ތުރުކީގެ އިސްތަންބޫލުގައި ހުންނަ ސައުދީ ކޮންސިއުލޭޓްގެ ތެރޭގައި މަރާލާފައިވާ ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީގެ ހަށިގަނޑު ނައްތާލައިފަނީ، ސައުދީ ސަފީރުގެ ގެކޮޅުގައި ހުރި ބޮޑު އަވަނެއްގެ ތެރޭގައި އަންދާލައިގެންކަމަށް އަލްޖަޒީރާ ނޫހުން ކުރި ތަހުގީގީ ރިޕޯޓެއްގައި ބުނެފި އެވެ.
ސައުދީގެ ޝާހީ އާއިލާއަށް ވަރަށް ބޮޑަށް ފާޑުކިޔަމުންދިޔަ، ނޫސްވެރިޔާގެ މަރާއި ގުޅޭގޮތުން އާ މައުލޫމާތުތަކެއް އަލްޖަޒީރާ އެރެބިކް އިން ނެރުނު ރިޕޯޓެއްގައި ވަނީ ހާމަކޮށްފަ އެވެ.
އެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، ޚާޝުގްޖީ ހަށިގަނޑުގެ ބައިތައްކަމަށް ބެލެވޭ ކޮތަޅުތަކެއް، ސައުދީ ކޮންސިއުލޭޓްގެ ތެރެއިން ނެރެގެން، އެ އިމާރާތާއި އިންވެގެން ހުރި ސައުދީ ސަފީރުގެ ގެކޮޅަށް ވެއްދިއިރު، އެ އަވަން ރޯކޮށްފައިހުރި ތަން ތުރުކީ އޮފިޝަލުންނަށް ފެނިފައިވާ ކަމަށެވެ.
އެ އަވަން ހެދުމުގައި މަސައްކަތްކުރި މީހަކު ދިން އިންޓަވިއު އެއްގައި ބުނެފައިވަނީ، އެ އަވަން ހެދީ ސައުދީ ކޮންސިއުލޭޓުން ބުނި މިންގަޑަށް ކަމަށެވެ. އޭނާ ބުނި ގޮތުގައި، އެ އަވަން ހަދާފައިވަނީ، ދަގަނޑު ވިރޭ ހޫނުމިން ހިފެހެއްޓޭވަރަށް ފުންކޮށެވެ.
އަދި ނޫސްވެރިޔާގެ ހަށިގަނޑު އަންދާލި އަމަލު ފޮރުވަން، އެ އަވަނުގައި ގިނަ އަދަދެއްގެ އެއްގަމު މަސް ހުރި ކޮތަޅުތަކެއް އަންދާފައިވާކަމަށް ވެސް އަލްޖަޒީރާއިން ވަނީ ތުހުމަތުކޮށްފަ އެވެ.
މީގެ އިތުރުން، ސައުދީ ސަފީރުގެ ގެކޮޅު ބަލާ ފާސްކުރިއިރު، ބައެއް ފާރުތަކުން ޚާޝުގްޖީގެ ލޭގެ އަސަރު ފެނިފައިވާކަމަށް ވެސް ތުރުކީ އޮފިޝަލުންނާއި ހަވާލާދީ އެ ރިޕޯޓުގައި ބުނެފައިވެ އެވެ. ލޭގެ އަސަރު ފޮރުވަން، އެ ފާރުތަކުގައި ހުރީ ސައުދީ އޮފިޝަލުން ކުލަ ލާފައިވާކަމަށް ވެސް އަލްޖަޒީރާއިން ވަނީ ބުނެފަ އެވެ.
އަލްޖަޒީރާ އިން އެ ޑޮކިޔުމެންޓަރީ ތައްޔާރުކޮށްފައިވަނީ، ތުރުކީގެ ތަހުގީގީ އިދާރާތަކުގެ އޮފިޝަލުންނާއި، ބައެއް ސިޔާސީ ބޭފުޅުންގެ އިތުރުން، ޚާޝުގްޖީގެ ބައެއް ރަހުމަތްތެރިންގެ އިންޓަވިއުތަކަށް ބިނާކޮށެވެ.
ޚާޝުގްޖީގެ މަރުގެ މައްސަލައިގައި ސައުދީގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާންގެ މައްޗަށް ތުހުމަތު ކުރެވުނު ނަމަވެސް ސައުދީ އިން އެކަން ދޮގު ކުރެ އެވެ. އަދި އެ މައްސަލައިގައި 21 މީހަކު ސައުދީ ސަރުކާރުން ހައްޔަރު ކުރި އެވެ. އޭގެ ތެރޭގައި ވަލީއަހުދު މުހައްމަދުގެ ގާތް ބޭފުޅުން ހިމެނެ އެވެ.
އޭގެ ތެރެެއިން 11 މީހެއްގެ މައްޗަށް ދައުވާ އުފުލާފައިވާ އިރު، އޭގެ ތެރެއިން ފަސް މީހެއްގެ މައްޗަށް މަރުގެ އަދަބު ދިނުމަށް ސައުދީއިން އަންނަނީ މަސައްކަތް ކުރަމުން އެވެ.
ޚާޝުގްޖީ ގަތުލު ކުރުމުގައި އަމަލީ ގޮތުން ބައިވެރިވި މީހުން ތުރުކީއާ ހަވާލު ކުރުމަށް އެ ގައުމުގެ ސަރުކާރުން މީގެ ކުރިން އެދިފައިވެ އެވެ. އެހެން ނަމަވެސް އެކަމަށް ދެކޮޅު ހަދައި ސައުދީ ސަރުކާރުން ބުނީ އެ މީހުންގެ މައްޗަށް ޝަރީއަތް ކޮށް އަދަބު ދޭނީ ސައުދީގައި ކަމަށެވެ. އަދި އެ ގަތުލު ހިންގީ، ސައުދީ ސަރުކާރުގެ ވެރިންނަށް އެނގިގެން ނޫން ކަމަށާއި އެކަން ކުރީ ސައުދީ ސަލާމަތީ ހިދުމަތްތަކުގައި ހިމެނޭ ބަޔަކު އެ މީހުން އަމިއްލަ އިސްނެގުމަކަށް ކަމަށް ވެސް ސައުދީ އިން ވަނީ ބުނެފަ އެވެ.