ފާއިތުވި 2018 ވަނަ އަހަރު 2،543 މީހެއްގެ މައްޗަށް ދައުވާ ކުރަން ފޮނުވާފައިވާ ކަމަށް ޕޮރެސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނެފި އެވެ.
އެ އޮފީހުގެ އަހަރީ ހިސާބުގައިވާ ގޮތުން، ނިމިދިޔަ އަހަރު އެންމެ ގިނައީ މަސްތުވާތަކެއްޗާއި ވައްކަމުގެ މައްސަލަ އެވެ. ދައުވާކުރި 2،534 މީހުންގެ ތެރެއިން 1،790 މީހެއްގެ މައްޗަށް ވަނީ މަސްތުވާތަކެއްޗާ ގުޅުން ހުރި ދައުވާ ސާބިތުވެފަ އެވެ. މީގެ ތެރޭގައި 90 އަންހެނުންނާއި 1،720 ފިރިހެނުން ހިމެނޭ ކަމަށް ޕީޖީ އޮފީހުގެ އަހަރީ ރިޕޯޓުގައި ބުނެފައިވެ އެވެ.
އަހަރީ ރިޕޯޓުގައި ވާގޮތުން، ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުނު 13 ފަރާތަކަށް ދައުވާ ކޮށްދިނުމަށް އެދި ޕީޖީ އޮފީހުން މިދިޔަ އަހަރު ވަނީ ކޯޓްތަކަށް ފޮނުވާފަ އެވެ. އަދި މީހެއްގެ ފުރާނައަށް ގެއްލުންވެދާނެ ފަދަ ކަމެއް ކުރުމުގެ ކުށުގައި ތިން މީހެއްގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވާއިރު މާރާމާރީއާ ގުޅުން ހުރި ދެ މައްސަލެއްގައި ވަނީ ދައުވާކުރަން ފޮނުވާފަ އެވެ.
މީގެ އިތުރުން މުދަލަށް ގެއްލުންދިނުމުގެ ކުށުގައި 20 މީހެއްގެ މައްޗަށް ދައުވާކުރުމަށް ފޮނުވާފައިވާއިރު، ހައްގު ނޫން މުދަލަކަށް ގަދަ ކަމުން ބާރު ފޯރުވަން އުޅުނު މައްސަލައިގައި ޕީޖީ އޮފީހުން ވަނީ 12 މީހެއްގެ މައްޗަށް ދައުވާކުރަން ފޮނުވާފަ އެވެ. ގަދަ ކަމުން ބަދު އަހްލާގީ އަމަލު ހިންގަން އުޅުނު ކަމުގެ ކުށުގައި ވަނީ އެއް މީހެއްގެ މައްޗަށް ދައުވާކުރަން ފޮނުވާފަ އެވެ.
ނިމިދިޔަ އަހަރު ތަހުގީގީ އިދާރާތަކުން އެ އޮފީހަށް ފޮނުވި މައްސަލަތަކުގެ ޖުމްލަ އަދަދަކީ 2،008 ކަމަށް ޕީޖީ އޮފީހުގެ އަހަރީ ރިޕޯޓުގައި ވަނީ ބުނެފަ އެވެ. އޭގެ ތެރެއިން ޕީޖީ ދައުވާކުރަން ނިންމި މައްސަލަތަކުގެ އަދަދަކީ 2،002 އެވެ. މީގެ ތެރެއިން ޕީޖީ އޮފީހަށް އެންމެ ގިނައިން ދައުވާކޮށްދިނުމަށް އެދި ހުށަހަޅަނީ ފުލުހުން އެވެ. އެ އިދާރާއިން 1203 މައްސަލައެއް ފޮނުވި އެވެ. އެއަށްފަހު އެންޓި ކޮރަޕްޝަން ކޮމިޝަން އާއި މޯލްޑިވްސް ކަސްޓަމް ސާވިސް އެވެ.
ރިޕޯޓްގައި ވާގޮތުން އެންމެ ގިނައިން ދައުވާ އުފުލީ ސުޕީރިއާ ކޯޓުތަކުގަ އެވެ. އެއީ 2،004 މީހުންގެ ދައުވާ އެވެ. ދެންމެ އެންމެ ގިނައިން ދައުވާ އުފުލީ، 980 މީހުންގެ މައްޗަށް ކްރިމިނަލް ކޯޓްގަ އެވެ. އެއަފަހު ޑްރަގް ކޯޓް އަދި ޖުވެނައިލް ކޯޓަށެވެ.
ޕީޖީ އޮފީހުން މިދިޔަ އަހަރު ޖުމްލަކޮށް ދައުވާކުރަން ފޮނުވި މީހުންގެ ތެރޭގައި، 18 އަހަރުން ދަށުގެ 75 ކުއްޖަކާއި 100 އަންހެނުންނާއި 2،434 ފިރިހެނުން ހިމެނެ އެވެ.