ދުނިޔެ

ކެނެޑާގެ ސަރުކާރު ގޮވައިގެން ވާވޭގެ ވެރިޔާ ކޯޓަށް

Mar 4, 2019

ވެންކޫވާ (މާޗް 4) - ކެނެޑާގެ އެއާޕޯޓަކުން ހައްޔަރުކުރުމުގައި އަސާސީ ހައްގުތަކަށް އަރައިގެންފައިވާކަމަށް ބުނެ، ކެނެޑާގެ ސަރުކާރާއި ދެކޮޅަށް ޗައިނާގެ ޓެލެކޮމް ކުންފުނި ވާވޭގެ އެކްޒެކެޓިވް މެންބަރެއް ކަމަށްވާ މެންގް ވަންޒޫ ކޯޓަށް މައްސަލައެއް ހުށަހަޅައިފި އެވެ.

އެމެރިކާއިން އެދިގެން، ވާވޭގެ ޗީފް ފައިނޭންޝަލް އޮފިސަރު އަދި ކުންފުނީގެ ބާނީގެ އަންހެން ދަރިފުޅު ވެންކޫވާ އެއާޕޯޓުން ހައްޔަރު ކުރީ މިދިޔަ ޑިސެމްބަރު މަހު އެވެ.

އިރާނާ ދެކޮޅަށް އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ ހިލާފަށް ވަންޒޫ އިސްވެ ވިޔަފާރިކޮށްފައިވާ ކަމަށް ތުހުމަތުކޮށް، އެކަމުގެ ދައުވާ ކުރުމަށް އެމެރިކާއާ ހަވާލު ކުރުމަށް އެމެރިކާ ސަރުކާރުން ދަނީ ބާރު އަޅަމުންނެވެ.

ނަމަވެސް، ކެނެޑާގެ ފެޑަރަލް ސަރުކާރާއި، ފުލުހުންގެ އިތުރުން، ބޯޑަރު ސާވިސް އޭޖެންސީ އާއި ދެކޮޅަށް މެންގް ވަނީ މަދަނީ މައްސަލައެއް ހުށަހަޅައިފަ އެވެ.

މެންގް ހުށަހެޅި މައްސަލާގައި ބުނެފައިވަނީ، އޭނާ ހައްޔަރުކުރުމުގެ ކުރިން، ބޯޑަރު ސާވިސް އޭޖެންސީއިން އޭނާ އެއާޕޯޓުން ހިފަހައްޓައި، ބަލާ ފާސްކޮށްފައިވަނީ "އޮޅުވާލައިގެން" ކަމަށެވެ. އަދި ހިފެހެއްޓި ސަބަބު ބުނެނުދީ، އޭނާއާ ސުވާލުކޮށްފައިވަނީ، ވަކީލެއްގެ ހައްގު ވެސް ބޭނުންކުރުމުގެ ފުރުސަތު ނުދީކަމަށްވެސް އެ މައްސަލާގައި ބުނެފައިވެ އެވެ.

މިދިޔަ ޖެނުއަރީ މަހު އެމެރިކާ އިން ވަނީ ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު މޯބައިލް އުފައްދާ ކުންފުނި ވާވޭ އާއި އެ ކުންފުނީގެ ސީއެފްއޯގެ މައްޗަށް ގިނަ ދައުވާތަކެއް އުފުލައިފަ އެވެ. އަދި މެންގް އެމެރިކާއާ ހަވާލުކުރުމަށް، ކޯޓުގައި މައްސަލަ ކުރިއަށް ގެންދިއުމަށް ކެނެޑާ ސަރުކާރުން ވަނީ ނިންމައިފަ އެވެ.

ކަފާލާތުގެ ދަށުން މިވަގުތު މިނިވަންކޮށްފައިހުރި، މެންގް ވަންޒޫ އާއި ގުޅޭގޮތުން ކޯޓުން ނިންމާނީ، އެމެރިކާ އާއި ކެނެޑާ އާދެމެދު އޮތް ކުށްވެރިން ބަދަލުކުރުމުގެ އެއްބަސްވުމަށް ފެތޭތޯ އެވެ.

ކެނެޑާގެ އޮފިޝަލުން ތުހުމަތުކުރާ ގޮތުގައި، ވަންޒޫ ވަނީ އެހެން ކުންފުންޏެއްގެ ނަމުގައި އިރާނާއެކު ވިޔަފާރީގެ މުއާމަލާތްތަކެއް ކޮށްފަ އެވެ.

ވާވޭއާއި އެއްވެސް ގުޅުމެއްނެތް ކަމަށް ދައްކައި، ސްކައި ކޮމް ކިޔާ ކުންފުންޏަކުން އިރާނުގައި ވިޔަފާރިކޮށްފައިވަނީ، ވަންޒޫ އިސްވެ ހުރެ ބޮޑެތި އޮޅުވާލުންތަކެއްގެ ނިވަލުގައި ކަމަށް ކެނެޑާއިން ވަނީ ތުހުމަތުކޮށްފަ އެވެ.

އެ މައްސަލާގައި، ޗައިނާގައި ހުންނަ އެމެރިކާ ސަފީރު ވަނީ ފޮރިން މިނިސްޓްރީއަށް ހާޒިރުކޮށް ސުވާލުކޮށްފަ އެވެ. އަދި ވަންޒޫ ހައްޔަރުކުރުމަށް އެމެރިކާއިން ނެރެފައިވާ އަމުރު ބާތިލުކުރުމަށް ވެސް، ޗައިނާއިން ވަނީ އެމެރިކާ ސަފީރު މެދުވެރިކޮށް އަންގާފަ އެވެ.

އެ ދައުވާތައް ސާބިތުވެއްޖެނަމަ، 46 އަހަރުގެ ވަންޒޫއަށް 30 އަހަރުގެ ޖަލު ހުކުމެއް އަންނާނެ ކަމަށް ބެލެވެ އެވެ.

އެމެރިކާ އާއި ޗައިނާގެ ވިޔަފާރީގެ ގުޅުމުގައި ނުތަނަވަސްކަން އުފެދިފައިވާ ދުވަސްވަރެއްގައި، ވަންޒޫ ހައްޔަރުކޮށްފައިވަނީ އެއްވެސް ސަބަބެއް ނެތި ކަމަށް ޗައިނާގެ އިތުރުން ވާވޭ ކުންފުނިން ވެސް ދަނީ ތަކުރާރުކޮށް ބުނަމުންނެވެ.