ގައުމީ ފުޓްބޯޅް ޓީމް

ގައުމީ ޓީމަށް ފުރަތަމަ ފަހަރަށް ސިފައިންގެ ކުޅުންތެރިޔެއް

އޭޝިއާގެ 23 އަހަރުން ދަށުގެ ޗެމްޕިއަންޝިޕްގެ ކޮލިފިކޭޝަނަށް އެކުލަވާލި ގައުމީ ފުޓްބޯޅަ ޓީމުގެ ސްކޮޑުގައި، އެމްއެންޑީއެފްގެ ކުޅުންތެރިޔެއް ހިމަނައިފި އެވެ.

މިމަހު 22 ން 26 އަށް ސައުދީ އަރަބިއްޔާ ގައި ކުރިއަށްދާ، ކޮލިފިކޭޝަންގައި ވާދަ ކުރާ ޓީމުގެ ސްކޮޑުގައި ހިމެނި ކުޅުންތެރިޔަކީ، އެމްއެންޑީއެފްގެ ވަޒީފާ އަދާ ކުރަމުން އަންނަ ޕްރައިވެޓް މުހައްމަދު ނިޔާޒު އެވެ.

މިދިޔަ މަހު ނިމިގެންދިޔަ، އެމްއެންޑީއެފް އިންޓަ ޑިޕާޓްމެންޓް މުބާރާތުގައި އޭނާ ވަނީ، އެމްއެންޑީއެފްގެ ކޮމްބައިން ޓީމަށް ކުޅެފަ އެވެ، މުބާރާތަށް ތައްޔާރު ވުމުގެ ގޮތުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ޓްރެއިނިން ކޭމްޕްގައި ބައިވެރިވުމަށް، ނިޔާޒު މިރޭ ވަނީ ގައުމީ ޓީމާއެކު ފިލިޕީންސަށް ފުރާފަ އެވެ.

މާލެއިން، ފުރުމުގެ ކުރިން، މީޑިއާގައި ވާހަކަ ދައްކަމުން ގައުމީ ޓީމުގެ ކޯޗް ޕީޓާ ޝެގަޓް ވަނީ، ހއ. ދިއްދޫއަށް އުފަން ނިޔާޒުއަށް ވަރަށް ބޮޑަށް ތައުރިފު ކޮށްފަ އެވެ.

"ސިފައިންގެ ކުޅުންތެރިޔާ [ނިޔާޒް] އަކީ ވަރަށް ހުނަރުވެރި ކުޅުންތެރިޔެއް، ވަރަށް ސްޕީޑް ބާރު ރަނގަޅު ކޮންޑިޝަންގައި ހުރި ޒުވާން ކުޅުންތެރިޔެއް،" ނިޔާޒުއަށް ތައުރީފް ކުރަމުން ސާފް ޗެމްޕިއަންޝިޕް ރާއްޖެއަށް ހޯދައިދިން ޝެގަޓް ބުންޏެވެ. "އަހަންނަށް އޭނާ ފާހަގަވީ މިލްޓަރީ ފުޓްބޯލް ޓޯނަމަންޓުން، އޭނާއަށް އަހަރެމެންނާއެކު ދެވޭގޮތް ވުމުން އަހަރެން ވަރަށް ހިތްހަމަޖެހޭ، އެކަމަށްޓަކައި މިލްޓަރީއަށް އަދި މިނިސްޓަރު މާރިޔާއަށް ޝުކުރު އަދާ ކުރަން."

ވޮލީ އާއި ހޭންޑްބޯލް އަދި އެތުލެޓިކްސްގެ އިތުރުން ބައެއް އެހެން ކުޅިވަރުތަކުގައި އެމްއެންޑީއެފް އާއި ފުލުހުންގެ ތެރޭގައި ވަޒީފާ އަދާ ކުރާ ކުޅުންތެރިން ހިމެނެ އެވެ. ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު އަކީވެސް އެމްއެންޑީއެފްގައި ވަޒީފާ އަދާ ކުރަމުން އަންނަ އެތުލީޓެކެވެ. މީގެ އިތުރުން ބައެއް އެހެން ދުވުންތތެރިންވެސް އެމްއެންޑީއެފްގައި ވަޒީފާ އަދާ ކުރެ އެވެ. މިއީ ގައުމީ ފުޓްބޯޅަ ޓީމުން ސިފައިންގެ ކުޅުންތެރިޔަކަށް ފުރުސަތު ދިން ފުރަތަމަ ފަހަރެވެ.

