެމްއެލް އިން އިތުރަށް ބުނީ، މި ބަދަލަކީ ވޭތުވެދިޔަ ދިގު މުއްދަތުގައި ބީއެމްއެލް އިން ކުދި ވިޔަފާރިތަކާ އޮތް ގާތް ގުޅުމާއި، އެ ވިޔަފާރިތަކަށް ފޯރުކޮށްދެމުންދާ ހިދުމަތްތަކަށް އިތުރު ފުރިހަމަކަމެއް ގެނެސްދޭނެ ބަދަލެއް ކަމަށެވެ.
ޒަމާނީ ޓެކްނޮލޮޖީއާއެކު މިއަދު ބޭންކް އޮފް މޯލްޑިވްސް އިން އަންނަނީ ޕޭމަންޓް ގޭޓްވޭގެ އިތުރުން ވަރަށް ފުޅާ ދާއިރާއެއްގައި ޑިޖިޓަލް ބޭންކިންގެ ހިދުމަތް ދެމުންނެވެ. މީގެ ތެރޭގައި އިންޓަރނެޓް، މޮބައިލް ބޭންކިން އަދި ޑިޖިޓަލް ވޮލެޓްގެ ހިދުމަތްވެސް ހިމެނެ އެވެ. ބޭންކުގެ ޑިޖިޓަލް ބޭންކިން ވަސީލަތްތައް ބޭނުންކޮށްގެން މިދިޔަ އަހަރު 40 މިލިއަނަށްވުރެ ގިނަ މުއާމަލާތްކޮށްފައިވެ އެވެ. މިއީ މުޅި ބޭންކް މެދުވެރިކޮށް ހިންގޭ މުއާމަލާތްތަކުގެ 90 ޕަސެންޓަށް އަށް ވުރެ ބޮޑު އަދަދެކެވެ.