ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އާލް ސައުދުގެ ހިލޭ އެހީގެ ދަށުން އިމާރާތް ކުރަމުންދާ ކިންގް ސަލްމާން މިސްކިތް ސައުދީގެ ވަފްދަކުން މިދިޔަ ހޮނިހިރު ދުވަހު ބައްލަވާލައްވައިފި އެވެ. މި މިސްކިތަކީ 95 މިލިއަން ޑޮލަރު ހަރަދުކޮށްގެން އަޅަމުންދާ މިސްކިތެކެވެ.
ސައުދީގެ މިވަފްދަކީ ރާއްޖެ އާއި ސައުދީއާއެކު އެއްބަސްވުމެއްގައި ސޮއިކުރުމުގެ ގޮތުން ރާއްޖެ ވަޑައިގެންނެވި ވަފްދެކެވެ. މިވަފްދުގައި އިސްކޮށް ހުންނެވީ، ސައުދީ އިސްލާމިކް މިނިސްޓްރީގެ އަންޑާ ސެކްރެޓަރީ އަބްދުއްﷲ މުހައްމަދު އަލްސަމަލް އެވެ. އެ ވަފުދުން ކިންގް ސަލްމާން މިސްކިތަށް ޒިޔާރަތް ކުރެއްވީ އިއްޔެގެ ވަގުތެއްގަ އެވެ.
މުހައްމަދު އަލް ސަމަލް ކިންގް ސަލްމާން މިސްކިތަށް ޒިޔާރަތް ކުރެއްވިއިރު އަރިހުގައި ރާއްޖޭގެ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދް ޒާހިރުވެސް ވަޑައިގެންނެވި އެވެ.
ރާއްޖެއާ ސައުދީއިން ސޮއިކުރި އެއްބަސްވުމަކީ އިސްލާމްދީނަަށް ދިމާވަމުންދާ ގޮންޖެހުންތަކާއި އިސްލާމްދީން އިތުރަށް ކުރި އެރުވުމުގެ ގޮތުން ސައުދީއާއެކު ރާއްޖެ މަސައްކަތް ކުރުމުގެ ގޮތުން ސޮއި ކުރި އެއްބަސްވުމެކެވެ.
މިއީ ސައުދީގެ އިސްލާމިކް މިނިސްޓްރީގެ އަންޑާ ސެކްރެޓަރީ ރާއްޖެ ކުރި ފުރަތަމަ ދަތުރުފުޅެވެ. މީގެ ކުރިން، 2015 ވަނަ އަހަރު ނޮވެމްބަރު ސައުދީގެ އިސްލާމިކް މިނިސްޓަރު ޝޭއިހް ސާލިހް ބިން އަބްދުއް އަޒީޒް މުހައްމަދު ވަނީ ރާއްޖެ ވަޑައިގެން އޭރުގެ ރައީސް އަބްދުﷲ ޔާމީން އާ ބައްދަލުކުރައްވާފަ އެވެ.
ސައުދީގެ އަންޑާ ސެކްރެޓަރީ އަބްދުއްﷲ މުހައްމަދު އަލް ސަމަލް ވަނީ ރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީ އަށް ވެސް ޒިޔާރަތް ކުރުމަށް ހަމަޖެހިފަ އެވެ.