ހަބަރު

"ހިޔާ" ކުދިންނަށް އަނަންތާރާ ރިސޯޓުން އިންޓާންޝިޕްގެ ފުރުސަތު

ކުޑަކުދިންގެ ހިޔާގައި ތިބި ކުދިންނަށް އިންޓާންޝިޕް ފުރުސަތު ފަހިކޮށްދިނުމަށްޓަކައި އަނަންތާރާ ރިސޯޓާއި ޖެންޑާ މިނިސްޓްރީއާ ދެމެދު އެމްއޯޔޫ އެއްގައި މިއަދު ސޮއިކޮށްފި އެވެ.

މި އެމް.އޯ.ޔޫ.ގެ ދަށުން ކުޑަކުދިންގެ ހިޔާގައި ދިރިއުޅޭ ކުދިންނަށް، އަނަންތާރާ ރިސޯޓްގައި އެއް އަހަރު ދުވަހުގެ ތަމްރީން ޕްރޮގްރާމެއް ފުރިހަމަކުރުމަށް ފުރުސަތު ލިބި، ފަތުރުވެރިކަމުގެ ދާއިރާއިން ވަޒީފާ ހޯދުމަށް މަގުފަހިވެގެންދާނެ އެވެ.

އަނަންތާރާ ދިގު ރިސޯޓުގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ރިސޯޓުގެ ފަރާތުން އެމް.އޯ.ޔޫގައި ސޮއިކުރެއްވީ ޖެނެރަލް މެނޭޖަރ މިސްޓަރ އެޑްރިއަން ސްޓޯޕް އެވެ. މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް އެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޝިދާތާ ވިދާޅުވީ ދައުލަތުގެ ބެލުމުގެ ދަށުގައި ދިރިއުޅޭ ކުދިން މުޖުތަމައުއަށް ނެރުމަށް ކުންފުނިތަކުގެ ހިއްސާ ވަރަށް މުހިންމު ކަމަށެވެ. އަދި މި ނަމޫނާ ފާއިތުވެ ދިޔަ އަހަރުތަކުގައި އަނަންތާރާ ރިސޯޓުން ދައްކަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.

މީގެ އިތުރުން، މި ވަގުތު ވެސް އަނަންތާރާ ރިސޯޓުގައި ޓްރޭނިންގ ޕްރޮގްރާމް ފުރިހަމަކޮށް ވަޒީފާ އަދާކުރަމުން ދާ ކުއްޖަކު ހުރި ކަން ފާހަގަކުރައްވައި، މި ފަދަ ފުރުސަތުތަކުގެ ބޭނުން ކުދިން އެންމެ ފުރިހަމަ ގޮތުގައި ހިފުމަށް ވެސް ޖެންޑާ މިނިސްޓަރު އިލްތިމާސްކުރެއްވި އެވެ.

މިނިސްޓްރީއާއި އަނަންތާރާ ރިސޯޓާ ދެމެދު މި ފަދަ އެމް.އޯ.ޔޫއެއްގައި މީގެ ކުރިން ވެސް ވަނީ ސޮއިކޮށްފަ އެވެ. މި އެމް.އޯ.ޔޫގެ ދަށުން ކުޑަކުދިންގެ ހިޔާގައި ދިރިއުޅޭ ދެ ކުއްޖަކު އަނަންތާރާ ރިސޯޓުގައި ތަމްރީނު ޕްރޮގްރާމް ފުރިހަމަ ކުރުމުގެ ފުރުސަތު ލިބިގެން ދިޔަ އެވެ. އަދި މިއަދު ސޮއިކުރެވުނު އެމް.އޯ.ޔޫއިން އިތުރު ތިން ކުއްޖަކަށް މި ފުރުސަތު ތަނަވަސްވެގެންދާނެ ކަމަށް ޖެންޑާ އިން ބުނެ އެވެ.