ވޮޝިންގްޓަން (މާޗް 3) - ޗައިނާއަށް އެތެރެކުރާ އެމެރިކާގެ ދަނޑުވެރި އުފެއްދުންތަކުން ޑިޔުޓީ ކަނޑާލަން ރައީސް ޑޮނަލްޑް ޓްރަމްޕް ޗައިނާ ސަރުކާރުގެ ކިބައިން އެދިވަޑައިގެންފި އެވެ.
އެކަމާއި ގުޅިގެން ޓްރަމްޕް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެގޮތަށް އެދިފައިވަނީ ޗައިނާއާއެކު ވިޔަފާރީގެ މަޝްވަރާތައް ވަރަށް ރަނގަޅަށް ކުރިއަށްދާތީ ކަމަށެވެ.
އެމެރިކާ އާއި ޗައިނާއިން ކުރަމުންގެންދާ ވިޔަފާރީގެ ހަނގުރާމަ ހައްލެއް ހޯދަން ދެ ފަރާތުން ކުރަމުންދާ މަޝްވަރާތަކަށް "ބޮޑެތި ކުރިއެރުންތަކެއް" ލިބިފައިވާކަމަށް ވިދާޅުވެ، މިމަހުން ފެށިގެން ޗައިނާއިން އެތެރެކުރާ މުދަލުން ޑިޔުޓީ ބޮޑުކުރުން މަޑުޖައްސާލަން ޓްރަމްޕް ވަނީ ނިންމަވައިފި އެވެ.
ދެ ގައުމުން ވެސް އެއް ގައުމުން އަނެއް ގައުމަށް އެތެރެކުރާ މުދަލުން ޑިއުޓީ ބޮޑު ކުރަމުން އަންނަ އައުން، 90 ދުވަހުގެ މުއްދަތަށް މަޑުޖައްސާލުމަށް އެއްބަސްވެފައިވަނީ، މިދިޔަ މަހު ކުރީކޮޅު އާޖެންޓިނާގައި ބޭއްވުނު ޖީ20 ސަމިޓުގެ ހަވާސާގައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ޗައިނާގެ ރައީސް ޝީ ޖިންޕިން ބޭއްވި ބައްދަލުވުމެއްގައި އެވެ.
ޓްރަމްޕް ވަނީ މި ހިނގާ ޖެނުއަރީ މަހުން ފެށިގެން ޗައިނާއިން އެތެރެކުރެވޭ 200 ބިލިއަން ޑޮލަރުގެ މުދަލުން ނަގާ ޑިޔުޓީ 25 ޕަސަންޓަށް ބޮޑު ކުރަން ނިންމާފައި ނިންމުން މާޗު މަހާއި ހަމައަށް މަޑުޖައްސާލަން އެއްބަސްވެވަޑައިގެންފަ އެވެ.
އެކަމާއި ގުޅިގެން ޓްރަމްޕް ވިދާޅުވީ، ޗައިނާގެ ރައީސް ޝީ ޖިންޕިން އާއެކު ސަމިޓެއް ބާއްވަވަން ނިންމަވާފައިވާކަމަށާއި، އެ ބައްދަލުވުމުގެ ދުނިޔޭގެ އެންމެ ބޮޑު ދެ އިގުތިސޯދުން އެއްބަސްވުމެއްގައި ސޮއި ކުރެވިގެންދާނެ ކަމަށެވެ.
މިދިޔަ ޖުލައި މަހު އެންމެ ފުރަތަމަ އެމެރިކާ އިން 25 ޕަސަންޓަށް ޓެކްސް ބޮޑުކޮށްފައިވަނީ ޗައިނާ އިން އެތެރެކުރާ 34 ބިލިއަން ޑޮލަރުގެ މުދަލުންނެވެ.
އޭގެ ފަހުން، އޯގަސްޓް މަހު އިތުރު 16 ބިލިއަން ޑޮލަރުގެ މުދަލުން ވެސް ވަނީ ޓެކްސް ބޮޑުކޮށްފަ އެވެ.
ބަދަލުހިފުމުގެ ގޮތުން، ޗައިނާ އިން ޓެކްސް ބޮޑުކޮށްފައިވާ މުދާތަކުގެ ތެރޭގައި، އެމެރިކާއިން ފުޅާދާއިރާ އެއްގައި އެކްސްޕޯޓު ކުރާ އެކި ބާވަތްތަކުގެ މަހާއި، ސޯޔާ ބީންސް، ކާރު ހިމެނެ އެވެ.