ސިފައިންނާއި ފުލުހުންނަށް، ރާއްޖޭގެ ރަސްމީ ފުޓްބޯޅަ މުބާރާތްތަކުގައި އަލުން ވާދަ ކުރުމުގެ ފުރުސަތު ދިނީ 2016 ވަނަ އަހަރު، އެފްއޭއެމްގެ ކުރީގެ ރައީސް އަހްމަދު ތޯރިގް 'ޓޮމް' ގެ އިސްނެގުމުގެ މަތިންނެވެ.

ފުޓްބޯޅައިން، ސިފައިންނާއި ފުލުހުންނަށް ހުއްދަ ދޭން އުޅުމުން، ބައެއް ކުލަބުތަކުން ފުރަތަމަ ކަންބޮޑުވުންވެސް ފާޅު ކުރި އެވެ. އެކަމާ މެދު މީޑިއާތަކުންނާއި ފުޓްބޯޅައިގެ ބައެއް ފަރާތްތަކުންވެސް ހިޔާލު ތަފާތުވުން ހުއްޓެވެ. ސިފައިންނާއި ފުލުހުންނަށް ފުޓްބޯޅައިން ފުރުސަތު ދިނީ، އެކިފަހަރު މަތިން ހުއްދަ ދީފައި، އަނެއްކާވެސް ބާތިލުކޮށް ހުއްދަ ދެމުން އައިސް ތިން ވަނަ ފަހަރަށެވެ.

އެންމެ ފުރަތަމަ ހުއްދަ ދިނީ، 2009 ވަނަ އަހަރު އެފްއޭއެމްގެ ކުރީގެ ރައީސް އަލީ އާޒިމުގެ ދައުރުގަ އެވެ. އެފަހަރު ދިން ހުއްދަ 2010 ވަނަ އަހަރު ބާތީލު ކުރީ، ފުރަތަމަ ޑިވިޝަން ކުލަބުތަކުގެ ޕްރެޝަރާ ހެދި އެވެ.

އާޒިމަށް ފަހު، އެފްއޭއެމްގެ ރައީސް ކަމަށް ވަޑައިގެންނެވި އިލްހާމް އަހްމަދުގެ ދައުރުގައިވެސް، ފުލުހުންނާއި ސިފައިންނަށް ފުރުސަތު ދިނެވެ. އިލްހާމްގެ ދައުރު ނިމެން ކައިރިވެފައި ވަނިކޮށް، އެފްއޭއެމްއަށް ނޯމަލައިޒޭޝަން ކޮމިޓީއެއް އެކުލަވާލައި، އޮލިމްޕިކް ކޮމިޓީގެ ރައީސް، މުހައްމަދު ޝަވިދު ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަންކަމަށް ވާޑައިގެން އޭނާ ވަނި އެ ހުއްދަ ބާތިލު ކޮށްފަ އެވެ. އެއަށްފަހު 2016 ވަނަ އަހަރު އެފްއޭއެމްގެ ރައީސްކަމަށް ތޯރިގް އިންތިހާބުވެ އޭނާ ވަނީ އަލުން ސިފައިންނާއި ފުލުހުންނަށް ފުރުސަތު ދީފަ އެވެ.

އޭރު ތޯރިގް ވިދާޅުވީ، ސިފައިންނާއި ފުލުހުންނަށް ފުރުސަތު ދިނީ، އަލީ އަޝްފާގް 'ދަގަނޑޭ' އަށް ފަހު ދެން ޖެހިގެން ހުރި ކުޅުންތެރިޔާ ހުރީ ފުލުހުންނާއި ސިފައިންގެ މުއައްސަސާ ކަމުގައި ވެދާނެތީ، އެފުރުސަތު ހޯދައި ދިނުމުގެ ގޮތުން ކަމަށެވެ.

އެމްއެންޑީއެފްގައި ރަސްމީ ފުޓްބޯޅަ ޓީމެއް އޮވެއެވެ. ދިވެހި ސިފައިންގެ ކުލަބު 'ޑީއެސްސީ'ގެ ނަމުގައި ވާދަ ކުރާ ކުލަބުން ވަނީ، މިދިޔަ އަހަރުގެ ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލަށް ދަތުރު ކޮށްފަ އެވެ. ކޮންމެ ރޯދަމެއްހައި ބާއްވާ، ވެޓަރަންސް ފުޓްބޯޅަ މުބާރާތުގައިވެސް ޑީއެސްސީން ވާދަ ކުރެ އެވެ.