ބޮލީވުޑް

ޝާހިދު ކަޕޫރުގެ ކައިވެނީގެ ދައުވަތު 500 މީހުންނަށް: ކަރީނާ އަށް ދައުވަތު ދިންތަ؟

Jul 6, 2015

ދިއްލީއަށް ނިސްބަތްވާ ދަރިވަރެއް ކަމުގައިވާ މީރާ ރާޖްޕުތް އާއި ޝާހިދު ކަޕޫރުގެ ކައިވެނި މާދަމާ އޮންނާނެކަން ލީކުވެފައިވާ ކައިވެނީގެ ދައުވަތު ކާޑުން ހާމަވެފައިވާއިރު، ޝާހިދު ކައިވެންޏާއި ބެހޭގޮތުން އަދި ވާހަކަދައްކާފައި ނުވި ނަމަވެސް ކައިވެނީގެ ހުރިހާ ކަމެއް އަންނަނީ ވަރަށް ކައިރިން ބަލައި، ހަރަކާތްތެރިވަމުންނެވެ.

ބޮލީވުޑްގެ ހަބަރުތައް ގެނެސްދޭ ވެބްސައިޓްތަކުގައިވާ ގޮތުން 500 މީހުންނަށް ދައުވަތު ދީފައިވާ ޝާހިދު އާއި މީރާގެ ކައިވެނި އޮންނާނީ ގުރުގާއޮންގެ އުދްޔޯގް ވިހާރްގެ އޮބްރޯއީގަ އެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ޝާހިދު އާއި މީރާގެ ކައިވެނީގެ ދައުވަތު ކާޑު ޑިޒައިންކޮށްފައިވަނީ މަޝްހޫރު ތަރިންކަމަށްވާ ޝިލްޕާ ޝެޓީ އާއި ރިތިކް ރޯޝަންގެ ކައިވެނީގެ ދައުވަތު ކާޑުވެސް ޑިޒައިންކޮށްފައިވާ ރަވީޝް ކަޕޫރު އެވެ.

މިކައިވެނީގެ ދައުވަތު ކާޑައި ބެހޭގޮތުން ވާހަކަދައްކަމުން ރަވީޝް ބުނެފައިވަނީ، ޓާކޮއިޒް އަދި އޮފް ވައިޓް ކުލައިގެ މި ދައުވަތު ކާޑުގެ ކުލަ އާއި ޑިޒައިން އަދި ކާޑާއި އެކު ދައުވަތު ލިބޭ ފަރާތަކަށް ލިބޭ ހަދިޔާ އަކީ ޝާހިދުގެ ޗޮއިސް ކަމަށެވެ.

އިތުރަށް ކާޑައި ބެހޭގޮތުން ވާހަކަދައްކަމުން ރަވީޝް ބުނެފައިވާ ކާޑުގައިވާ ކުލައަކީވެސް ޝާހިދު އަށް ކަމުދިޔަ ކުލަކަމަށާއި، އަދި ކާޑުގައިވާ ފޮންޓާއި ޑިޒައިން އަކީވެސް ޝާހިދުގެ ހޮވުންކަމަށެވެ.

މީގެކުރިން މިކައިވެނީގެ ހުރިހާ ކަމެއް ކުރަމުން އައީ ދެފަރާތުގެ އާއިލާއިން ކަމުގައިވީ ނަމަވެސް، ދައުވަތު ކާޑުތަކުގެ ސާމްޕަލް ތަކެއް ދެއްކުމުން އެއަށް ބަދަލުތަކެއް ގެނެސް ކާޑުގެ ޑިޒައިނާއި، ކާޑާއިއެކު ފޮނުވަން ޖެހޭނީ ކޮންކަހަލަ ހަދިޔާއެއް ކަން ނިންމާފައިވަނީ ޝާހިދު ކަމަށެވެ.

އިންޑިއާގެ ކައިވެނިތަކުގައި އާންމުކޮށް ބޭނުންކުރަމުން އަންނަ ރަންކުލަ އަދި ރަތްކުލަ ކާޑުގައި ހިމަނާފައިނުވަނީ ޝާހިދު ބޭނުންވީ ވަރަށް އާދައިގެ ވިދުމެއް ނުހުންނަ ކާޑެއް ކަމަށެވެ.

ކައިވެންޏާއި ބެހޭގޮތުން ރިވޭޝް ވެސް މާގިނަ ވާހަކަތަކެއް ދައްކާފައިނުވި ނަމަވެސް ވަނީ ކައިވެނީގެ ހަފްލާއަށާއި، ރިސެޕްޝަން އަށް 500 މީހުންނަށް ދައުވަތު ދީފައިވާ ކަމަށެވެ.

ކައިވެނީގެ އުފަލުގައި ބާއްވާ ޕާޓީއަށް ބޮލީވުޑްގެ މަޝްހޫރު ގިނަ ތަރިންނެއް ދާނެ ކަމަށް ބެލެވޭއިރު، މިހަފްލާއަށް ވެސް ވަކިން ދައުވަތު ކާޑެއް އޮންނާނެ ކަމަށް ރަވީޝް ވަނީ ބުނެފަ އެވެ.

"އެ ދައުވަތު ކާޑާއި ބެހޭގޮތުންވެސް ވަރަށް އަވަހަށް އެނގިގެންދާނެ" މިވަގުތު އެއްވެސް މައުލޫމާތެއް ހިއްސާކުރެވެން ނެތް ކަމަށް ބުނަމުން ރިވޭޝް ބުންޏެވެ.

ޕާޓީ ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 12 ވަނަ ދުވަހު މުމްބައިގައި ކަމަށްވެ އެވެ.